Roadha Mihaaru
ނަތީޖާ ބަދަލުވާވަރު ކަމެއް ނެތް: އެޓާނީ ޖެނެރަލް

ނަތީޖާ އަށް ބަދަލު އަންނަވަރުގެ ކަމެއް ނެތް: އެޓާނީ ޖެނެރަލް

02 ޑިސެމްބަރ 2020

ވޮޝިންޓަން (ޑިސެމްބަރު 2) - އެމެރިކާގައި މި އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމުގެ އެއްވެސް ހެއްކެއް ޖަސްޓިސް ޑިޕާޓްމަންޓަށް ފާހަގަކުރެވިފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް ވިލިއަމް ބާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޑިސެމްބަރު 2) - އެމެރިކާގައި މި އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި މަކަރު ހަދާފައިވާ ކަމުގެ އެއްވެސް ހެއްކެއް ޖަސްޓިސް ޑިޕާޓްމަންޓަށް ފާހަގަކުރެވިފައި ނުވާ ކަމަށް އެޓާނީ ޖެނެރަލް ވިލިއަމް ބާ ވިދާޅުވެއްޖެ އެވެ.

"އިންތިާޚާބުގެ ނަތީޖާ އަށް ބަދަލު އަންނަވަރުގެ ކަމެއް ހިނގާފައިވާކަމުގެ އެއްވެސް ހެއްކެއް މިއަދާ ހަމައަށް ވެސް ނެތް ފެންނާކަށް،" އެމެރިކާގައި ގާނޫނު ހިންގުމުގެ އެންމެ އިސް ފަރާތް ކަމަށްވާ ބާ ވިދާޅުވި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕުގެ އަރިސް ބޭފުޅެއް ކަމަށްވާ ބާގެ ކޮމެންޓާ އެކު، އިންތިޚާބުގެ ނަތީޖާ ގަބޫލް ނުކުރެއްވުމަށް ޓްރަމްޕް ކުރައްވާ މަސައްކަތަށް ވަނީ އިތުރު ހީނަރުކަމެއް ލިބިފަ އެވެ. ޓްރަމްޕް އަދިވެސް ގެންދަވަނީ ބަލި ގަބޫލް ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕަށް ނާކާމިޔާބުވި ބައެއް ސްޓޭޓްތަކުގައި އެމަނިކުފާނުގެ ފަރާތުން ވަނީ ކޯޓަށް މައްސަލަތައް ހުށަހަޅައިފަ އެވެ.

ނަތީޖާތައް ޖޯ ބައިޑަންގެ ކޮޅަށް އަނބުރާލުމަށް ވޯޓު މެޝިންތައް ހެކްކޮށްގެން، ޕްރޮގްރާމްކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ބާ ވިދާޅުވީ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އާއި ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން އެކަން ތަހުގީގުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އެކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށެވެ.

ބާގެ ކޮމެންޓާ ގުޅިގެން ޓްރަމްޕް ކެމްޕޭނުގެ ގާނޫނީ ޓީމުގެ ފަރާތުން ރޫޑީ ޖިއުލިއާނީ އާއި ޖެންނާ އެލިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެޓާނީ ޖެނެރަލް އަށް އިހްތިރާމްކުރާ ހާލު، އެމަނިކުފާނުގެ ޚިޔާލު ފާޅުކުރައްވާފައި ވަނީ އިންތިޚާބުގައި ހަދާފައިވާ މަކަރާއި ހީލަތުގެ މައުލޫމާތު އެނގިވަޑައިނުގެން ނުވަތަ އެކަން ތަހުގީގު ނުކުރައްވާ ކަމަށެވެ.

ފޮކްސް ނިއުސް އަށް ރައީސް ޓްރަމްޕް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންތިާޚާބު އޮޅުވާލިކަން ދެއްކުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ ކައުންސެލްއެއް ހަމަޖެއްސުމުގެ ޚިޔާލު ވެސް ޓްރަމްޕް ވަނީ ފާޅުކުރައްވައިފަ އެވެ. ނަމަވެސް އެފަދަ ކައުންސެލްއެއް ހަމަޖެއްސޭނީ އެޓާނީ ޖެނެރަލް ހުއްދަ ދިނުމުންނެވެ.

އިންތިޚާބުގައި މަކަރު ހަދާފައި ނުވާ ކަމަށް ވިދާޅުވި ސީނިއާ އޮފިޝަލަކީ ބާ އެކަންޏެއް ނޫނެވެ. ޔޫއެސް ސައިބަސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗާ ސެކިއުރިޓީ އެޖެންސީގެ ވެރިޔާ ކްރިސް ކްރެބްސް ވެސް މިދިޔަ މަހު ވަނީ މި އަހަރުގެ އިންތިޚާބަކީ އެމެރިކާގެ ތާރީޚުގައި ވެސް ބޭއްވި އެންމެ ރައްކާތެރި، އިންސާވެރި، މިނިވަން އިންތިޚާބު ކަމަށް ވިދާޅުވެފަ އެވެ. ކްރެބްސް އެހެން ވިދާޅުވިތާ މާގިނަ ދުވަހެއް ނުވެ ޓްރަމްޕް ވަނީ އޭނާ މަގާމުން ދުރުކޮށްފަ އެވެ.