Roadha Mihaaru
ޅެމުން ލަވަ ހޯދޭ ގޮތަށް ސްޕޮޓިފައި އިން ހަދައިފި

ޅެން ސާޗްކޮށްގެން ލަވަ ހޯދޭ ގޮތަށް ސްޕޮޓިފައި އިން ހަދައިފި

09 އޮކްޓޯބަރ 2020

މިއުޒިކް ސްޓްރީމްކުރެވޭ މަޝްހޫރު ޕްލެޓްފޯމް ސްޕޮޓިފައި އިން ލަވަތަކުގެ ޅެން ސާޗްކޮށްގެން ލަވަ ހޯދޭ ގޮތަށް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއުޒިކް ސްޓްރީމްކުރެވޭ މަޝްހޫރު ޕްލެޓްފޯމް ސްޕޮޓިފައި އިން ލަވަތަކުގެ ޅެން ސާޗްކޮށްގެން ލަވަ ހޯދޭ ގޮތަށް ހަދައިފި އެވެ.

ސްޕޮޓިފައި އިން ބުނީ މިއީ ލަވަ ހޯދަން އުނދަގޫވާ މައްސަލަ ހައްލުކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. އެގޮތުން ލަވައިގެ ނަމާއި އޭގެ އާޓިސްޓްގެ ނަން ނޭނގޭ ނަމަ ޅެމުގެ ތަންކޮޅެއް ސާޗްގައި ލިޔެލައިގެން އެ ލަވައެއް މިހާރު ފަސޭހަ އިން ހޯދޭނެ އެވެ. ސްޕޮޓިފައި އިން މިގޮތަށް ހެދީ ބައެއް ލަވަތަކުގެ ޅެންތަކުގައި އެއްގޮތްކަން ހުންނާތީ އެކަން ވެސް ފާހަގަކުރެވޭ ގޮތަށެވެ. އެގޮތުން ސާޗްކުރާ ޅެމާ އެއްގޮތް ޅެންތަކެއް، އެ ލަވަތަކުގެ އާޓިސްޓިކްގެ ނަމުގެ ތިރިއަށް "ލިރިކްސް މެޗް" ލޭބަލްކޮށްފައި އިންނާނެ އެވެ.

ސްޕޮޓިފައި ބޭނުންކުރާ މީހުންގެ ފަސޭހައަކަށް ގެނެސްދިން ފީޗާއާ ބެހޭ ގޮތުން އެތަނުގެ ޕްރޮޑަކްޓް ޑިޒައިނަރު ލީނާ ވެންގް ބުނީ މި ގެނައި ބަދަލު އައިއޯއެސް އާއި އެންޑްރޮއިޑްގެ އަހުލުވެރިންނަށް ވެސް ލިބޭނެ ކަމަށެވެ.

ސްޕޮޓިފައިން ބުނި ގޮތުގައި ޅެމުން ލަވަ ހޯދޭނީ ހަމައެކަނި ސްމާޓް ޑިވައިސްތަކުންނެއް ވެސް ނޫނެވެ. އަދި އެ ޕީސީތަކުން ވެސް މިކަން މިހާރު ކުރެވޭނެ އެވެ.

ޅެމުން ލަވަ ހޯދޭ ގޮތަށް ހަދާފައިވާ ބަސްތަކުގެ ތެރޭގައި މި ވަގުތު މައިގަނޑު ގޮތެއްގައި ހިމެނެނީ އިނގިރޭސި އާއި ފްރާންސާއި ކޮރެއާ އަދި ރަޝިއާ ބަހެވެ.

މީގެ 12 އަހަރު ކުރިން ރަސްމީކޮށް ވުޖޫދަށް އައި ސްވިޑްންގެ ސްޕޮޓިފައި އަކީ މިހާރު އެންމެ ގިނަ ލަވަތައް އަޑު އަހާލެވޭނެ އެއް ޕްލެޓްފޯމެވެ. އޭގައި ހުރި ލަވަތަކުގެ އަދަދު 50 މިލިއަނަށް އަރަ އެވެ. އަދި އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 299 މިލިއަނަށް އަރާ އިރު، އޭގެ ތެރެއިން 138 މިލިއަނަކީ ފީ ދައްކައިގެން ސްޕޮޓިފައި ބޭނުންކުރާ މީހުންނެވެ.

ޅެން ސާޗްކޮށްގެން ލަވަތައް ހޯދޭ ގޮތަށް 2018 ގައި އެޕަލް މިއުޒިކުން ވެސް ހަދާފައިވެ އެވެ.