Roadha Mihaaru
ރުގްޔާގެ ނަމުގައި އަނިޔާދިން މީހާގެ ބަންދު އިތުރުކޮށްފި

ހަތަރު މައިންނަށް އަނިޔާކުރި މައްސަލަ: 14 ދުވަސް ހަމަވުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

12 ޑިސެމްބަރ 2020

ރުގްޔާ ކުރުމުގެ ނަމުގައި ސިހުރުގެ އަމަލުތަކަކުން ހަތަރު މައިންނަށް ޖިންސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ވެސް ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރުގްޔާ ކުރުމުގެ ނަމުގައި ސިހުރުގެ އަމަލުތަކަކުން ހަތަރު މައިންނަށް ޖިންސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ވެސް ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފި އެވެ.

އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ ހައްޔަރުކޮށް ތަހުގީގު ހިންގަން ދިން 14 ދުވަހުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުންނެވެ. ފުލުހުން ބުނީ، ކޯޓުން ނިންމީ 24 އަހަރުގެ އެ މީހާ ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކަމަށެވެ.

އޭނާއާ އެކު ދެން ހައްޔަރުކުރީ، ސިހުރުގެ އަމަލުތަކަކުން އަނބިމީހާ އާއި ދޮންދަރީންނަށް އަނިޔާކުރުމުގައި ހިތްވަރު ދިން 39 އަހަރުގެ މީހާ އެވެ. އޭނާ ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.

މެދު ރާއްޖެތެރޭގެ ރަށެއްގައި ހަތަރު މައިން ގެއެއްގެ ތެރޭގައި ބަންދުކޮށް އަނިޔާވެރި އަމަލުތަކެއް ހިންގައި ޖިންސީ ގޯނާކުރީ ހަށިގަނޑު ތެރޭގައި ޖިންނި އުޅޭތީ ރުގްޔާކޮށްގެން ފޮނުވާލުމުގެ ނަމުގަ އެވެ. ހަތް އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރީ ވެސް ރުގްޔާކުރުމުގެ ނަމުގައި އެކަހެރިކޮށްގެންނެވެ. އެ ކުއްޖާ ދެ މަހެއްހާ ދުވަހު ސްކޫލަށް ވެސް ނުފޮނުވަ އެވެ.

އެކަމަކު ރުގްޔާގެ ނަމުގައި ހިންގީ ސިހުރުގެ އަމަލުތަކެއް ކަމަށް އަންހެން މީހާ ކިޔައިދީފައިވާ ވާހަކަތަކުން ލަފާކުރެވޭ ކަމަށް ބައެއް ދީނީ އިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.

އަންހެން މީހާ ބުނީ އޭނާގެ ގައިގެ އެކި ތަންތަނުގައި ތަޅައި ހެދީ، ޖިންނިއަށް އަދަބު ދިނުމުގެ ނަމުގައި ކަަމަށެވެ. އެ އަދަބުގެ ތެރެއިން، އަޅެއްގެ ގޮތުގައި ގެންގުޅުމާއި ބަނޑުފުރައި ކާން ނުދިނުމާއި ހަމަ ނިދި ނިދިޔަ ނުދިނުން ފަދަ ކަންކަން ކުރިމަތިކުރުވި ކަމަށް އަންހެން މީހާ ވަނީ ބުނެފަ އެވެ.

ރުގްޔާ ކުރާއިރު، އެ ގޭތެރެއިން ރޯ އަޑު އިވޭނެ ކަމަށް އަވަށްޓެރިންނާއި އެ ގެއަށް ވަދެ އުޅޭ މީހުންނަށް ވިސްނައިދީފައި އޮތުމާ އެކު ތިން މަސްވިއިރު، އެ ހަތަރު މައިންނަށް އެހީތެރިކަމެއް ނުލިބުނެވެ. ފުލުހަކު އެ ގެއަށް ދިޔަ ދުވަހެއްގައި އަނިޔާގެ ވާހަކަ ބުނުމުން ގައި ތެރޭގައި ޖިންނި އުޅެނީ ކަމަށް ބުނެ އަޅާނުލައި ދިޔަ މައްސަލައިގައި އާއިލާގެ ކަންބޮޑުވުން އެބައޮތެވެ. ކުދިންނަށް އަނިޔާކުރާ ވާހަކަ އަންހެން މީހާގެ އާއިލާގެ މީހެއްގެ ގާތު ބުނެގެން އެ ގެއަށް ޖެންޑާ މިނިސްޓްރީގެ ސޯޝަލް ވޯކަރަކު ގޮސް ސުވާލުކުރުމުން ވެސް އޭނާގެ ފިރިމީހާ އެކަން ހުއްޓުވައި އޭނާ ފޮނުވާލީ ކަމަށް ވެސް އަންހެންމީހާ ބުނެ އެވެ.

ހަތަރު މައިން ބަންދުކޮށްގެން ގެންގުޅުނު ރަށުގެ ޕޮލިސް ސްޓޭޝަނުގެ ފުލުހަކު އެ މައްސަލައިގައި ފަރުވާކުޑަކޮށްފައިވާތީ އެތަނުގެ ބަދަލުގައި އަތޮޅު ޕޮލިސް ސްޓޭޝަނުން މައްސަލަ ބަލައިދޭން އާއިލާ އިން އޮތީ ހުށަހަޅައިފަ އެވެ. މި ތަހުގީގު މިހާރު ކުރިއަށް ގެންދަނީ މާލޭގައި ހުންނަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުންނެވެ.