Roadha Mihaaru
ސްޕޮޓިފައި އަށް ވެސް "ސްޓޯރީ" ގެންނަނީ

ސްޕޮޓިފައި އަށް ވެސް "ސްޓޯރީ" ފީޗާ ގެންނަނީ

01 ޑިސެމްބަރ 2020

މިއުޒިކް ސްޓްރީމްކުރެވޭ މަޝްހޫރު ޕްލެޓްފޯމް ސްޕޮޓިފައިގައި "ސްޓޯރީ" ފީޗާ ޓެސްޓްކުރަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއުޒިކް ސްޓްރީމްކުރެވޭ މަޝްހޫރު ޕްލެޓްފޯމް ސްޕޮޓިފައިގައި "ސްޓޯރީ" ފީޗާ ޓެސްޓްކުރަން ފަށައިފި އެވެ.

މި ފީޗާ މި ވަގުތު ލިބޭނީ އައިއޯސް އާއި އެންޑްރޮއިޑް ޑިވައިސްތައް ގެންގުޅޭ މީހުންނަށެވެ. އެކަމަކު އެއީ ބައެއް ސަރަހައްދުތަކުގަ އެވެ. ޓެސްޓްކުރުމުގެ މަރުހަލާގައި އޮތުމުން ސްޕޮޓިފައި އިން ބުނީ އާންމުކޮށް "ސްޓޯރީ" ދޫކޮށްލާނެ އިރެއް އަދި ނުނިންމާ ކަމަށެވެ.

ދުނިޔޭގެ މަޝްހޫރު ފަންނާނުންގެ މިއުޒިކް ސްޓްރީމްކުރެވޭ ސްޕޮޓިފައިގެ "ސްޓޯރީ" ހިމަނާފައިވާ ފަންނާނުންގެ ތެރޭގައި ޖެނިފާ ލޮޕޭޒާއި ކެލީ ކްލާކްސަނާއި ޕެންޓަޓޯނިކްސް ހިމެނެ އެވެ. މި ފަންނާނުންގެ ޕްލޭލިސްޓްތަކާ ދިމާލުގައި "ސްޓޯރީޒް" ހިމަނާފައިވާ އިރު، އެ މީހުންގެ މިއުޒިކާ ބެހޭ ގޮތުންނާއި އެ ނޫން ވެސް ފޭނުންނާ ހިއްސާކުރަން ބޭނުންވާ ވާހަކަތައް ސްޓޯރީޒް މެދުވެރިކޮށް ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.

ސްޕޮޓިފައި އިން ބުނީ އާ ފީޗާ އާންމުކޮށް ނެރޭނެ އިރެއް ނޭނގުނަސް އާންމުކޮށް ދޫކޮށްލާ އިރު ހުރިހާ ފަންނާނުންގެ ޕްލޭލިސްޓްގެ ތެރެއިން އެ މީހުންގެ "ސްޓޯރީ" ބަލައިލެވޭނެ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ސްޕޮޓިފައި އިން ނެރުނު ބަޔާނެއްގައި ބޭނުން ވަނީ އެ ބޭނުންކުރާ މީހުންނަށް ގަޔާވާނެ ގިނަ ސިފަތައް ޕްލެޓްފޯމަށް ގެންނަން ކަމަށެވެ.

"މިހާރު ވެސް ރޫޓިންކޮށް ގިނަ ފީޗާތަކެއް އަހަރެމެން އެބަ ޓެސްޓްކުރަން،" ސްޕޮޓިފައިގެ ތަރުޖަމާނު ބުންޏެވެ. "އެހެންވެ މި ވަގުތު އަދި ނެތް ފީޗާތަކާ ބެހޭ ގޮތުން އިތުރަށް ހިއްސާކުރާނެ އެއްވެސް މައުލޫމާތެއް."

އޭނާ ބުނި ގޮތުގައި ސްޕޮޓިފައި އަކީ އަބަދު ވެސް އެ ބޭނުންކުރާ މީހުން ޝައުގުވެރިވާ ކަންކަން ގެނެސް ޕްލެޓްފޯމް އެއް ދުވަހުން އަނެއް ދުވަހަށް ތަރައްގީކުރަން މަސައްކަތްކުރާ އެއްޗެކެވެ. ދާދި ފަހުން ސްޕޮޓިފައި އިން ވަނީ ޅެމުން ލަވަތައް ސާޗްކުރެވޭ ގޮތަށް ވެސް ހަދައިފަ އެވެ.

އެ ޕްލެޓްފޯމެއްގެ ޒާތުގައި އެ އެއްޗެހީގައި ސްޓޯރީޒް ފީޗާ ހިމަނާފައިވާ މަޝްހޫރު ޕްލެޓްފޯމްތަކުގެ ތެރޭގައި އިންސްޓަގްރާމާއި ފޭސްބުކާއި ސްކައިޕާއި ލިންކެޑާއި ޔޫޓިއުބާއި ސްނެޕްޗެޓާއި އެއާބީއެންބީ އަދި ޓްވިޓާ ފަދަ ފްލެޓްފޯމްތައް ހިމެނެ އެވެ.

ދެހާސް ހައެއްގައި ވުޖޫދަށް އައި ސްވިޑްންގެ ސްޕޮޓިފައި އަކީ މިހާރު އެންމެ ގިނަ ލަވަތައް އަޑު އަހާލެވޭނެ ޕްލެޓްފޯމެވެ. އޭގައި ހުރި ލަވަތަކުގެ އަދަދު 50 މިލިއަނަށް އަރަ އެވެ. އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 320 މިލިއަނަށް އަރަ އެވެ. އޭގެ ތެރެއިން 144 މިލިއަނަކީ ފީ ދައްކައިގެން ސްޕޮޓިފައި ބޭނުންކުރާ މީހުންނެވެ.