Roadha Mihaaru
ރޯލްސް-ރޯއިސްގެ އިލެކްޓްރިކް ކާރު 2023 ގައި

ރޯލްސް-ރޯއިސްގެ އިލެކްޓްރިކް ކާރު 2023 ގައި

01 އޮކްޓޯބަރ 2021

ކާރު އުފައްދާ ބޮޑެތި ކުންފުނިތަކުގެ މެދުގައި މިހާރު އިލެކްޓްރިކް ކާރު އުފެއްދުމުގެ ވާދަވެރިކަން ބޮޑުވަމުން އަންނަ އިރު މަޝްހޫރު ރޯލްސް-ރޯއިސް އިން އެތަނުގެ އިލެކްޓްރިކް ކާރު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާރު އުފައްދާ ބޮޑެތި ކުންފުނިތަކުގެ މެދުގައި މިހާރު އިލެކްޓްރިކް ކާރު އުފެއްދުމުގެ ވާދަވެރިކަން ބޮޑުވަމުން އަންނަ އިރު މަޝްހޫރު ރޯލްސް-ރޯއިސް އިން އެތަނުގެ އިލެކްޓްރިކް ކާރު ދައްކާލައިފި އެވެ.

ކުރިން ހީކުރި ގޮތާ ހިލާފަށް، އެ ބާވަތުގެ ކާރުގެ ޕްރޮޓޯޓައިޕެއްގެ ބަދަލުގައި ހަމަ ރަސްމީކޮށް އުފެއްދުން ދައްކާލައި މިހާރު ވަނީ އެ ޓެސްޓް ވެސް ކޮށްފަ އެވެ. ރޯލްސް-ރޯއިން ދައްކައިލި ކަޅު ކުލައިގެ ކާރު ފެންނަނީ ވަރަށް ޒަމާނީ ސްޓައިލެއްގަ އެވެ. އެކަމަކު އަދި މި އުފެއްދުމާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް ހާމައެއްނުކުރެ އެވެ.

"ސްޕެކްޓާ" ގެ ނަން ދޭން ނިންމާފައިވާ ކާރު މާކެޓަޑް ނެރެން ނިންމާފައި ވަނީ 2023 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގަ އެވެ. އެކަމަކު އަދި މީގެ އަގާއި ޕްރީ-އޯޑަރަށް ހުޅުވައިލާނެ އިރެއް ވެސް އިއުލާނެއް ނުކުރެ އެވެ.

ރޯލްސް-ރޯއިސްގެ ސީއީއޯ ޓޯޒްޓެން މުލާ ވިދާޅުވީ އެ ކުންފުނީގެ އިލެކްޓިކް ކާރަކީ ވަރަށް ވެސް ފުރިހަމަ އެހާމެ ޗާލު އުފައްދުމަކަށް ވާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި "ސްޕެކްޓާ" އަކީ މަރާމާތަކަށް ނުގޮސް ވަރަށް ގިނަ ދުވަހު ބޭނުންކުރެވޭނެ އެއްޗެކެވެ. މިއާ ބެހޭ މައުލޫމާތުތައް ކުންފުނީގެ ވެބްސައިޓްގައި ވެސް ހިމަނާފައިވެ އެވެ.

"މިއީ ވަރަށް ފަސޭހައިން ޗާޖް ވެސް ކޮށްލެވޭ އަދި ހިތްގައުމު އެތައް ފީޗާއެއް ހާއްސަކޮށް ރައްކާތެރިކަމުގެ ގޮތުން ބަލައިފި ނަމަ އެއްވަނައިގެ އުފެއްދުމަކަށް ވާނެ." މުލާ ވިދާޅުވި އެވެ.

ދެހާސް ތޭވީހުގައި ކުންފުނީގެ ފުރަތަމަ އިލެކްޓްރިކް ކާރު މާކެޓަށް ނެރުމަށް ފަހު، ކާރުގެ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ތެރެގައި ގުނައިލެވޭ ރޯލްސް-ރޯއިސްގެ މުޅި ޕްރޮޑަކްޝަން 2030 ގައި އިލެކްޓްރިކް ކުރަން ވަނީ ނިންމައިފަ އެވެ.

މުލާ ވިދާޅުވި ގޮތުގައި ކާރު އުފައްދާތާ 117 އަހަރު ފަހުން، އަނެއްކާ ވެސް މުޅިން އާ ޒަމާނީ އުފެއްދުމެއް ކަސްޓަމަރުންނަށް ގެނެސްދޭން ކުޑަތަންވުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

"ހަމަ ޔަގީނުން ވެސް ވަރަށް ފުރިހަމަ ސުޕަ ލަގްޒަރީ އުފެއްދުމަކަށް އަހަރެމެންގެ އިލެޓްރިކް ކާރު ވާނެ." އޭނާ ވިދާޅުވި އެވެ.

އިލެކްޓްރިކް ކާރަކީ މިހާރު ތިމާވެއްޓަށް ދޭ ސަމާލު ކަމާ އެކު ކުންފުނިތަކުން އެންމެ ބޮޑަށް މަސައްކަތްކުރާ އެއް ދާއިރާ އެވެ. މި ބާވަތުގެ ކާރު އުފެއްދުމުގައި މިހާރު ރަސްކަން ކުރަނީ މަހުޖަނު އީލޮން މަސްކްގެ ޓެސްލާ އެވެ.