Roadha Mihaaru
މަސްވެރިއެއްގެ ލޮލަށް އަނެއްކާ ވެސް ބުޅިއެއް ހެރިއްޖެ

މަސްވެރިއެއްގެ ލޮލަށް އަނެއްކާ ވެސް ބުޅިއެއް ހެރިއްޖެ

09 ޑިސެމްބަރ 2020

ގއ. އެކަފަރު ކައިރިއަށް މަހަށް ނުކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އިތުރު ފަރުވާއަށް އެ އަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް މިއަދު ގެންގޮސްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގއ. އެކަފަރު ކައިރިއަށް މަހަށް ނުކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އިތުރު ފަރުވާއަށް އެ އަތޮޅު ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް މިއަދު ގެންގޮސްފި އެވެ.

މި ހާދިސާގައި ހޮސްޕިޓަލަށް ގެންދިޔައީ އެ އަތޮޅު މާމެންދޫ ދޯންޏެއް ކަމަށްވާ "ކޯމަސް" ގައި މަހަށް ނުކުމެ އުޅުނު 36 އަހަރުގެ މީހެކެވެ. މި ހާދިސާގައި ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 11:30 ހާ އިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ލޮލަށް ބުޅި ހެރިގެން ލިބޭ އަނިޔާތަކުގައި ބައެއް ފަހަރު ލޮލުގެ ފެނުމުގެ 85-90 ޕަސެންޓު ގެއްލުން އެކަށީގެން ވެ އެވެ. އަދި ބައެއް ފަހަރު މުޅި އުމުރަށް ލޮލުގެ ފެނުން ގެއްލެ އެވެ.

މަސްވެރިންގެ ލޮލަށް ބުޅި ހެރުމަކީ އާންމުކޮށް މިހާރު ހިނގާ ހާދިސާއެކެވެ. މި ކަމުން ރައްކާތެރިވާން މަހަށް ނިކުމެ އުޅޭ އިރު އައިނު ނުވަތަ ގޮގްލް ފަދަ ލޯ ނިވާ ވާނެ ފަދަ އެއްޗެއް އެޅުން މުހިއްމެވެ. މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި މި ފަދަ އަނިޔާ ވެގެން މަދުވެގެން ދެ މީހަކަށް ފަރުވާ ދޭން ޖެހޭ ކަމަށް ލޮލުގެ ހާއްސަ ޑޮކްޓަރު މުހައްމަދު އައްޒާމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.