Roadha Mihaaru
"ބްލޫ ފިޝް" ދޯނި ފެނިއްޖެ

"ބްލޫ ފިޝް" ދޯނި ފެނިއްޖެ

27 ފެބުރުއަރީ 2017

ބޮޑުކަންނެލީގެ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް "ގެއްލިގެން" އެމްއެެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓް ކުރި "ބްލޫ ފިޝް" ދޯނި ރޭގައި ފެނިއްޖެ އެވެ.

ބޮޑުކަންނެލީގެ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް "ގެއްލިގެން" އެމްއެެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓް ކުރި "ބްލޫ ފިޝް" ދޯނި ރޭގައި ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ 12 މަސްވެރިންނާ އެކު ދަތުރުކުރި ހއ. ތުރާކުނުގެ މި ދޯންޏާ ރޭގެ ދަންވަރު 1:40 ހާއިރު ގުޅިފައިވާ ކަމަށެވެ. އޭރު އެ ދޯނި އޮތީ ދިއްފުށީގެ ބޭރުގައި ކަމަށާއި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ "ބްލޫ ފިޝް" ދޯންޏަށް ގުޅުނުއިރު އެ ދޯނި އަންނަނީ މާލެ އަށް ދަތުރުކުރަމުން ކަމަށެވެ.

މަހަށް ނުކުތް ފަހުން ދޯނި އޮތީ ރާއްޖެ އިން ބޭރުގެ ކަނޑުގައި މަސްވެރިކަމުގައި ކަމަށް އޭގައި ތިބި މީހުންނާ ހަވާލާދީ ކޯސްޓްގާޑުން ބުނެ އެވެ.

"އަދި މަސްވެރިކަން ކުރުމަށް ބޭރު ކަނޑަށް އެ ދޯނިން ނުކުމެފައި ވަނީ އެއްވެސް ފަރާތަކަށް އެކަން ހިއްސާ ނުކޮށް ކަމުގައި ދޯނީގެ ކެޕްޓަން އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ދީފައިވެ އެވެ،" އެމްއެންޑީއެފްގެ ވެބްސއިޓްގައިވެ އެވެ.

"ބްލޫ ފިޝް" ދޯންޏާ އެންމެ ފަހުން ގުޅުނީ މިދިޔަ ހަފުތާގެ ހޯމަދުވަހުގަ އެވެ. އޭރު އެ ދޯނި އޮތީ ދިއްފުށީގެ ބޭރުގަ އެވެ. ދޯނި "ގެއްލިގެން" ކޯސްޓްގާޑަށް އެންގީ މިދިޔަ ހުކުރުދުވަހުގަ އެވެ. އޭގެ ފަހުން ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން އައީ ކުރަމުންނެވެ.

"ބްލޫ ފިޝް" ދޯނި މި ފެނުނީ، އެ ހޯދުމަށްޓަކައި އިންޑިއާގެ ނޭވީގެ ސަވައިލަންސް އެއާކްރާފްޓެއްގެ އެހީގައި ވައިގެ މަގުން މިއަދު ހެނދުނު މަސައްކަތް ފަށަން ތައްޔާރުވެފައި ވަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.