Roadha Mihaaru
ވިޝަން އާބަނޯޓް: ހުރިހާ ކަމެއް ތަފާތު ކާރެއް

ވިޝަން އާބަނޯޓް: ހުރިހާ ކަމެއް ތަފާތު ކާރެއް

29 ނޮވެމްބަރ 2020

ދިގު ތާރީހެއް އޮތް އިނގިރިސޭވިލާތުގެ އޮޓޮމޭޓިވް ކުންފުނި މިނީ އިން ތަފާތު ޑިޒައިނެއްގެ ކާރެއް އުފެއްދުމުގެ މަސައްކަތް ފަށައި އޭގެ ހިޔާލީ ތަސައްވުރު އާންމުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދިގު ތާރީހެއް އޮތް އިނގިރިސޭވިލާތުގެ އޮޓޮމޭޓިވް ކުންފުނި މިނީ އިން ތަފާތު ޑިޒައިނެއްގެ ކާރެއް އުފެއްދުމުގެ މަސައްކަތް ފަށައި އޭގެ ހިޔާލީ ތަސައްވުރު އާންމުކޮށްފި އެވެ.

އަދިވެސް ޑިޒައިނިންގެ މަރުހަލާގައި އޮތް މި ކާރަށް ދީފައިވާ ނަމަކީ "ވިޝަން އާބަނޯޓް" އެވެ. މި ފެންނަނީ ވަރަށް ހިތްގައިމު ކުޑަ ޕޮޑެއްގެ ގޮތުގަ އެވެ.

މިނީގެ މި އުފެއްދުމަކީ "ސެލްފް ޑްރައިވިން" ކާރެކެވެ. އެކަމަކު މީގެ ކޮންޓްރޯލް އެތެރޭގައި ތިބޭ މީހުންގެ އަތުގައި އޮންނާނެ އެވެ. ފެންނަ ފެނުމަށް ކުޑަ ޕޮޑެއްގެ ގޮތުގައި ކާރު ސިފަކުރެވުނަސް މިއީ އެތެރެ އާއި ބޭރުގެ ޑިޒައިން ވެސް ވަރަށް ވެސް ފުރިހަމަކޮށް ގެނެސްދޭނެ އެއްޗެކެވެ.

މީގެ އެތެރޭގެ ހާއްސަ ސިފަތަކުގެ ތެރޭގައި ކާރުގެ ސީޓްތަކާއި ޑޭޝްބޯޑް ދިމަދިމާ އަށް އަނބުރާލައި ޖާގަ ތަނަވަސްކޮށް، ސީޓްތައް ވެސް ސޯފާއެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެވެ. އަދި ސީޓްތައް ހުންނާނީ އޮށޯވެލަން ބޭނުންވެއްޖެ ހިނދެއްގައި އެކަމަށް ވެސް ފަހިވާ ގޮތަށެވެ.

"ވިޝަން އާބަނޯޓް" ޕާކްކުރާ ވަގުތުތަކުގައި އޭގެ ވިންޑް ސްކްރީން ހުޅުވައިލަދީ، ތާޒާ ވައި އެތެރެއަށް ފޯރުކޮށް ދޭނެ އެވެ. މިނީން ބުނާ ގޮތުގައި މި ޑިޒައިންވެގެން ދާނީ ކާރުގައި ކުރާ އެއްގަމު ދަތުރުތަކަށް ބޮޑު ބަދަލެއް ގެނުވާނެ 21 ވަނަ ގަރުނުގެ ފުރިހަމަ އުފެއްދުމަކަށެވެ.

އެކަމަކު އަދި "ވިޝަން އާބަނޯޓް" ވުޖޫދަށް ގެންނާނެ އިރެއް ނޭނގެ އެވެ. މި އުފެއްދުން ހަގީގަތަކަށްވެގެން ބާޒާރަށް ގެންނާނެ ވަކި ދުވަހެއް މިނީން ކަނޑައަޅައިފައެއް ނެތެވެ. ކުންފުނީގެ ހުރިހާ ވިސްނުމެއް މި ވަގުތު އޮތީ ވަރަށް ރީތި މޮޅު އުފެއްދުމެއް ބާޒާރަށް މުސްތަގުބަލުގައި ނެރެން ކަމަށް ވަނީ ބުނެފަ އެވެ.

މިނީ އަކީ 2000 ވަނަ އަހަރުން ފެށިގެން ޖަރުމަންގެ ބީއެމްޑަބްލިއުގެ ދަށުން އޮޕަރޭޓްކުރާ ކުންފުންޏެކެވެ. މިނީ ވުޖޫދަށް އައީ 1969 ގަ އެވެ.