Roadha Mihaaru
ދޮރުމަތިން ކުނި ނެގުމުގެ އަގު ބޮޑުކުރަން ވިސްނަނީ

ދޮރުމަތިން ކުނި ނަގާ ނަމަ ވަކި އަގުތަކެއް ނަގަން ވިސްނަނީ

13 މާޗް 2023

ކަރަންޓު ބިލުގެ ތެރޭގައި ކުނި ބިލު ހިމެނުމަށް ފަހު ކުނި ނަގާނީ އިމާރާތްތަކުގެ ތިރިން ކަމަށާއި އެޕާޓްމަންޓްތަކުގެ ދޮރުމަތިން ކުނި ނަގާ ނަމަ ވަކި އަގުތަކެއް ނެގުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެމްކޯއިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކަރަންޓު ބިލުގެ ތެރޭގައި ކުނި ބިލު ހިމެނުމަށް ފަހު ކުނި ނަގާނީ އިމާރާތްތަކުގެ ތިރިން ކަމަށާއި އެޕާޓްމަންޓްތަކުގެ ދޮރުމަތިން ކުނި ނަގާ ނަމަ ވަކި އަގުތަކެއް ނެގުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެމްކޯއިން ބުނެފި އެވެ.

މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނެގުމުގެ ފީ ގަވާއިދުން ނުދައްކާތީ އެ ފީ އަންނަ މަހުން ފެށިގެން ކަރަންޓް ބިލުގައި ހިމަނަން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ކަރަންޓް ބިލުގެ ތެރޭގައި ކުނީގެ ބިލް ހިމެނުމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ އަންނަ މަހުން ފެށިގެން ކުނި ނަގާނީ ގޭބީސީތަކުގެ ތިރިން ކަމަށެވެ.

އިމާރާތްތަކަށް އަރައި ދޮރުމަތިން ކުނި ނެގުމަށް ޕްރިމިއަމް ރޭޓުތަކެއް ތައާރަފުކުރުމަށް ޕްލޭންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޚިދުމަތަށް ނަގާނެ އަގުތަކެއް އަދި ކަނޑައަޅާފައެއް ނުވޭ. ނަމަވެސް އަގުތައް ކަނޑައެޅުމަށް މަޝްވަރާ ކުރަމުން އަންނަނީ،" ސިރާޖު ވިާޅުވި އެވެ.

ވެމްކޯގެ އެމްޑީ ސިރާޖު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ ކަރަންޓު ބިލުގައި ކުނި ބިލު ހިމެނުމުން އެ ކުންފުނީގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް. .-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެމްކޯއިން ކޮންމެ ގޭބިސީއަކުން މިހާރު ނަގަމުން އަންނަނީ 150 ރުފިޔާ އެވެ.

މާލެ ސަރަހައްދުގައި 53،000 އަށް ވުރެ ގިނަ ގޭބީސީން ކުނި ނަގަން ޖެހޭއިރު، ގަވާއިދުން ފީ ދައްކަނީ އެންމެ 20،000 ގޭބީސީއަކުން ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސިރާޖު ވިދާޅުވީ މި ގެނައި ބަދަލާއެކު ބިލަށް ފައިސާ ހޯދުމުގައި މިހާރު ދިމާވަމުންދާ ދަތިތައް ހައްލުވާނެ އެވެ. އަދި މި ބަދަލާ އެކު ވެމްކޯއަށް މަހެއްގެ މައްޗަށް 7.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ގަވައިދުން ވެމްކޯގެ ފީ ނުދައްކާތީ އޭގެ ސަބަބުން އެ ކުންފުންޏަށް ފައިސާގެ ދަތިކަން ކުރިމަތިވެ، ކޮންމެހެން ބޭނުންވާ ސާމާނު ނުހޯދި އަދި އެ ތަކެތި މަރާމާތު ކުރަން ވެސް އެކަށީގެންވާ ފައިސާ ނުލިބޭ ކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.

ވެމްކޯއިން ވަނީ އެކުންފުނިން ގެންގުޅޭ ފީ ސްޓްރަކްޗާއަށް ވެސް ބަދަލުތަކެއް ގެނެސްފަ އެވެ.