Roadha Mihaaru
ސިފައިން އުޅުނީ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން

ބޭރުގެ ސިފައިން ތިން ދޯންޏަކަށް އެރި، އުޅުނީ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން

31 ޖެނުއަރީ 2024

ރާއްޖޭގެ އުތުރު ކަނޑުގައި އޮތް ތިން މަސްދޯންޏަކަށް މިއަދު ބޭރުގެ ސިފައިން އެރި ކަމަށާއި އެ މީހުން އުޅުނީ ދޯނީގެ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ އުތުރު ކަނޑުގައި އޮތް ތިން މަސްދޯންޏަކަށް މިއަދު ބޭރުގެ ސިފައިން އެރި ކަމަށާއި އެ މީހުން އުޅުނީ ދޯނީގެ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފި އެވެ.

އެ ޔޫނިއަންގެ ރައީސް ހުސައިން ނަޝީދު "މިހާރު" އަށް ވިދާޅުވީ އިންޑިއާގެ ކޯސްޓްގާޑުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަމަށް ނުކުމެ އޮތް ތިން މަސްދޯންޏަކަށް އެރި ކަމަށެވެ. އެއީ "އަސުރުމާ 3" އާއި "ނެރު 7" އަދި "މާހޯރަ 3" ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެ ދޯނިތަކުގެ ތެރެއިން "އަސުރުމާ 3" ހިފެހެއްޓީ މިއަދު މެންދުރު ފަހު 2:30 ހާއިރު އެވެ. އެ ދޯނީގައި 18 ފަޅުވެރިން ތިއްބެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ލައިންގެ ތެރޭގައި އޮއްވައި އިންޑިއާގެ ކޯސްޓްގާޑް ދޯންޏާ ކައިރި ކުރީ ވެސް،" އޭނާ ވިދާޅުވި އެވެ.

އަސުރުމާ ދޯނީގެ ކެޔޮޅާ ހަވާލާދީ ނަޝީދު ވިދާޅުވީ އިންޑިއާގެ ކޯސްޓްގާޑުން ދޯނި ކައިރިއަށް އެންމެ ފުރަތަމަ ފޮނުވީ ޑްރޯންއެއް ކަމަށެވެ. އިންޑިއާގެ ކޯސްޓްގާޑުގެ ދެ ބޯޓު އެ ސަރަހައްދުގައި އޮތް ކަމަށާއި އެތަނުން އެއް ބޯޓު ދޯންޏާ ކައިރިކުރީ ޑްރޯން ފޮނުވައިގެން ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަސުރުމާ 3" ދޯނި އޮތް ތަން ޗާޓުން ފެންނަ ގޮތް.

"އަސުރުމާ 3" ދޯނި އޮތް ތަން ޗާޓުން ފެންނަ ގޮތް.

އެ ދޯންޏަށް އިންޑިއާގެ ސިފައިންގެ ހަ މީހަކު އެރި ކަމަށް ކެޔޮޅާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

"އެމީހުން ސުވާލުކުރަމުން ދިޔައީ ސެޓްލައިޓް ފޯނުގެ ނަންބަރު ހޯދަން ކަމަށް ކެޔޮޅު ބުނަނީ. އެ ނަންބަރު ނުދީގެން އަސްލު ހިފެހެއްޓީ. ކެޔޮޅު ދިޔައީ ރާއްޖޭގެ ކޯސްޓްގާޑާ ވެސް ވާހަކަދައްކަމުން. އެމީހުންނަށް ދޯނީގެ ސެޓްލައިޓް ފޯނު ނަންބަރު ދޭންޖެހޭ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ދެއްތޯ. އެހެންވެ ނަންބަރެއް ނުދޭ،" އޮފިޝަލް ވިދާޅުވި އެވެ.

ބައެއް ބްރޭންޑްތަކުގެ ސެޓެލައިޓް ފޯނު އިންޑިއާގެ ސަރަހައްދު ތެރެއަށް ވެއްދުމަކީ މަނާ ކަމަކަށް ވާތީ، ކަނޑު އުޅަނދުފަހަރުން ސެޓެލައިޓް ފޯންގެ ސިގްނަލް ލިބޭ ނަމަ އިންޑިއާ ސިފައިން އެކަން ބެލުމަކީ ކުރާ ކަމެކެވެ. އެކަމަކު މަސްވެރިން ބުނީ އިންޑިއާގެ ސަރަހައްދުގެ ތެރެއަށް ވަދެފައިނުވާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ސެޓްލައިޓް ފޯނުގެ ނަންބަރު ނުދިނުމުން އިންޑިއާގެ ސިފައިން ފަޅުވެރިންނަށް ބިރުދެއްކި ކަމަށެވެ.

އިންޑިއާގެ ސިފައިންނަށް އެ ދޯނީގެ ސެޓްލައިޓް ފޯނުގެ ނަންބަރު ނުދިނުމަށް ރާއްޖޭގެ ކޯސްޓްގާޑުން އެ ވަގުތު އިރުޝާދު ދިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ ދޯނީގައި ދެ ގަޑިއެއްހާއިރު ވަންދެން އިންޑިއާގެ ސިފައިން މަޑުކޮށްގެން ތިބި ކަމަށް ކެޔޮ ބުނި. އޭގެ ފަހުން އެމީހުން ދޯނިން ފައިބައިގެން ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ބޭރުގެ ސިފައިން ހިފަހެއްޓި އދ. މަހިބަދޫ "އަސުރުމާ 3" ދޯނި.

ބޭރުގެ ސިފައިން ހިފަހެއްޓި އދ. މަހިބަދޫ "އަސުރުމާ 3" ދޯނި.

އެ ދޯނި އޮތް ސަރަހައްދަށް ރާއްޖޭގެ ކޯސްޓްގާޑުން މިހާރު ދަތުރުކުރަމުން ދާ ކަމަށް އެމްއެންޑީއެފުން ވަނީ މިއަދު ހަވީރު ބުނެފަ އެވެ. އަދި ބޭރުގެ ސިފައިންގެ ބަޔަކު އެ ދޯންޏަށް އެރި ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އދ. މަހިބަދޫގެ މަސްދޯންޏެއް ކަމަށްވާ "އަސުރުމާ 3" ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރަމުން ދަނިކޮށް، ބޭރު ގައުމެއްގެ އަސްކަރީ އުޅަނދަކުން ސިފައިން އެ ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައި ވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އެ ދޯނި އޮތީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމް އިން ކަށަވަރުވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ނަމަވެސް، އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ސިދާންތު ސިބާލް އިންޑިއާގެ ކަނޑުގެ ސިފައިންނާ ހަވާލާދީ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ރާއްޖޭގެ ދޯންޏަށް ބޭރުގެ ސިފައިންގެ ބަޔަކު އެރި ކަމަށް ބުނާ، ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދުގެ ތެރޭގައި އިންޑިއާ ސިފައިންގެ އުޅަނދެއް ނެތް ކަމަށެވެ.