Roadha Mihaaru
"އޮފީހުގައި ހުތުރު ބަހުން ލިޔުނީ ހަމްދަރުދީ ހޯދަން"

ޕީޕީއެމް އޮފީހުގައި ހުތުރު ބަހުން ލިޔުނީ މައުމޫނަށް ހަމްދަރުދީ ހޯދަން: ރައީސް ޔާމީން ފެކްޝަން

03 ނޮވެމްބަރ 2016

ޕީޕީއެމްގެ ކުރީގެ މައި އޮފީސް ހުރި ހ. ތެމާގައި، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްކޮށް ހުތުރު ބަހުން ލިޔުނީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ނޫން ކަމަށާއި އެއީ މައުމޫނަށް ހަމްދަރުދީ ލިބޭތޯ ބަޔަކު ކުރި ކަމެއް ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން މިއަދު ތުހުމަތުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޕީޕީއެމްގެ ކުރީގެ މައި އޮފީސް ހުރި ހ. ތެމާގައި، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްކޮށް ހުތުރު ބަހުން ލިޔުނީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ނޫން ކަމަށާއި އެއީ މައުމޫނަށް ހަމްދަރުދީ ލިބޭތޯ ބަޔަކު ކުރި ކަމެއް ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން މިއަދު ތުހުމަތުކޮށްފި އެވެ.

ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މަރުހަލާ ނިމުމާ އެކު ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ތެމާގައި ހުރި ޕީޕީއެމްގެ މައި އޮފީހަށް ވަދެ، އެ ތަނުގައި ހުރި ހުރިހާ މުދަލެއް ގެންގޮސްފަ އެވެ. އޭގެ ފަހުން މައުމޫންގެ ފެކްޝަނުން އެ ތަނަށް ވަތްއިރު އެ ތަނުގެ ފާރުތަކާއި ދޮރުތަކުގައި މައުމޫނަށް ނިސްބަތްކޮށް ހުތުރު ބަހުން ލިޔެފައި ހުއްޓެވެ.

ރައީސް ޔާމީންގެ ފެކްޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ފެކްޝަނުން ޕާޓީ އަށް އައްޔަންކުރި ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ރައީސް ޔާމީނަށް ތާއީދު ކުރާ ބަޔަކު ނުކުރާނެ ކަމަށާއި އެއީ މައުމޫނަށް ހަމްދަރުދީ ހޯދަން ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ޔާމީން ފެކްޝަނުން އޮފީހުގައި ހުރި މުދާތައް ގެންދިޔަ ފަހުން ކަން ހިނގީ ވެސް ސުވާލު އުފެދޭ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި އެހެން ފޮރުވިފައި ހުރި ކަންތައްތަކެއް ހިނގާފައި އެބަހުރި. އަޅުގަނޑުމެންނަށް ކޮން ޔަގީން ކަމެއްތޯ އޮތީ އަޅުގަނޑުމެން އަޅުވާފައި ހުރި ތަޅު އެ ރޭ ދަންވަރު ގަޑީގައި ހަލާލުކޮށްލާފައި ތަޅު ބަދަލުކުރީ ނޫން ކަމެއް؟ އެ ވެސް އަޅުގަނޑުމެންނަށް ނޭނގެ. މިކަހަލަ ކަންތައްތަކެއް ހިނގާފައި ހުރި ކަމަށް ބެލެވެނީ،" ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މައުމޫނަށް ނިސްބަތްކޮށް އެފަދަ ގޮތަކަށް ލިޔުނު ބައެއްގެ މައްސަލަ ބަލަން ޖެހޭނެ ކަމަށާއި އެކަން ފުލުހުންނަށް ހުށަހަޅައިފި ނަމަ އޮންނަ އުސޫލުގެ ތެރެއިން އެކަން ބަލާނެ ކަމަށެވެ. ރައީސް ޔާމީން ފެކްޝަނަށް ނިސްބަތްވާ މީހުންނަކީ މައުމޫނާ ހުތުރު ބަހުން މުއާމަލާތް ކުރާނެ ބައެއް ނޫން ކަމަށާއި އެ މަނިކުފާނަށް އިހްތިރާމް ކުރާނެ ބައެއް ކަމަށް ހަލީލް ވިދާޅުވި އެވެ.