Roadha Mihaaru
ލިސްޓުން އުނިކުރި ގިނަ މީހުން އުޅެނީ ރަށްރަށުގައި!

ޝަރުތު ހަމަނުވާ ލިސްޓުގައި ގިނައީ ރަށްރަށުގައި ދިރިއުޅޭ މީހުން!

02 ޑިސެމްބަރ 2020

ކުރީގެ ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއުގައި އެޗް7 ކެޓަގަރީއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި 1،200 މީހުންގެ ތެރޭގައި ގިނައީ ރަށްރަށުގައި ދިރިއުޅޭ މީހުން ކަން ފްލެޓް ކޮމިޓީގެ ލިސްޓުން ހާމަވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ސަރުކާރުން ހުޅުވާލި ހިޔާ މަޝްރޫއުގައި އެޗް7 ކެޓަގަރީއަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި 1،200 މީހުންގެ ތެރޭގައި ގިނައީ ރަށްރަށުގައި ދިރިއުޅޭ މީހުން ކަން ފްލެޓް ކޮމިޓީގެ ލިސްޓުން ހާމަވެއްޖެ އެވެ.

މާލޭގައި ދިރިއުޅެމުން އަންނަ 18-40 އަހަރާ ދެމެދުގެ މީހުންނަށް ހާއްސަކުރި އެޗް7 ކެޓަގަރީ އަށް 8،000 އަށް ވުރެން ގިނަ މީހުން ފޯމު ލި އެވެ. މި ކެޓަގަރީއަށް ޝަރުތު ހަމަވާ މީހުންނާއި ނުވާ މީހުންގެ ލިސްޓެއް ރައީސް އޮފީހުން ރޭ ވަނީ އާއްމުކޮށްފަ އެވެ.

އެ ކެޓަގަރީން 1،248 މީހުންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި އިރު ބައެއް މީހުންނަށް ކުރިން 80 ޕޮއިންޓަށް ވުރެން މަތިން ވެސް ލިބިފައިވެ އެވެ. ޝަރުތު ހަމަނުވާ ސަބަބެއްގެ ގޮތުގައި ކޮމިޓީން ލިއެފައި އޮތީ ގިނަ މީހުން މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިނޫޅުމެވެ. ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މީހުން ކަމަށް ބުނެ އޮޅުވާލައިގެން އެ ކެޓަގަރީ އަށް ފޯމު ލާފައިވާ ކަން ވެސް ލިސްޓުން އޮތީ ފެންނާށެވެ.

ރަށްރަށުގައި ދިރިއުޅޭ ގިނަ ބަޔަކު ފޯމު ލައިގެން ފްލެޓް ލިބުނު ކަމުގެ ތުހުމަތު ކުރިން ވެސް އޮތީ ކޮށްފަ އެވެ. ކުރީ ސަރުކާރުން ހިޔާ މަޝްރޫއުގައި ފްލެޓް ދީފައި ވަނީ އެންމެ އިންސާފުވެރިކޮށްތޯ ބަލަން މި ސަރުކާރުން ފްލެޓް ކޮމިޓީއެއް ހެދީ އެފަދަ ޝަކުވާތަކާ ހެދި އެވެ.

ކުރީގެ ސަރުކާރުގައި އިއުލާންކުރި ހިޔާ މަޝްރޫއުގެ 12 ކެޓަގަރީން ފްލެޓް ލިބޭ ބައެއް މީހުންނަށް އޮތީ، އެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު، ލިއުން ވެސް ދީފަ އެވެ. އެކަމަކު އެ ލިއުމަށް ނުބަލައި މި ސަރުކާރުން ވަނީ ފްލެޓަށް އެދުނު ހުރިހާ އެންމެންގެ ފޯމުތައް އިވެލުއޭޓްކޮށްފަ އެވެ. އެ އިވެލުއޭޝަނަށް ފަހު ލިސްޓުތައް ތަރުތީބުކުރިއިރު ހުރިހާ ކެޓަގަރީއަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަ އެވެ.