Roadha Mihaaru
ކުނި ދެން ހުންނާނީ މަގުމަތީގައިބާ؟

ކުނި ދެން ހުންނާނީ މަގުމަތީގައިބާ؟

02 ޑިސެމްބަރ 2020

ކޮވިޑް 19 އަކީ މުޅި ދުނިޔޭގެ ހިނގުމަށް ބޮޑެތި ބަދަލުތަކެއް ގެނުވި ބަލިމަޑުކަމެކެވެ. މި ބަލިމަޑުކަމުގައި އުޅޭތާ އަހަރެއް ވާން ގާތްވީ އިރު އަދިވެސް ގިނަ ގައުމުތަކުން ބަލިމަޑުކަން ތަހައްމަލުކުރަމުން، ގެނބެމުން މައްޗަށް އަރަމުން، ނޭވާ ލަމުން ނުލަމުން ކަހަލަ ގޮތަކަށް ދުވަސްތައް ގުނަމުން ދަނީ އެވެ. ދިރުޅުމުގެ ވައްޓަފާޅިއަށް ގެނައި ބޮޑެތި ބަދަލުތަކަކާ އެކު ރާއްޖެ އިން މިއަދު މިވަނީ އަނެއްކާވެސް މައްޗަށް ބޯހިއްލާލައި އާންމު ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ފަޔަށް ބާރުލައި ހިނގައި ގަންނަން ފަށައިފަ އެވެ. މިދަތި ދުވަސްތަކުގައި، ގައި ދުރުކަން ބެހެއްޓުމަށް މަޖުބޫރުވީ ހިނދު ގެނައި އެއް ބަދަލަކީ މާލޭގެ ކުނި މެނޭޖްކުރުމުގެ ގަވާއިދަށް ގެނައި ބަދަލެވެ. އެކަމަކު މިއީ އެންމެ ރަނގަޅު، އެންމެ އެކަށޭނަ ބަދަލުތޯ އެވެ؟

ކޮވިޑް 19 އަކީ މުޅި ދުނިޔޭގެ ހިނގުމަށް ބޮޑެތި ބަދަލުތަކެއް ގެނުވި ބަލިމަޑުކަމެކެވެ. މި ބަލިމަޑުކަމުގައި އުޅޭތާ އަހަރެއް ވާން ގާތްވީ އިރު އަދިވެސް ގިނަ ގައުމުތަކުން ބަލިމަޑުކަން ތަހައްމަލުކުރަމުން، ގެނބެމުން މައްޗަށް އަރަމުން، ނޭވާ ލަމުން ނުލަމުން ކަހަލަ ގޮތަކަށް ދުވަސްތައް ގުނަމުން ދަނީ އެވެ. ދިރުޅުމުގެ ވައްޓަފާޅިއަށް ގެނައި ބޮޑެތި ބަދަލުތަކަކާ އެކު ރާއްޖެ އިން މިއަދު މިވަނީ އަނެއްކާވެސް މައްޗަށް ބޯހިއްލާލައި އާންމު ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ފަޔަށް ބާރުލައި ހިނގައި ގަންނަން ފަށައިފަ އެވެ. މިދަތި ދުވަސްތަކުގައި، ގައި ދުރުކަން ބެހެއްޓުމަށް މަޖުބޫރުވީ ހިނދު ގެނައި އެއް ބަދަލަކީ މާލޭގެ ކުނި މެނޭޖްކުރުމުގެ ގަވާއިދަށް ގެނައި ބަދަލެވެ. އެކަމަކު މިއީ އެންމެ ރަނގަޅު، އެންމެ އެކަށޭނަ ބަދަލުތޯ އެވެ؟

މާލޭގައި، 2016 ވަނަ އަހަރުން ފެށިގެން ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދެމުން ގެންދަނީ ވެމްކޯއިންނެވެ. ވެމްކޯ އިން ދޭ މި ބުރަ ޚިދުމަތް ކޮވިޑް-19ގެ ކުރިން ދެމުން ގެންދިޔައީ ތަފާތު ގޮތަކަށެވެ. ސީދާ ގޭގޭގެ އެޕާޓްމަންޓްތަކުން ކުނި ނަގަމުންނެވެ. ދޮރުދޮށުން ޚިދުމަތް ދެމުންނެވެ. އާންމު ރައްޔިތުންނަށް އެންމެ ފަސޭހަ ގޮތަށެވެ. މާލޭގެ ގެތައް ހުންނަ ގޮތުން މިއީ ފަސޭހަ ކަމެއް ނޫނެވެ. ދަތި ދޭތެރެއިން، ހަނި ގޯޅިގޯޅިން ކުނި ނެރުމާއި، ލިފްޓު ނުހުންނަ ތަންތާނގައި، އުސް އިމާރާތްތަކުން ސިޑިން ކުނި ބާލައި ޚިދުމަތް ދެމުން ގެންދިޔަ އެވެ.

ނަމަވެސް ކޮވިޑް-19އާ ގުޅިގެން މި ޚިދުމަތް ބަދަލުކުރަން މަޖުބޫރުވި އެވެ. މީހުން ދިރިއުޅޭ ގޭގެއަށް ވަނުމަކީ ވަގުތާއި ހާލަތަށް އެންމެ އެކަށޭނަ ކަމަކަށް ނުވާތީ ގޭގެއިން ބޭރަށް މަގުމައްޗަށް ކުނި ނެރެ، ވަކި ގަޑިތަކެއްގައި، މަގުމަތިން ކުނި ނެގުމުގެ ޚިދުމަތް ދޭން ފެށި އެވެ. ކުނި ނެގުމަށް ހަމަޖައްސާފައިވާ ގަޑި އަކީ މެންދުރު 12 އިން މެދުރުފަސް ދޭކާ ދެމެދެވެ. މިއީ ކުނި ނަގާ މީހުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. ނަމަވެސް މި ބަދަލާ ގުޅިގެން މާލޭގެ މަގުތަކުގައި ކުނި ކޮތަޅުތަށް ގިނަވެ މަންޒަރު ހަޑިވެ އެވެ. ހަމަޖެހިފައި އޮންނަ ގަޑީގެ ތެރޭގައި ކުނި ނެގުމުގެ ކަންތަކެއް ނުނިމެ އެވެ. މިއީ ވުން އެކަށީގެންވާ ކަމެކެވެ. މާލޭ އަކީ ކާރޫބާރު ބޮޑު ތަނެކެވެ. މަގުމަތީގެ ދަތުރުތައް ތާއްޓެވެ. އެހެންކަމުން ހަމަޖައްސާފައިވާ އުސޫލުގެ ތެރެއިން ގަޑިއަށް ކުނި ނެގުމުގެ މަސައްކަތް ކުރިޔަށް ނުދިއުން އެކަށީގެންވެ އެވެ.

އަނެއްކޮޅުން، ގެއެއްގައި އެކަނި ދިރިއުޅޭ މީހެއް ނަމަ ވަޒީފާއަށް ދާނީ ހެނދުނު ކުނި ކޮތަޅުތައް ނެރެ ބޭރުގައި ބަހައްޓާފަ އެވެ. ކޮތަޅުތައް ބޭރުގައި ހުންނަ ވަގުތު ގިނަވީ އެވެ. މާލެ އަކީ ހަމައެކަނި އިންސާނުން ދިރިއުޅޭ ތަނެއް ނޫނެވެ. ބުޅަލުގެ ވެސް ހެޔޮވަރުގެ އާބާދީއެއް މިހާރު އޮވެ އެވެ. ކުނި ކޮތަޅުތައް ގިނަ ވަގުތުތަކެއްގައި މަގުމަތީގައި ބެހެއްޓުމުގެ ސަބަބުން ބުޅަލަށް ވަރަށް ފައިދާ ބޮޑެވެ. ކޮތަޅުތައް ފަޅައި، ކުނިތައް ހާވައި މަގުމައްޗަށް ކުނިވާ ޒާތުގެ ކުނިތައް އަޅަ އެވެ.

މާލޭގެ މަގެއްގައި ހުރި ކުނިތަކެއް ކައިރީގައި ބުޅާ: މިހާރަށް ވުރެ ރަނގަޅު އުސޫލުތަކެއް ހަމަޖަައްސަން ޖެހޭ

މާލޭގެ މަގެއްގައި ހުރި ކުނިތަކެއް ކައިރީގައި ބުޅާ: މިހާރަށް ވުރެ ރަނގަޅު އުސޫލުތަކެއް ހަމަޖަައްސަން ޖެހޭ

މިގޮތަށް ކުނިކޮތަޅުތައް މަގުމަތީގައި ގިނަ ވަގުތު ބަހައްޓާފައި ހުރުމުން ދިމާވާ މައްސަލަތައް ގިނަ އެވެ. މަންޒަރު އެކަނި ހުތުރުވަނީއެއް ނޫނެވެ. ކުނި ވަސް ދުވުމާއި، މެހި ގިނަ ވުމާއި، ބުޅަލާއި މީދަލުގެ އާބާދީ ވަކި ހައްދެއް ނެތި އާންމުވުމާއި، ދުވާލުގެ ވަކި ގަޑިތަކަކަށް މުޅި މާލެ ކުނި ގޮނޑަކަށް ބަދަލުވެ އެވެ.

ކޮވިޑް-19 އަށް ނިމުމެއް އަންނާނެ ދުވަހެއް ނޭނގޭއިރު، މަގުމަތިން ކުނި ނެގުމުގެ ޚިދުމަތަށް ވެސް އިތުރު ބަދަލެއް އައުމަކީ ކައިރި ކަމެއް ނޫނެވެ. އަދި މި ޚިދުމަތް މިގޮތަށް ދިނުމަކީ ހަމަ ރަނގަޅު ކަމެކެވެ. ނަމަވެސް އެދެވޭ ބައެއް ބަދަލުތަކާ އެކު އެވެ. މިގޮތުން ގެނެވިދާނެ ބައެއް ބަދަލު ލިޔެލާނަމެވެ.

ފުރަތަމަ ކަމަކީ ކުނި ކޮތަޅުތައް ބޭރަށް ނެރުމުގެ ކުރިން ރަނގަޅަށް ތުން އައްސައި، ވަސް ނުދުވާނެހެން ހެދުމެވެ.

ގިނަ ކުދި ކޮތަޅުތަކެއް އެއް އިމާރާތަކުން ނެރެ ބެހެއްޓުމުގެ ބަދަލުގައި، ކުދި ކޮތަޅުތައް ބޮޑެތި ކޮތަޅަށް އަޅައި ބަންދުކޮށްފައި ބެހެއްޓުމެވެ. މިއީ އެ އިމާރާތެއްގެ ވެރިފަރާތުން އިސްނަގައިގެން ކުރެވިދާނެ ކަމެކެވެ.

ކުނިތައް ބޭރަށް އެނގޭހެން ހުންނަ އަލި ކޮތަޅުގެ ބަދަލުގައި އެތެރެ ނޭނގޭ ކަހަލަ ކޮތަޅުގައި ބަންދުކުރެވި ދާނެ އެވެ.

މަތީގައި މި ދެންނެވި ކަންތަކަށް ވުރެ ވެސް ރަނގަޅު ގޮތަކީ ކުނި ކޮތަޅުތައް އަޅާނެ، މަތި ޖެހޭ ގޮތަށް ހަދާފައި ހުންނަ ޑަސްޓްބިންތަކެއް ގޭގެއާ މާ ދުރު ނޫން ހިސާބެއްގައި ބަހައްޓައި އެއަށް ގޭގެއިން ނެރޭ ކުނިކޮތަޅުތަށް އެޅުމެވެ. ކުނި ކޮތަޅުތައް ކޮންމެ ގެއެއްގެ ދޮރުމަތީގައި ފުނި ޖަހާފައި ބެހެއްޓުމުގެ ބަދަލުގައި، މިއީ ޓެސްޓު ކުރަން ރަނގަޅު ގޮތެކެވެ. މާލޭގެ ޖާގައިގެ ދަތިކަން ބޮޑު ނަމަވެސް ޕްލޭން ކޮށްގެން މިއީ ކުރެވިދާނެ ކަމެކެވެ.

އެކި ސަރަޙައްދަށް އެކި ވަގުތު ކަނޑައަޅައި، އެ ސަރަހައްދަކުން ކުނި ނެގޭނެކަން ކަށަވަރުވާ ގަޑިތަކުގައި މަގުމައްޗަށް ކުނިތައް ނެރުމެވެ.

ކޮންމެ ބަދަލެއް ގެނައި ނަމަވެސް މުހިންމީ ރައްޔިތުންނަށާއި ކުނި ނަގާ ފަރާތްތަކަށް ފަސޭހަ ގޮތެކެވެ. ތަނުގެ ރީތިކަން ނުގެއްލި ރައްކާތެރި ގޮތުގައި ކުނި ނަގައި ނައްތާލުމެވެ. އަދި މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމެވެ.

ކުނީގެ މައްސަލަ ހައްލުކުރަން އެންމެ މުހިންމީ ވެމްކޯގެ ދައުރެވެ. މިކަން ދެހަކޮށްދޭ ދަލީލަކީ ކޮވިޑް-19 އާ ގުޅިގެން މާލޭގެ މަގުމައްޗަށް މީހުން ނުކުމެ އުޅުމަށް މަނާކުރި ހާލަތުގައި މާލޭގެ ކުނި މެނޭޖްކުރުމުގެ ކަންތައް ކުރީ އެ ކުންފުނިންނެވެ. މާލެ ލޮކްޑައުންއަކަށް ބަންދުކޮށްފައި ބޭއްވުނީ ކުނީގެ މައްސަލަ ހައްލުކޮށްދޭނެ ވެމްކޯ ކަހަލަ ފަރާތެއް ވެސް އޮތީތީ އެވެ.

އެޑިޓަރުގެ ނޯޓު

ފާތުމަތު ތަސްނީމް އަކީ ތިމާވެށީގެ ރޮނގުން މާސްޓާޒް ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. ސަރުކާރާއި އދ.ގެ ބައެއް މަގާމުތަައް ފުރުއްވި އެވެ. އޭނާ ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ އެންމެ އިސް ވެރިޔާގެ ޒިންމާތައް ވެސް އުފުއްލަވައިފަ އެވެ.