Roadha Mihaaru
ސަލްޓަންސްއިން 110 މިލިއަން ދައްކަން ހުކުމްކޮށްފި

އޮޅުވާލައިގެން އެތެރެކުރި ދެ ލޯންޗުގެ ޑިއުޓީ އަށް ސަލްޓަންސް އިން 110 މިލިއަން ދައްކަންޖެހޭ: ސުޕްރީމް ކޯޓް

09 ނޮވެމްބަރ 2020

ސަލްޓަންސް ކުންފުނިން މީގެ 12 އަހަރު ކުރިން ރާއްޖެ ގެނައި ދެ ލޯންޗެއްގެ އަގު އޮޅުވައިލި މައްސަލައިގައި 110 މިލިއަން ރުފިޔާ ދައްކަން އެ ކުންފުނީގެ މައްޗަށް ކޮޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ސަލްޓަންސް ކުންފުނިން މީގެ 12 އަހަރު ކުރިން ރާއްޖެ ގެނައި ދެ ލޯންޗެއްގެ އަގު އޮޅުވައިލި މައްސަލައިގައި 110 މިލިއަން ރުފިޔާ ދައްކަން އެ ކުންފުނީގެ މައްޗަށް ކޮޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ސަލްޓަންސް އިން ޑިސެމްބަރު، 2007 އާއި މާޗް، 2008 ގައި އެތެރެކުރި ދެ ލޯންޗަކީ ކުރިން ބޭނުން ކޮށްފައިވާ އުޅަނދެއް ކަމަށް ބުނެ އޭގެ އަގު އޮޅުވައިލި ކަމަށް ބުނާ މައްސަލާގައި އިމްޕޯޓް ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި 110 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2010 ވަނަ އަހަރު ހުކުމްކުރީ އެ ފައިސާ ހޯދަން ދައުލަތުން ދައުވާ ކުރުމުންނެވެ. އެކަމަކު، ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށް، އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެއީ އާ އުޅަނދުތަކެއް ކަމަށާއި އޭގެ އަގު އޮޅުވައިލާފައިވާ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ. ކުޑަ އަގެއް ކަނޑައެޅުމަށް ފަހު، އެ ދެ އުޅަަނދު ކަސްޓަމްސް އިން ދޫކޮށްލުމަށް ފަހު، ދެވަނަ ފަހަރަށް އެ މައްސަލަ އަލުން ތަހުގީގު ކުރިޔަސް، އަލުން އެކަން ތަހުގީގު ކުރުން މަނާ ކުރާ ގާނޫނީ ހަމައެއް ނެތް ކަމަށް އެ ހުކުމުގައި ވެ އެވެ.

ހުކުމުގައި ވަނީ މިހާރު ގާނޫނު އޮންނަ ގޮތުން މުދާ އެތެރެކުރާ ދުވަހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި އެފަދަ މައްސަލަތަކުގެ ތަހުގީގުތައް ނިންމަން ލާޒިމު ވިޔަސް، އެ ހާދިސާ ހިިނގިއިރު އެފަދަ މުއްދަތެއް ގާނޫނުގައިި ނެތް ކަމަށެވެ. ސަލްޓަންސް އިން އަގު އޮޅުވައިލިކަން ތަހުގީގުން ސާބިތުވުމުން އެކަމަށް ފިޔަވަޅު އެޅުމުގެ ބާރު ކަސްޓަމްސް އަށް އޮންނާނެ ކަމަށް ހުކުމުގައި ވެ އެވެ.

އެހެންވެ، ހައި ކޯޓުގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފު ހުކުމެއް ކަމަށް ކަނޑައަޅައި، ހައި ކޯޓުގެ ހުކުމް ބާތިލްކުރީ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.