Roadha Mihaaru
ދަނޑުވެރިކަމަށް ދޭ ރަށްތަކުގެ ޕްރީބިޑް މީޓިން ބާއްވަނީ

ދަނޑުވެރިކަމަށް ހުޅުވާލި ހަ ރަށުގެ ޕްރީބިޑް މީޓިން ބުދަ ދުވަހު

09 ނޮވެމްބަރ 2020

ދަނޑުވެރި ކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހުޅުވާލި ހަ ރަށުގެ ބީލަން ކަރުދާހާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިން އަންނަ ހަފުތާގެ ބުދަ ދުވަހު ބާއްވަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދަނޑުވެރި ކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ހުޅުވާލި ހަ ރަށުގެ ބީލަން ކަރުދާހާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިން އަންނަ ހަފުތާގެ ބުދަ ދުވަހު ބާއްވަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

މި ބައްދަލުވުން އޮންނާނީ ބުދަ ދުވަހުގެ މެންދުރު 1:00 ގައި ޒޫމް މެދުވެރިކޮށެވެ. އެއީ ކޮވިޑް-19 ފެތުރިފައި ވާތީ، ގިނަ މީހުން އެއްތަނަކަށް އެއްވުން ރައްކާތެރި ނޫން ވީމަ އެވެ.

ސަރުކާރުގެ ސްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި ހަ ފަޅު ރަށެއް ބީލަމުގެ އުސޫލުން 21 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ އެވެ. މިގޮތުން ދޫކުރަން ހަމަޖެހިފައިވަނީ ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ނ. ނެޔޮ، ބ. މާއްޑޫ، ނ. ތޮޅެންދޫ އަދި ގއ. އޮއިނިގިއްލާ އެވެ.

މި ރަށްތަކަކީ ދިވެހިރާއްޖޭގެ ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ދޫކުރާ ރަށްތަކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން މި ރަށްތަކަށް ދައްކަން ޖެހޭނީ އަހަރަކު އަކަފޫޓަކަށް 10 ލާރި އެވެ. އަދި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް ބިމުގެ 30 ޕަސެންޓް ސަރަހައްދުގައި ހައްދަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ޝަރުތުކޮށްފަ އެވެ.