Roadha Mihaaru
އާރުއެމްއެލްއެސްއަށް ސިއްހީ ސާމާނު ދިނީ އޮންނަ އުސޫލުން

އަމިއްލަ ތަންތަނަށް ސިއްހީ ސާމާނު ފޯރުކޮށްދިނުމަކީ އުސޫލެއްގެ ދަށުން ކުރާ ކަމެއް: އައިޖީއެމްއެޗު

29 ނޮވެމްބަރ 2020

ހުޅުމާލޭގައި ހުންނަ އާރުއެމްއެލްއެސް ލެބޯޓްރީ ސާވިސް އަށް މެޑިކަލް ކޮންސިއުމަބްލްސް ފޯރުކޮށްދިނީ ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކާ އެކު އަމަލުކުރަމުން އަންނަ އުސޫލާ އެއްގޮތަށް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލޭގައި ހުންނަ އާރުއެމްއެލްއެސް ލެބޯޓްރީ ސާވިސް އަށް މެޑިކަލް ކޮންސިއުމަބްލްސް ފޯރުކޮށްދިނީ ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކާއި ކްލިނިކްތަކާ އެކު އަމަލުކުރަމުން އަންނަ އުސޫލާ އެއްގޮތަށް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ އިސް މަގާމެއް ފުރުއްވާ، އަދި ކޮވިޑް-19 އިން ރައްކާތެރިވުމުގައި އަޅާނެ ފިޔަވަޅުތައް ނިންމާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ އިސްވެރިޔާ ޑރ. އަލީ ލަތީފްގެ ހިއްސާ އޮތް އެމްއާރުއެލްއެސްއަށް އައިޖީއެމްއެޗުގެ ލެބޯޓްރީން ތަކެތި ފޯރުކޮށްދިނުން މައްސަލައެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. އެކަމުގައި ނުފޫޒު ހިމެނޭ ކަމަށް ތުހުމަތު ކުރަނީ، އާރުއެމްއެލްސްގައި ޑރ. އަލީ ލަތީފް ހިއްސާ އޮންނަ ކަަމަށް އިކޮނޮމިކް މިނިސްޓްރީގެ މައުލޫމާތުތަކުން ދައްކާތީ އެވެ.

އެމްއާރުއެލްއެސްގެ އިސްވެރިންނާ ގާތް ރަހުމަތްތެރިކަމެއް އޮންނަ ކަމަށް އެއްބަސްވެވަޑައިގެން، ހިއްސާގެ ވާހަކަ އަލީ ލަތީފް ދޮގުކުރެއްވި އެވެ. އެކަމަކު، އިކޮނޮމިކް މިނިސްޓްރީގެ ޕޯޓަލް އިން އޭނާގެ ހިއްސާ އެމްއާރުއެލްއެސްގައި އޮތް ކަމަށް ދައްކަނީ ކީއްވެ ކަން އަދި ސާފުކޮށެއް ނުދެއްވަ އެވެ.

އޭނާގެ ދިފާއުގައި ސޯޝަލްމީޑިއާގައި ލިއުނު އެކަކު ބުނެފައިވާ ގޮތުގައި އަލީ ލަތީފް ވަނީ އޭނާގެ ހިއްސާ މާ ކުރިން ދޫކުރައްވައިފަ އެވެ. އަލީ ލަތީފް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ހިއްސާ އޮތް ނަމަ، ދޫކުރެއްވި ތާރީޚެއް އަދި ސާފެއް ނުވެ އެވެ.

އަމިއްލަ މީހުން ހިންގާ ލެބޯޓްރީތަކަށް މެޑިކަލް ކޮންސިއުމަބްލްސް އައިޖީއެމްއެޗުގެ ލެބޯޓްރީން ފޯރުކޮށްދެނީ ކޮން އުސޫލަކުންތޯ "މިހާރު"ން ސުވާލު ކުރުމުން އެތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްއާރުއެލްއެސް ލެބޯޓްރީގެ އިތުރުން ބައެއް ތަންތަނަށް ބޭނުންވާ ސާމާނު އިމަޖެންސީ ހާލަތްތަކުގައި ފޯރުކޮށްދޭ ކަމަށެވެ. އޭގެ ތެރޭގައި، އޭޑީކޭ އާއި ޓްރީ ޓޮޕާއި ސެނަހިޔާ ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެމްއާރުއެލްސްގެ އިތުރުން ތަކެތި ފޯރުކޮށްދޭ އަމިއްލަ އެހެން ލެބޯޓްރީއެއްގެ ނަމެއް އައިޖީއެމްއެޗުން ނުބުނެ އެވެ. އެހެންވެ އަމިއްލަ ތިން ހޮސްޕިޓަލްގެ އިތުރުން މިހާތަނަށް އަމިއްލަ ބަޔަކު ހިންގާ ލެބޯޓްރީއެއްގެ ގޮތުން މެޑިކަލް ކޮންސިއުމަބްލްސް ފޯރުކޮށްދެނީ އެމްއާރުއެލްއެސްއަށް އެކަނިތޯ އެހުމުން އޮފިޝަލް ވިދާޅުވީ ރިކުއެސްޓްކުރާ ތަންތަނަށް ފޯރުކޮށްދޭ ކަމަށެވެ.

"ރިކުއެސްޓްކުރީމާ އޮންނަ އުސޫލުން ފޯރުކޮށްދޭ އަމިއްލަ ތަންތަނަށް ވެސް،" އޮފިޝަލް ވިދާޅުވި އެވެ.

އާރުއެމްއެލްއެސްގެ ދިފާއުގައި އެތަނުގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސައީދު ވިދާޅުވެފަިއ ވަނީ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އަބަދުވެސް ވަސީލަތްތަކާއި މުވައްޒަފުން ބަދަލު ކުރާ ކަމަށާއި އެކަން ކުރަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ކްލިނިކްތަކުން ވެސް ބައެއް ފަހަރު ހޮސްޕިޓަލްތަކަށް ތަކެތި ފޯރުކޮށްދޭ ކަމަށާއި އެއީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"މިއީ އަޅުގަނޑާ އެހެން މީހަކާ ހިއްސާ ވެގެން ކުރާ ކަމެއް. އަލީ ލަތީފަށް އެނގިގެނެއް ވެސް ނޫން މި ތަކެތި ގެންދަނީ. އެއީ ސީދާ އަޅުގަނޑުގެ މޭޒުން ސިޓީ ފޮނުވައިގެން ކުރާ ކަމެއް. އަނެއްކާ އެ ހުރިހާ އެއްޗެއް ލިޔެކިޔުމުން ފެންނަން ހުންނާނެ،" ސައީދު ވިދާޅުވި އެވެ.

އައިޖީއެމްއެޗާއި އެމްއާރުއެލްސްއާ ދޭތެރޭގައި ސިއްހީ ސާމާނު ބަދަލުކުރަނީ އޮޑިޓްކުރިޔަސް ފެންނާނެ ގޮތަށް ލިޔެކިޔުމުން ކަމަށާއި އެހެންކަމުން އޭއީ ވައްކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އައިޖީއެމްއެޗަށް ބޭނުންވާ ސާމާނު ގިނައިން ހޯދަނީ އެސްޓީއޯ މެދުވެރިކޮށެވެ. ބައެއް އަމިއްލަ ކުންފުނިތައް މެދުވެރިކޮށް ވެސް ބައެއް ސާމާނު ހޯދަ އެވެ.