Roadha Mihaaru
ގެއްލުނީކީ ނޫން، އައިނަކާ އެކު ބޭރަށް ދެވުނީ: ކެޔޮޅު

ގެއްލުނީކީ ނޫން، މަސް އައިނަކާ ޖެހިގެން ބޭރަށް ދެވުނީ: ކެޔޮޅު

27 ފެބުރުއަރީ 2017

ބޮޑު ކަންނެއްޔަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ "ބްލޫ ފިޝް" ދޯނި ގެއްލުނީ ނޫން ކަމަށާއި މަސް އައިނެއްގައި ޖެހިގެން ތަންކޮޅެއް ބޭރަށް ދެވުނީ ކަމަށް އެ ދޯނީގެ ކެޔޮޅު މިއަދު ބުނެފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ބޮޑު ކަންނެއްޔަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ "ބްލޫ ފިޝް" ދޯނި ގެއްލުނީ ނޫން ކަމަށާއި މަސް އައިނެއްގައި ޖެހިގެން ތަންކޮޅެއް ބޭރަށް ދެވުނީ ކަމަށް އެ ދޯނީގެ ކެޔޮޅު މިއަދު ބުނެފި އެވެ.

ހއ. ތުރާކުނު ފަރިޔާޒުގޭ، އަހްމަދު ޝަރީފާއި މުހައްމަދު ހަސަންގެ ބްލޫ ފިޝް ދޯނި ހުޅުމާލެ އިން އައިސް އަޅައިގެން މަހަށް ނުކުތީ މިދިޔަ ހޯމަ ދުވަހު އެވެ.

ކެޔޮޅު މުހައްމަދު ވަހީދު، މީރާޒް، ތުރާކުނު، ބުނި ގޮތުގައި އެ ދޯނި ކިތަންމެ ބޭރަށް ނުކުތަސް ކޮންމެ ހަފުތާއަކު ވެސް ހުކުރު ދުވަހު، މީހުން އުޅޭ ކޮންމެވެސް ރަށަކަށް ހުކުރު ވަގުތަށް ވަންނާނެ އެވެ. އަދި ދޯނި ގެއްލިގެން ހޯދަން ފެށީ ހުކުރު ދުވަހު ރަށަކަށް ނުވަދެވުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

"މިފަހަރު ވީ ގޮތަކީ، މިދިޔަ ހޯމަ ދުވަހު 11 ޖަހާކަށް ހާއިރު ހުޅުމާލެ އިން އައިސް އަޅައިގެން ނައްޓާލީ. ދެން ކަނޑަށް ނުކުމެގެން އިރުމައްޗަށް ދުއްވީ މަސްވެރިކަން ކުރަން. އެހެން އުޅެފައި ބުރާސްފަތި ދުވަހު އެތެރެ އަށް އަންނަން ދުއްވަނިކޮށް އަނެއްކާ ފެނުނީ އައިނެއް. އެ އައިނާ އެއްކޮށް އަނެއްކާ ބޭރަށް ދެވުނީ،" ވަހީދު ބުންޏެވެ.

"ދެން އެ އައިން ދޫކޮށްލާފައި، އެންމެ ކައިރިން އޮތް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށަކާ ހަމައަށް އަންނަން ބެލި އިރު، އެ ހިސާބަށް އާދެވެން އޮތީ ހުކުރު ދުވަހުގެ މެންދުރު 1:30 ހާއިރު. އޭރު އަހަރުމެން ތިބީ ނ. އަތޮޅުގެ އިރުން 150 މޭލު ބޭރުގައި. އެހެންވީމާ ހުކުރަށް އާދެވޭނެހާ ވަގުތު ނެތީމާ އަނެއްކާވެސް އެހާ ބޮޑު ޚަރަދެއް ކޮށްފައި ނާންނަން ވެގެން މަޑުކޮށްލައިގެން ތިބީ."

މަހަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ބްލޫ ފިޝް ދޯނި މިއަދު މަސް ކިރުވަން ހުޅުމާލޭ ފަޅުގައި. ފޮޓޯ މިހާރު

މަހަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ބްލޫ ފިޝް ދޯނި މިއަދު މަސް ކިރުވަން ހުޅުމާލޭ ފަޅުގައި. ފޮޓޯ މިހާރު

އޭނާ ބުނި ގޮތުގައި މިފަހަރުގެ ދަތުރުގައި ވެސް، އެހެން ދަތުރުތަކާ ޚިލާފު ކަމެއް ނުކުރެ އެވެ. މައްސަލައަކަށް ވީ ހުކުރަށް ނާދެވި، ފޯނުގެ ރޭންޖު ނުލިބޭ ހިސާބުގައި ތިބުމުން އެއްވެސް ބަޔަކަށް އެ ދޯންޏާ ނުގުޅުމެވެ. އެ ގޮތަށް ދިމާވުމުން ޚަބަރެއް ނުވެގެން ހޯދަން ފެށީ ކަމަށް ވަހީދު ބުންޏެވެ.

"ބައެއް ފަހަރަށް މޫސުން ރަނގަޅަށް އޮތިއްޔާ އަހަރުމެން އެބަ ނުކުންނަން 160 މޭލަށް ވެސް އަދި 120 މޭލަށް ވެސް. އެކަމަކު ކޮންމެ ހަފުތާއަކު ވެސް ހުކުރު ދުވަހަށް އެތެރެ އަށް ވަންނަން. މިފަހަރު ހުކުރަށް އަންނާނެހާ ވަގުތު ނުލިބުނީ. އެހެންވީމާ ވީ ގޮތެއް މިއީ. ކަނޑުމަތީގެ އެއްވެސް ހާދިސާއެއް ވެސް ދިމަލެއް ނުވޭ. މޫސުން ވެސް އޮތީ ވަރަށް ރީތިކޮށް،" ވަހީދު ބުންޏެވެ.

ހުކުރަށް ނާދެވި ލަސްވުމުން ވެސް އެ ދޯނި ގެއްލިގެން އުޅޭ ކަން އެނގިފައި ނުވާ ކަމަށް ވަހީދު ބުންޏެވެ. އަދި ކޮންމެ ދުވަހަކު ވެސް، މަހަށް ނުކުމެ އުޅޭ ދޯނިތަކާ ވީއެޗްއެފް ސެޓުން ވާހަކަ ދައްކާ ކަމަށާއި، އެއިން ދޯންޏަކުން ވެސް އެ ކަހަލަ ޚަބަރެއް ނުލިބޭ ކަމަށް ވެސް ބުންޏެވެ.

އޭނާ ބުނީ މަހަށް ނުކުމެ އުޅޭއިރު، ދޯނި އޮންނަ ހިސާބު އަބަދުވެސް ޖީޕީއެސް މެދުވެރިކޮށް ބަލަމުން އަންނަ ކަމަށެވެ.

"ބޭރަށް ދަންޏާ ވަކި ފަރާތަކަށް އަންގަން ޖެހޭ ކަމެއް އެނގިފައެއް ނެތް. އަޅުގަނޑުމެން މި އުޅެނީ ރާއްޖޭގެ ސަރަހައްދުގައި. މަސްވެރިކަން ކުރަން ހުއްދަ މި އޮންނަނީ ރާއްޖޭގެ ވަށައިގެން 200 މޭލުގެ ސަރަހައްދެއް. އުތުރުން މަލިކާ ދިމާލުން މި އޮންނަނީ 35 މޭލުގެ ސަރަހައްދެއް. އެ ސަރަހައްދުގެ ތެރޭގައި އަހަރުމެން އަބަދުވެސް މި އުޅެނީ،" ވަހީދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދޯނީގައި ސެޓެލައިޓް ފޯނެއް ނޯވެ އެވެ.

މަހަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ބްލޫ ފިޝް ދޯނި މިއަދު އެނބުރި އައިސް، މަސް ކިރުވަން ހުޅުމާލޭ ފަޅުގައި --ފޮޓޯ މިހާރު

މަހަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ބްލޫ ފިޝް ދޯނި މިއަދު އެނބުރި އައިސް، މަސް ކިރުވަން ހުޅުމާލޭ ފަޅުގައި --ފޮޓޯ މިހާރު

"އެހެންވީމާ އެހާ ދުރުގައި ތިބެފައި ރަށާ ސީދާ ގުޅޭނެ ގޮތެއް ނޯވެ. ކުޑަ ތަންކޮޅަކަށް ނުކުންނަ އިރަށް މޯބައިލްގެ ރޭންޖު ކަޓާނެ،" ވަހީދު ބުންޏެވެ.

"ސެޓެލައިޓް ފޯނެއް ނޯންނާނެ. ދެން ހުންނާނީ (ވީއެޗްއެފް) ސެޓް. އެ ސެޓު މެދުވެރިކޮށް އެއް ދޯނި އަނެއް ދޯނި މެދުވެރިކޮށް ރަށާ ވާހަކަ ދައްކާނީ. އިއްޔެ ވެސް އޮޑިފަހަރާ ވާހަކަ ދެއްކިން. އެއިން ދޯންޏަކުން ވެސް ނުބުނޭ އަހަރެމެން ގެއްލިގެން އުޅޭ ވާހަކައެއް. އިއްޔެ ހަވީރު 5:30 ހާއިރު ވެސް ދޯންޏެއްގައި އުޅޭ ވަރަށް ގާތް މީހަކާ ވެސް ސެޓުން ވާހަކަ ދެއްކިން. އޭނާ ވެސް ނުބުނޭ އަހަރެމެންގެ ޚަބަރެއް ނުވެގެން ހޯދަމުން އަންނަ ވާހަކައެއް،" ދެ ޓަނުގެ ކަންނެލި ހިފައިގެން ހުޅުމާލެ އަށް ކިރުވަން ގޮސް ހުރި ވަހީދު ބުންޏެވެ.

އޭނާ ބުނީ އެ ދޯނި ގެއްލިގެން އުޅޭ ކަން އެނގުނީ މާލެއާ ދިމާލަށް ދަތުރު ކުރަމުން އަންނަނިކޮށް ރޭ މެންދަމު 12 ޖެހި އިރު ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޚަބަރުންނެވެ. އަދި ރޭ ދަންވަރު އެކެއް ޖެހި ފަހުން މޮބައިލް ފޯންގެ ރޭންޖު ލިބެން ފެށުމުން އޮޑިވެރިންނަށް ގުޅި ކަމަށް ވެސް އޭނާ ބުންޏެވެ.

ގަދަ ނޫކުލައިގެ ދަވާދު ލާފައި އޮތް، 87 ފޫޓުގެ މި ދޯނި މަސްވެރިކަމުން އެނބުރި މި އައީ، ދޯނި ގެއްލިގެން ސިފައިން ނުކުމެ ކަނޑުމަގުން ހޯދައިގެން ވެސް ނުފެނުމުން، އެ ދޯނި ހޯދަން އިންޑިއާގެ ކަނޑުގެ ސިފައިންގެ ސަވައިލަންސް މަތިންދާބޯޓެއްގެ އެހީގައި ވައިގެ މަގުން މިއަދު ހެނދުނު މަސައްކަތް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.