Roadha Mihaaru
ދަރަވަންދޫ ގެސްޓު ހައުސްތައް އަނެއްކާ ވެސް ބަންދުކޮށްފި

ރައްޔިތުން ރުޅިގަދަވުމުން ދަރަވަންދޫ ގެސްޓު ހައުސްތައް އަނެއްކާ ވެސް ބަންދުކޮށްފި

24 ނޮވެމްބަރ 2020

ރައްޔިތުން ރުޅިގަދަވެ މުޒާހަރާ ކުރުމުން ބ. ދަރަވަންދޫގެ ގެސްޓު ހައުސްތައް އަނެއްކާވެސް ބަންދު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރައްޔިތުން ރުޅިގަދަވެ މުޒާހަރާ ކުރުމުން ބ. ދަރަވަންދޫގެ ގެސްޓު ހައުސްތައް އަނެއްކާވެސް ބަންދު ކޮށްފި އެވެ.

އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާ ހެދި، ގެސްޓު ހައުސްތައް ހުޅުވުން ކުރިން ވެސް ފަސްވެގެން ދިޔަ އެވެ. ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ 15 އޮކްޓޯބަރުން ފެށިގެން ދިން ނަމަވެސް ދަރަވަންދޫ ކައުންސިލުން ހުއްދަ ދިނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ދަރަވަންދޫގައި ގެސްޓު ހައުސް ހިންގާ މީހަކު ބުނި ގޮތުގައި އެ ރަށުގެ ދެ ގެސްޓު ހައުސްއަކަށް ވަނީ ހުޅުވުމުގެ ހުއްދަ ދީފަ އެވެ. މީގެ ތެރެއިން އެއް ގެސްޓު ހައުސްއަށް ޓޫރިސްޓަކު އައުމާއެކު މިދިޔަ ބުރާސްފަތި ދުވަހާއި އާދީއްތަ ދުވަހު ރައްޔިތުން މުޒާހަރާކުރި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިވަގުތު އެ ރަށުގައި ހުރީ އެންމެ ޓޫރިސްޓެކެވެ. އެ ޓޫރިސްޓު ވެސް މިއަދު ފުރުވާލާނެ ކަމަށް އޭނާ ބުންޏެވެ.

"އިއްޔެ އަންނަން އުޅުނު ގެސްޓެއްގެ ވެސް ބުކިން އަޅުގަނޑުމެން ވާހަކަދައްކައިގެން އެހެން ތަނަކަށް ބަދަލުކުރީ. މި ހާލަތުގައި ހުއްދަ އޮތް ނަމަވެސް ގެސްޓުން ގެނައުމަކީ ގެސްޓުންނަށް ވެސް ރައްކާތެރިކަމެއް ކަމުގައި ގަބޫލެއް ނުކުރެވޭ،" އޭނާ ބުންޏެވެ.

ގެސްޓު ހައުސް ހުޅުވުމާ ދެކޮޅަށް ދަރަވަންްދޫގައި މުޒާހަރާ ކުރަނީ--

ގެސްޓު ހައުސް ހުޅުވުމާ ދެކޮޅަށް ދަރަވަންްދޫގައި މުޒާހަރާ ކުރަނީ--

އޭނާ ބުނީ ރައްޔިތުން ކަންބޮޑުވަނީ އެޗްޕީއޭގެ ގައިޑްލައިނުގެ ސަބަބުން ކަމަށެވެ. ގެސްޓު ހައުސް ހުޅުވާފައި ހުންނަ ރަށަކުން އެހެން ރަށަކަށް ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ދާނަމަ 14 ދުވަހު ކަރަންޓިން ވާން ޖެހޭއިރު އެ ރަށުގެ ރައްޔިތުން އެގޮތަށް ބޭނުމެއް ނުވެ އެވެ.

"މި ރަށުގެ ގިނަ މީހުން އެކި ކަންކަމުގައި މި ދަނީ އޭދަފުއްޓަށް. އެރަށުން ނެރުނު އިއުލާނެއްގައި މި ބުނީ ދަރަވަންދުއިން އެ ރަށަށް ގޮސް ކުރިން އުޅުނުހެން ނޫޅެވޭނެކަމަށް. އެކަމަކު މި ރަށުގަ އެބަތިބި އެ ރަށުގައި އާއިލާ ތިބި މީހުން ވެސް. އެ މީހުން ބޭނުންވޭ ދާން. ރައްޔިތުން ބުނަނީ ދެ ގެސްޓު ހައުސެއް ހުޅުވަން މުޅި ރަށް ބަންދު ނުކުރެވޭނެ ކަމަށް،" ގެސްޓު ހައުސް ހިންގާ މީހަކު ބުންޏެވެ.

ރައްޔިތުން މުޒާހަރާ ކުރަން ފެށުމުން އެ ރަށުގެ ކައުންސިލުން ވަނީ ވަކިގޮތެއް އަންގަންދެން ގެސްޓު ހައުސްތަކުން ޓޫރިސްޓުން ގެނައުން މަނާ ކޮށްފަ އެވެ. މި މައްސަލަ ހައްލު ކުރުމަށް އެޗްޕީއޭ އާއި އެރަށުން ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީ އާއި އެލްޖީއޭއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަން އެނގިފައިވެ އެވެ.

ޑިސެމްބަރުން ފެށިގެން ދަރަވަންދުއަށް ވަނީ ގިނަ އަދަދެއްގެ ބުކިން ލިބިފަ އެވެ. ނަމަވެސް އަލުން ހުޅުވޭނެ ތާރީހެއް ޔަގީން ނުވާތީ ބުކިންތައް ކެންސަލް ކުރަމުން އަންނަ ކަމަށް އެ ރަށުގައި ގެސްޓު ހައުސް ހިންގާ މީހަކު ބުންޏެވެ. އޭނާ ބުނި ގޮތުގައި މިކަމުގެ ސަބަބުން ގެސްޓު ހައުސްތަކުގެ އިތުރުން ޓޫރިޒަމާ ގުޅުވައިގެން އެ ރަށުގައި ހިންގާ އެހެން ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވާނެ އެވެ.