Roadha Mihaaru
ޖިންސީ ގޯނާގެ މައްސަލަތަކުގައި ހެކި މާނަކުރި ގޮތް ގޯސް

ކުޑަކުދިންނަށް ޖިިންސީ ގޯނާކުރާ މައްސަލަތަކުގައި ހައި ކޯޓުން ހެކި ވަޒަންކުރި ގޮތް ގޯސް: ސުޕްރީމް ކޯޓް

28 ނޮވެމްބަރ 2020

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ހެކި ވަޒަން ކުރުމާ ބެހޭގޮތުން ހައި ކޯޓުން ކުރިން ނިންމާފައިވާ ގޮތް ގޯސް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ހެކި ވަޒަން ކުރުމާ ބެހޭގޮތުން ހައި ކޯޓުން ކުރިން ނިންމާފައިވާ ގޮތް ގޯސް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން 12 ބާވަތެއްގެ ހެކި ބަޔާން ކުރުމަށް ފަހު އޭގެ ތެރެއިން މަދުވެގެން ފަސް ހެއްކެއް ލިބުމުން ކުށް ސާބިތުވީ ކަމަށް ބަލަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި އަނިޔާލިބޭ ކުއްޖާ ތަހުގީގަށް ކިޔައިދޭ ކިޔައިދިނުމާއި އެ ކުއްޖާގެ އާއިލާ ނުވަތަ ގާތް މީހަކަށް ކިޔައިދޭ ކިޔައިދިނުމަކީ ވެސް ވަކި ހެކިތަކެއްގެ ގޮތުގައި ބަޔާން ކޮށްފައިވެ އެވެ.

އެކަމަކު ދުސްތޫރީ މައްސަލައެއްގައި ހައި ކޯޓުން އެ ގާނޫނު މާނަ ކުރުމަށް ފަހު، އޮކްޓޫބަރު، 2016 ގައި ނިންމާފައިވަނީ އަނިޔާ ލިބޭ ކުއްޖާ އެކި ފަރާތްތަކަށް ކިޔައިދޭ ކިޔައިދިނުމަކީ ފަސް ހެކި ހަމަ ކުރުމުގައި ވަކިވަކި ހެކިތަކެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު 2009 ވަނަ އަހަރު ވުޖޫދަށް ގެނައީ އެފަދަ މައްސަލަތައް އިތުރުވެ، ކުށް ސާބިތު ކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާން ފެށުމުން ކަމަށެވެ. އެކަމަކު އެ ގާނޫނު މާނަ ކުރުމަށް ފަހު ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ އެކަންކަމަށް ބެލުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

"ކޮށްފައިވާ މާނަ ކުރުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު އެކުލަވާލަން ޖެހުނު ސަބަބާއި އެ މާއްދާގައި ބަޔާން ކޮށްފައިވާ ހެކިތަކާއި އެ ހެކިތައް ވަޒަން ކުރުމުގައި ޝަރުއީ ކޯޓުތަކުން ބަލަންޖެހޭ މިންގަނޑާއި އަދިި އެފަދައިން މާނަ ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކުޑަކުދިންނަށް ލިބިދީފައިވާ ޚާއްސަ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެ ކަން ނުވަތަ ނޫންކަމުގެ މައްޗަށް ބެލުމެއް ނެތި ކޮށްފައިވާ ތިލަ މާނަ ކުރުމެއް..." އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައި ވަނީ ގާނޫނުގައި 12 ބާވަތެއްގެ ހެކި ބަޔާން ކުރަނީ ކޮންމެ ހެއްކެއް ވަކި މުސްތަގިއްލު ހެއްކަކަށް ވުން ލާޒިމްވާ ގޮތަކަށް ނޫން ކަމަށާއި ގާނޫނުގައި ހެކީގެ މިންގަނޑު އެކުލަވާލާފައި ވަނީ އަނިޔާ ލިބޭ ކުއްޖާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ހެކިތައް ވަކިން ލިސްޓު ކޮށްފައި ވަނީ ކުއްޖާގެ ބަހުގެ ތެދުކަން ކަށަވަރު ކުރެވޭނެ ވަސީލަތްތަކެއްގެ ގޮތުގައި ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވާ ގޮތުން އަނިޔާ ލިބޭ ކުއްޖާ ބުނާ ބުނުމުގެ މައްޗަށް އެކަނި ބިނާކޮށް ކުށެއް ސާބިތުވާނީ އެ ކުއްޖާގެ ބަހަކީ އާދަޔާ ޚިލާފަށް ތެދުކަން ކަށަވަރު ވެގެންނެވެ. އެކަން ބެލުމަށްޓަކައި އެ ކުއްޖާގެ ބަސް އެތެރެ ފުށުންނާއި ބޭރު ފުށުން އެއްގޮތްވޭތޯ ބެލުމާއި ކުއްޖާގެ ތެދުވެރިކަމާއި އެ ކުއްޖާގެ ނުބައި ނިޔަތެއް އޮތްތޯ ބަލަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ގާނޫނުގައި ބުނާ ފަސް ހެކި ހަމަ ނުވިޔަސް، ކުށް ސާބިތު ކުރުމުގެ އާންމު އުސޫލުގެ ދަށުން އެފަދަ ކުށެއް ސާބިތު ކުރެވިދާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު މާނަ ކުރުމަށް ފަހު ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ އެ ގާނޫނުގެ މަގްސަދާ ޚިލާފަށް އަދި އެ ބާވަތުގެ މައްސަލަތަކުގައި ހެކި ވަޒަން ކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާ ޚިލާފް ނިންމުމެއް ކަމަށެވެ.

އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

ހައި ކޯޓުގެ އެ ނިންމުން ގޯސްކަމަށް މިއަހަރު ކުރީކޮޅު ސުޕްރީމް ކޯޓުން ކުރި އެހެން ހުކުމެއްގައި ވެސް ނިންމި އެވެ. އޭރު އެގޮތަށް ނިންމީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމި މައްސަލައެއް ދައުލަތުން އިސްތިއުނާފް ކުރުމުންނެވެ.