Roadha Mihaaru
ޕެންސިލްވޭނިއާ ކާމިޔާބުކުރީ ބައިޑަންކަން ސެޓިފައިކޮށްފި

ޕެންސިލްވޭނިއާ ކާމިޔާބުކުރީ ބައިޑަންކަން ރަސްމީކޮށް ކަނޑައަޅައިފި

24 ނޮވެމްބަރ 2020

ޕެންސިލްވޭނިއާ (ނޮވެމްބަރު 24) - އެމެރިކާގައި ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ޕެންސިލްވޭނިއާގެ ވޯޓް ކާމިޔާބުކުރީ ޖޯ ބައިޑަން ކަމަށް ރަސްމީކޮށް ކަނޑައަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެންސިލްވޭނިއާ (ނޮވެމްބަރު 24) - އެމެރިކާގައި ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ޕެންސިލްވޭނިއާގެ ވޯޓް ކާމިޔާބުކުރީ ޖޯ ބައިޑަން ކަމަށް ރަސްމީކޮށް ކަނޑައަޅައިފި އެވެ.

ގަވަރުނަރު ޓޮމް ވުލްފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕެންސިލްވޭނިއާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން ވަނީ ނޮވެމްބަރު 3 ވަނަ ދުވަހު ނެގި ވޯޓު "ސެޓިފައި"ކޮށްފައި ކަމަށެވެ. މިޝިގަން އިން ވަނީ ބައިޑަން މޮޅުވިކަމަށް ހޯމަ ދުވަހު ސެޓިފައިކޮށްފަ އެވެ. އެ ދެ ސްޓޭޓުގެ ނަތީޖާ އިން ބައިޑަން މޮޅުވިކަމަށް ރަސްމީކޮށް ކަނޑައެޅުމަކީ އިންތިޚާބުގެ ނަތީޖާ އެހެން ގޮތަކުން އަނބުރާލަން ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާ މަސައްކަތަށް ލިބުނު މަޑުޖެހުމެކެވެ.

ގާނޫނުގައިވާ ގޮތުން ޕެންސިލްވޭނިއާގެ ވޯޓު ބައިޑަން އަށް ސެޓިފައި ކުރުމުން އެ ސްޓޭޓުގެ 20 އިލެކްޓޯރަލް ކޮލެޖް ވޯޓު ބައިޑަން އަށް ކަށަވަރުވީ އެވެ.

ޕެންސިލްވޭނިއާގައި ވޯޓުލީ 6.9 މިލިއަން މީހުންގެ ތެރޭން ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން ވަނީ 81،000 ވޯޓު ހޯއްދަވައިފަ އެވެ. އެ ސްޓޭޓުގެ ވޯޓު 2016 ވަނަ އަހަރު ޓްރަމްޕް ކާމިޔާބު ކުރެއްވީ ހިލަރީ ކްލިންޓަނަށް ވުރެ އިތުރަށް 44،000 ވޯޓު ހޯއްދަވައިގެންނެވެ.

ޕޯސްޓުން ލާފަައިހުރި އެތައް މިލިއަން ވޯޓެއް ބާތިލް ކުރުމަށް ޓްރަމްޕުގެ ކޭމްޕުން ހުށަހެޅި މައްސަލައެއް ޕެންސިލްވޭނިއާގެ ފަނޑިޔާރަކު ހޮނިހިރު ދުވަހު ވަނީ ބޭރުކޮށްލައިފަ އެވެ.

މިޝިގަންގެ ސްޓޭޓް ބޯޑުން ބައިޑަންގެ ކާމިޔާބީ ހޯމަ ދުވަހު ސެޓިފައި ކުރީ އެ ސްޓޭޓުން ވޯޓުލީ 5.5 މިލިއަން މީހުންގެ ތެރޭން ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން 156،000 ވޯޓު ހޯއްދަވާފައިވާތީ އެވެ. ބައިޑަންގެ ކާމިޔާބީ ޖޯޖިއާ އިން ވަނީ ހުކުރު ދުވަހު ސެޓިފައިކޮށްފަ އެވެ. ޖޯޖިއާގެ ނަތީޖާ ކަށަވަރުކޮށްފައި ވަނީ ދެ ވަނަ ފަހަރަށް ވޯޓު ގުނައިގެންނެވެ. ނެވާޑާ އިން ވެސް ވަނީ ބައިޑަން ސެޓިފައިކޮށްފަ އެވެ.

ސްޓޭޓުގެ ވޯޓު ކާމިޔާބު ކުރާ ފަރާތަކަށް އެ ސްޓޭޓަކުން ސެޓިފައި ކުރުމަކީ އާއްމު ކަމެކެވެ. އެކަމަކު މި އަހަރު އެކަން ދިގުލައިގެން ދިޔައީ އިންތިޚާބުގެ ނަތީޖާ ގަބޫލްކުރައްވަން ޓްރަމްޕް ދެކޮޅު ހައްދަވަން ފެށުމުންނެވެ. ނަމަވެސް ވެރިކަން ބަދަލު ކުރުމުގެ މަރުހަލާތައް ކުރިއަށް ގެންދިއުމަށް ޓްރަމްޕް ވަނީ ހޯމަ ދުވަހު އެއްބަސްވެވަޑައިގެންފަ އެވެ.

އިންތިޚާބުގައި ރައްޔިތުންގެ އަޣުލަބިއްޔަތު ވޯޓުން ޓްރަމްޕަށް ވުރެ އިތުރަށް ބައިޑަން ހޯއްދެވި ވޯޓު ވަނީ 5.9 މިލިއަނަށް އަރައިފަ އެވެ. އެމެރިކާގައި އިންތިޚާބު ކާމިޔާބު ކުރާ ފަރާތެއް ކަނޑައަޅާ އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އިން ވެސް ބައިޑަން ވަނީ 306 ވޯޓު ހޯއްދަވައިފަ އެވެ. ޓްރަމްޕަށް ލިބިވަޑައިގެންނެވީ 232 އިލެކްޓޯރަލް ކޮލެޖް ވޯޓެވެ. އިންތިޚާބު ކާމިޔާބު ކުރާ ކެންޑިޑޭޓަކު މަދުވެގެން 270 ވޯޓު ހޯދަން ޖެހެ އެވެ.