Roadha Mihaaru
ރުގްޔާގެ ނަމުގައި ގިނަ ބަޔަކަށް އެބަ އަނިޔާދޭ:ޖަމިއްޔާ

ރުގްޔާގެ ނަމުގައި ހިންގާ ޖަރީމާތަކުން އަނިޔާގެ ޝިކާރައަކަށްވާ އާއިލާތައް ގިނަ: ޖަމިއްޔާ

29 ނޮވެމްބަރ 2020

އިސްލާމްދީނުގެ އެއްވެސް އިލްމެއް އަދި ޝަރުއީ ރުގްޔާގެ އެއްވެސް އިލްމަކާއި އަމަލީ ތަޖުރިބާއެއް ނެތް އެތައް ބަޔަކު ހިންގާ ޖަރީމާތަކުން އަނިޔާގެ ޝިކާރައަކަށް ވެފައިވާ އާއިލާތައް ގިނަ ކަމަށާއި އެފަދަ މީހުންގެ ކިބައިން ރައްކާތެރިވެ ތިބުމަށް ރުގްޔާކުރާ މީހުންގެ ޖަމިއްޔާ، "ދި އިސްލާމިކް އެކްސޮސިޒަމް" އިން ގޮވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިސްލާމްދީނުގެ އެއްވެސް އިލްމެއް އަދި ޝަރުއީ ރުގްޔާގެ އެއްވެސް އިލްމަކާއި އަމަލީ ތަޖުރިބާއެއް ނެތް އެތައް ބަޔަކު ހިންގާ ޖަރީމާތަކުން އަނިޔާގެ ޝިކާރައަކަށް ވެފައިވާ އާއިލާތައް ގިނަ ކަމަށާއި އެފަދަ މީހުންގެ ކިބައިން ރައްކާތެރިވެ ތިބުމަށް ރުގްޔާކުރާ މީހުންގެ ޖަމިއްޔާ، "ދި އިސްލާމިކް އެކްސޮސިޒަމް" އިން ގޮވާލައިފި އެވެ.

ޝަރުއީ ރުގްޔާއަކީ ކޮބައިކަން ބުނެދީ، ޖަރީމާތައް ހިންގާ މީހުންނާ މެދު ސަމާލުކުރުވުމަށް ރާއްޖޭގައި އުފައްދާފައިވާ ދީނީ ޖަމިއްޔާ އިން މިގޮތަށް ގޮވައިލީ މެދުރާއްޖެތެރޭގެ ރަށެއްގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ރުގްޔާގެ ނަމުގައި ދިން އަނިޔާ ކުށްވެރި ކުރަމުންނެވެ. އެ ޖަމިއްޔާގެ މަގުސަދުތަކުގެ ތެރޭގައި، އަމިއްލަ އަށް ރުގްޔާ ކުރާނެ ގޮތްތައް ބުނެދިނުމާއި ރައްކާތެރިވާނެ އިރުޝާދުތައް ފޯރުކޮށްދިނުން ހިމެނެ އެވެ.

ފަރުވާ ލިބިގަންނަ މީހާއަށް، ޖިންނީންނަށް އަނިޔާކޮށް އަޒާބު ދެއްކުމުގެ ނަމުގައި ވިޔަސް އެ ނޫން އެހެން ސަބަބެއް މަތިކޮށްފައި ވިޔަސް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަނިޔާ ލިބިގެންދާނޭ އެއްވެސް ގޮތަކަށް މުއާމަލާތުކޮށް، ތަޅައި މާރާމާރީ ހިންގުމަކީ ޝަރުއީ ރުގްޔާގެ ތެރެއިން ވާ ކަމެއް ނޫނެވެ.

"ދި އިސްލާމިކް އެކްސޮސިޒަމް" އިން ބުނީ ހަތަރު މައިން ބަންދުކޮށް، ތަޅައި އަނިޔާކޮށް، ޖިންސީގޯނާކޮށް، ބަނޑުހައި ހޫނުކަންމަތީގައި ބައިތިއްބައިގެން ހިންގި އަމަލުތަކަކީ ރުގްޔާއެއް ނޫން ކަމަށެވެ. އެ އަނިޔާތަކާ ގުޅިގެން "މިހާރު" ގައި ޖެހި ރިޕޯޓުގައި ހުރި ވާހަތަކުން އެނގޭ ގޮތުގައި، އެއީ ޝަރުއީ ރުގްޔާގެ އުސޫލްތަކާ މުޅިން ހިލާފަށް ހިންގާފައިވާ އަމަލުތަކެއް ކަމަށް ޖަމިއްޔާ އިން ބުންޏެވެ.

އެ އަމަލުތައް އެތަނުން ސިފަކުރަނީ "ނުބައިކަން ބޮޑު، ފާސިދު، އަނިޔާވެރި، ލާއިންސާނީ ޖަރީމާއެއް"ގެ ގޮތުގަ އެވެ. އެ ޖަރީމާ ހިންގި ފަރާތްތަކުގެ މައްޗަށް އަދުލުވެރި ތަހުގީގެއް ހިންގައި އިންސާފު ހޯދައިދޭން ވެސް ގޮވައިލި އެވެ.

ރުގްޔާކުރާ މީހުން ހިމެނޭ ޖަމިއްޔާ އިން ބުނިގޮތުގައި ރުގްޔާގެ ނަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ކަހަލަ ޖަރީމާތައް އެކަން ކުރާ މީހުންގެ އަމިއްލަ ފައިދާއަށް ދަނީ ހިންގަމުންނެވެ.

"މިފަދަ އެތައް މައްސަލަތަކެއް އެކި ފަރާތްތަކުން އަޅުގަނޑުމެންނާ ހިއްސާކުރަމުންދާ ކަމީ އަޅުގަނޑުމެން ނުހަނު ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ. އެކި ގޮތްގޮތުން، އެފަދަ މީހުންގެ ޝިކާރައަކަށް ވެ އަނިޔާ ލިބެމުންދާ އާއިލާތައް ވަރަށް ވެސް ގިނަ އެވެ،" ބަޔާނުގައިވެ އެވެ.

ޝަރުއީ ރުގްޔާއަކީ އިސްލާމްދީނާއި ގުރުއާނާއި ސުންނަތުން ސާބިތުވާން އޮތް ކަމެއް ކަން ފާހަގަކޮށް ބަޔާނުގައި ބުނީ ރޫހާނީ އަދި ޖިސްމާނީ ކޮންމެ ބައްޔަކަށް ވެސް ގުރުއާނާއި ސުންނަތުގެ އަލީގައި ޝިފާ ހޯދުމުގެ ނިޔަތުގައި ރުގްޔާ ކުރެވިދާނެ ކަމަށެވެ. ޖިސްމާނީ ބަލިތަކަށް ޑޮކްޓަރެއްގެ ލަފާގެ މަތިން ފަރުވާ ހޯދުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި އެހެން ނޫން ނަމަ އެއީ ބަލިމީހާގެ ހާލަތު ގޯސްވެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

ރުގްޔާގައި ތަޅައި އަނިޔާކުރުން ނޯންނަ ކަން އެ ޖަމިއްޔާ އިން ސާފުކޮށްދީފައިވެ އެވެ.

"އެއްވެސް ހާލެއްގައި، ފަރުވާ ލިބިގަންނަ މީހާއަށް، ޖިންނީންނަށް އަނިޔާކޮށް އަޒާބު ދެއްކުމުގެ ނަމުގައި ވިޔަސް އެ ނޫން އެހެން ސަބަބެއް މަތިކޮށްފައި ވިޔަސް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަނިޔާ ލިބިގެންދާނޭ އެއްވެސް ގޮތަކަށް މުއާމަލާތުކޮށް، ތަޅައި މާރާމާރީ ހިންގުމަކީ ޝަރުއީ ރުގްޔާގެ ތެރެއިން ވާ ކަމެއް ނޫނެވެ."

ބޭނުން ޖެހިފައި ތިބި މީހުންނަށް ޝަރުއީ ހަމަތަކުގެ މަތިން ރުގްޔާކޮށްދޭ މީހުން އުޅޭކަން ފާހަގަކުރަމުން އެ ޖަމިއްޔާ އިން ބުނިގޮތުގައި ދެވަނަ ބަޔަކީ ދަތި ހާލުގައި ޖެހިފައިވާ މީހުންގެ ކިބައިން ފައިދާ ނަގަން އުޅޭ މީހުންނެވެ. އަމިއްލަ މަންފާ އަށް ޖަރީމާތައް ހިންގާ މީހުންނާ މެދު ސަމާލުވެ ތިބެން އެ ޖަމިއްޔާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މީހެއްގެ ކިބައިން ރުގްޔާގެ އެހީ ހޯދުމުގެ ކުރިން އެއީ ރުގްޔާގެ އިލްމާއި އަމަލީ ތަޖުރިބާ ހުރި މީހެއްތޯ ބަލައި ސުވާލު އުފެދޭ ކަންތައްތައް އިލްމުވެރިންގެ ކިބައިން އޮޅުންފިލުވުމަށް ވެސް ނަސޭހަތްތެރިވަމެވެ. ރުގްޔާކުރުމުގެ ތެރޭގައި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ކަމެއް މީހެއްގެ އަމަލަކުން ފެނިއްޖެ ނަމަ، ނުވަތަ އެފަދަ ވާހަކައެއް ދައްކައިފި ނަމަ އެ މީހެއްގެ މަސައްކަތް ހުއްޓުވައި އެ މީހެއްގެ ކިބައިން ދުރުހެލިވެ ކަމާބެހޭ ފަރާތްތަކަށް އެ މީހެއްގެ މައްސަލަ ލަސްނުކޮށް ރިޕޯޓްކުރާށެވެ،" ބަޔާނުގައިވެ އެވެ.

"ދި އިސްލާމިކް އެކްސޮސިޒަމް" އިން ދެން ގޮވައިލީ، އަމިއްލަ ނަފްސާއި އާއިލާ އާއި މުޖުތަމައުގެ ފައިދާ އާއި ރައްކާތެރިކަމަށް ރުގްޔާގެ ފުރިހަމަ މައުލޫމާތު އަމިއްލައަށް ހޯދައި މައުލޫމާތު މުއްސަނދިކުރާށެވެ.

ރުގްޔާގެ ނަމުގައި އާއިލާއެއް ރަހީނުކޮށް އަނިޔާކުރި ދެ މީހުން ވަނީ ބަންދުކޮށްފަ އެވެ. އެ ދެ މީހުންގެ ހިންގި ޖަރީމާތަކުގެ ތަހުގީގު ފުލުހުން އަންނަނީ ކުރަމުންނެވެ.