Roadha Mihaaru
ޖިންސީ ގޯނާގެ މައްސަލަތަކުގެ ހައްޔަރުގައި ހަނު ހުރެވޭނެ

ޖިންސީ ގޯނާގެ މައްސަލަަތަކުގައި ހައްޔަރުގައި ހުންނައިރު ހަނު ހުރެވޭނެ: ސުޕްރީމް ކޯޓް

05 ޑިސެމްބަރ 2021

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރާ ހާލަތުގައި ހަނު ހުރުމުގެ ހައްގު އޮންނާނެ ކަމަށާއި އެ ހައްގު ގެއްލޭނީ ބަންދުގައި ހުންނަ އިރު އެކަނި ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރާ ހާލަތުގައި ހަނު ހުރުމުގެ ހައްގު އޮންނާނެ ކަމަށާއި އެ ހައްގު ގެއްލޭނީ ބަންދުގައި ހުންނަ އިރު އެކަނި ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނު އޮންނަ ގޮތުން ،އެ ގާނޫނުގެ ދަށުން ތުހުމަތެއްގައި ބަންދުކުރާ މީހުންނަށް ހަނު ހުރުމުގެ ހައްގެއް ނުލިބޭނެ އެވެ. އެކަމަކު ތ. އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ގާނޫނީ އިންޒާރު ދިން އިރު ވެސް ފުލުހުން އޭނާ އަށް އެންގީ ހަނު ހުރުމުގެ ހައްގު ނޯންނާނެ ކަމަށެވެ. އަދި އޭނާ ބަންދުކުރަން އެ ރަށު ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް ތާއީދުކުރި އެވެ.

އެ މީހާ ހައްޔަރު ކޮށްފައި ހުރިއިރު، ހަނު ހުރުމުގެ ނޯންނާނެ ކަން ފުލުހުން އެންގި ކަމަށް ދައުލަތުން ވެސް އެއްބަސްވި އެވެ. ދައުލަތުން ބުނެފައިވަނީ އެފަދަ މައްސަލަަތަކުގައި ބަންދުގައި ހުންނަ ހާލަތުގެ އިތުރުން ހައްޔަރުގައި ހުންނަ ހާލަތުތަކުގައި ވެސް ހަނު ހުރުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ.

އެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޖިނާއީ އިޖުރައާތުގެ ގާނޫނު އޮންނަ ގޮތުން ހައްޔަރު ކުރުމާއި ބަންދު ކުރުމަކީ ތަފާތު ދެ ކަމެއް ކަމަށެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 27 ވަނަ މާއްދާ އޮންނަ ގޮތުން، ހަނު ހުރުމުގެ ހައްގު ނުލިބޭނީ ބަންދުގައި ހުންނައިރު ކަމަށާއި އެހެންވެ، ހައްޔަރު ކޮށްފައި ހުންނަ ހާލަތުގައި ހަނު ހުރުމުގެ ހައްގު އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ހަނު ހުރުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި ވަނީ މަޖުބޫރު ކޮށްގެން އިއުތިރާފު ބަޔާން ނެގުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ކަމަށާއި ތަހުގީގު މަރުހަލާގައި ބިރުގަތުމުގެ ސަބަބުން އޮޅިގެން ނުވަތަ ހަނދާން ނެތިގެން ދެއްކޭ ވާހަކަތަކުން ވެސް އަމިއްލަ ނަފްސު ކުށްވެރިވާ ފަދަ ވާހަކަތައް ދެއްކުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެހެންވެ، ހަނު ހުރުމުގެ ހައްގު ފުޅާ ދާއިރާއެއްގައި ގާނޫނ އަސާސީން ލިބިދީފަައި އޮތްއިރުު، އެ ހައްގު ހަނި ކުރެވޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ހުކުމުގައި ވަނީ އެ މީހާ ހައްޔަރު ކުރުމަށް ފަހު، ގާނޫނީ އިންޒާރު ދިން އިރު، އޭނާ އަށް ހަނު ހުރުމުގެ ހައްގު ނޯންނާނެ ކަމަށް ފުލުހުން އެންގި އެންގުމަކީ ގާނޫނާ އެއްގޮތަށް އެންގި އެންގުމެއް ނޫން ކަމަށެވެ. އެކަމަކު އެއީ އޭނާ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫން ކަމަށާއި އެހެންވުމުން ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަލީ ރަޝީދެވެ.