Roadha Mihaaru
ލާމަރުކަޒު ކުރުމުގެ މުހިއްމުކަން، ލޮކްޑައުންގެ ސަބަބުން އެނގިއްޖެ

ލާމަރުކަޒު ކުރުމުގެ މުހިއްމުކަން، ލޮކްޑައުންގެ ސަބަބުން އެނގިއްޖެ: ރައީސް

03 ޑިސެމްބަރ 2020

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުން، ހިދުމަތްތައް ރަށްރަށުގައި ދިނުން ނުވަތަ ލާމަރުކަޒު ކުރުމުގެ މުުހިއްމުކަން އެނގިވަޑައިގެންފި ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މާލެ ލޮކްޑައުން ކުރުމުން، ހިދުމަތްތައް ރަށްރަށުގައި ދިނުން ނުވަތަ ލާމަރުކަޒު ކުރުމުގެ މުުހިއްމުކަން އެނގިވަޑައިގެންފި ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ލ. ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ތައާރަފް ކުރުމާއި މަރުކަޒީ އިންޖީނުގެ އެއް ނެޓްވޯކަކުން ގުޅާލުމާއި ޒޯން ސްޓޭޑިއަމް ފުޓުބޯޅަ ދަނޑު ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބަލިމަޑުކަމުގެ ސަބަބުން ވެރިރަށް ލޮކްޑައުންކުރުމުން، ރަށްރަށުން ހިދުމަތްތައް ހޯދާ މީހުންގެ އަދަދު އިތުރުވެއްޖެ ކަމަށާއި އެހެންވެ، ހިދުމަތްތައް ލާމަރުކަޒު ކުރުމަކީ މިހާރު ކޮންމެހެން ވެސް ކުރަން ވެއްޖެ ކަމެއް ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ ވެސް އެއީ. ރައްޔިތުންނަށް ތަކުލީފަކަށް ނުވެ، ވީހާ ވެސް ގާތުން މީހުންނަށް ހިދުމަތް ދިނުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިއަދު ގަމުގައި ފުރިހަމަ އެވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ސިޔާސަތުގެ މުހިއްމު ތިން މަޝްރޫއެކެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަކަށް ބަދަލު ކުރުމަށް އެ ހޮސްޕިޓަލުގައި މިއަދު ސީޓީ ސްކޭންގެ ހިދުމަތް ދޭން ފެށި އިރު، އެއީ އައިޖީއެމްއެޗުގައި ހުންނަ ފެންވަރުގެ މެޝިނެކެވެ. މާލޭގެ އިތުރުން ދެން ސީޓީ ސްކޭންގެ ހިދުމަތް ލިބޭނީ އައްޑުއިންނާއި ހދ. ކުޅުދުއްފުށިންނެވެ.

ހެލްތު މިނިސްޓްރީން ބުނާގޮތުން، ގަމު ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުން، އޭގެ ފައިދާ، އެ ސަރަހައްދުގައި ދިރިއުޅޭ ބައި ލައްކައަށް ވުރެ ގިނަ މީހުންނަށް ކުރާނެ އެވެ. އެއީ ލ. އަތޮޅުގެ އިތުރުން މ. އަތޮޅާއި ފ. އަތޮޅާއި ދ. އަދި ތ. އަތޮޅުގެ މީހުން ހިމަނައިގެންނެވެ.

ރައީސް ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވުމާއެކު އެހެން ހިދުމަތްތައް ވެސް އެތަނުގައި ތަރައްގީ ވާނެ ކަމަށެވެ. އިންޑިއާ ސަރުކާރުގެ އެހީގައި، ކެންސަރަށް ފަރުވާ ދޭ ހޮސްޕިޓަލް އެޅުމަށް ވެސް މިހާރު ނިންމާފައިވަނީ ގަމުގަ އެވެ. ރައީސް ސޯލިހު ވިދާޅުވީ އެކަމާ ގުޅޭ ލިޔެ ކިޔުންތައް މީގެ ދެ ދުވަސް ކުރިން އިންޑިއާ ސަރުކާރާ ހިއްސާކޮށްފައިވާއިރު، މާލަސްތަކެއް ނުވެ އޭގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވަނީ، ގަމާއި ލ. އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ، ލާމަރުކަޒު ކުރުމުގެ ގިނަ މަޝްރޫއުތަކެއް އިއުލާން ކުރައްވާފަ އެވެ. އެގޮތުން މުކުރިމަގު އަވަށާއި ތުނޑީއަވަށު ބަނދަރުގެ މަސައްކަތާއި މަގު ހެދުމާއި ބޯފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށް ދާ ގޮތް އޮޅުންފިލުވައިދެއްވި އެވެ.

ރައީސް ސޯލިހު އިއުލާން ކުރެއްވި ގޮތުގައި، މި ސަރުކާރުގެ އަމާޒަކީ އިގްތިސޯދީ ހަބެއްގެ ގޮތުގައި ގަމާއި ފޮނަދޫ ތަރައްގީ ކުރުމެވެ. އަދި ލޯކަލް ޓޫރިޒަމް ކުރިއެރުވުމާއި ސަރުކާރާއި ބޭރުގެ ފަރާތްތަކުގެ އެހީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެހެން މަޝްރޫއުތަކާ ގުޅޭގޮތުން ވެސް އެ މަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ.