Roadha Mihaaru
ވާޖިން ހައިޕަލޫޕް އިންސާނުންނާ އެކު ޓެސްޓްކޮށްފި

ވާޖިން ހައިޕަލޫޕް އިންސާނުންނާ އެކު ޓެސްޓްކޮށްފި

10 ނޮވެމްބަރ 2020

ރޭލު ދަތުރު ފަދަ ދަތުރުތަކުގެ ސްޕީޑަށް އިންގިބާލެއް ގެންނަން ކުރިއަށް ގެންދާ "ވާޖިން ހައިޕަލޫޕް" ޕްރޮޖެކްޓްގެ މަސައްކަތް އުފެއްދުމުގެ މަރުހަލާގައި ހައެއްކަ އަހަރު ހޭދަކުރުމަށް ފަހު، ފުރަތަމަ ފަހަރަށް އިންސާނުންނާ އެކު އާދީއްތަ ދުވަހު ޓެސްޓްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރޭލު ދަތުރު ފަދަ ދަތުރުތަކުގެ ސްޕީޑަށް އިންގިބާލެއް ގެންނަން ކުރިއަށް ގެންދާ "ވާޖިން ހައިޕަލޫޕް" ޕްރޮޖެކްޓްގެ މަސައްކަތް އުފެއްދުމުގެ މަރުހަލާގައި ހައެއްކަ އަހަރު ހޭދަކުރުމަށް ފަހު، ފުރަތަމަ ފަހަރަށް އިންސާނުންނާ އެކު އާދީއްތަ ދުވަހު ޓެސްޓްކޮށްފި އެވެ.

އެމެރިކާގެ ލަސް ވެގަސްގެ ނެވާޑާގެ ހަނަފަސް ސަހަރާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ޓެސްޓްގައި "XP-2" ކިޔާ ޕޮޑް (ވެކިއުމް ޓިއުބް) ގައި ދަތުރުކުރީ ވާޖިން ހައިޕަލޫޕްގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަދި އޭގެ އެއް ބާނީ ޖޯޝް ޖީގެލް އާއި ހެޑް އޮފް ޕެސެންޖާ އެކްސްޕީރިއަންސް ސާރާ ލުޗިއަން އެވެ.

ހައިޕަލޫޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަރައްގީކޮށްފައިވާ މި ސިސްޓަމަކީ ބިމުގެ މަތިންނާއި އަޑިން އަޅާފައިވާ ޓަނަލްތަކެއް މެދުވެރިކޮށް، ދުވެލި އިންތިހާ އަށް ބާރު ޕޮޑްތަކެއްގެ ތެރޭގައި ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސިސްޓަމެކެވެ. އިންސާނުންނާ އެކު ފުރަތަމަ ޓެސްޓް ކުރިއަށް ގެންދިޔަ ދެ ސީޓް ހިމެނޭ ޕޮޑަކާ އެކީގައި ބިމުގައި އަޅާފައިވާ ޓަނަލެއްގެ ތެރެއިންނެވެ.

އެގޮތުން އެންމެ 15 ސިކުންތުގެ ތެރޭގައި މި ސިސްޓަމްގެ ތެރެއިން 500 މީޓަރުގެ ރާސްތާއަކަށް ދަތުރުކޮށްފައިވެ އެވެ. އެއީ ސްޕީޑަށް ބަލާއިރު ގަޑިއަކު 172 ކިލޯމީޓަރެވެ. "ވާޖިން ހައިޕަލޫޕް" ގެ އަމާޒަކީ ގަޑިއަކު 1،000 ކިލޯމީޓަރަށް ދަތުރުކުރުމެވެ.

އިންސާނުންނާ އެކު ކުރިއަށް ގެންދިޔަ ފުރަތަމަ ޓެސްޓްގެ ތަޖުރިބާއާ ބެހޭ ގޮތުން ސާރާ ވިދާޅުވީ މި ދަތުރުކުރަން ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް ވަރަށް ބަރާބަރު އެއްޗެއް ކަމަށެވެ.

"ދަތުރު ވަރަށް އޮމާން. ޔަގީނުން ވެސް މި ސިސްޓަމް ރޯލާކޯސްޓަކާ އަޅާނުކިޔޭނެ." ސާރާ ވިދާޅުވި އެވެ.

"ވާޖިން ހައިޕަލޫޕް" އެންމެ ބޮޑު އަމާޒަކީ މިހާރު އެއްގަމުން ކުރެވޭ ދަތުރުގެ ދުވެއްޔަށް ބޮޑު އިންގިބާލެއް ގެނައުމެވެ. މިސާލަކަށް 45 މޭލުގެ ދަތުރަކަށް ނަގާ ވަގުތު ހަތަރު ވަރަކަށް މިނިޓަށް ކުރުކުރުމެވެ. ނޫނީ ދުބާއީ އިން އަބޫ ދާބީގެ އެއްގަމު ދަތުރަކަށް ނަގާ ވަގުތު 12 މިނިޓަށް ހެދުމެވެ.

"ވާޖިން ހައިޕަލޫޕް" މީހުންނާ އެކު ކުރިއަށް ގެންދިޔަ ޓެސްޓް ކާމިޔާބުވެފައިވާތީ ވާޖިން ގްރޫޕްގެ ބާނީ ރިޗަޑް ބްރޭންސަން ވިދާޅުވީ މިއީ ހުވަފަނެއް ހަގީގަތަކަށްވުމުގެ ކޮޅުމަތި ކަމަށެވެ.

"މި ޓެސްޓްގެ ކާމިޔާބީން ސާބިތުވީ އަހަރެމެން މި ކުރަން އުޅޭ ކަންތައް ވާނެކަން. މީގެ ސަބަބުން އިންސާނުގެ ދަތުރުފަތުރާއި މަސައްކަތްތަކަށް ވަރަށް ބޮޑު ބަދަލެއް ގެންނާނެ،" އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ކުންފުންޏެއްގެ ގޮތުގައި "ވާޖިން ހައިޕަލޫޕް" އެންމެ ފުރަތަމަ ހައިޕަލޫޕް ޓެކްނޮލޮޖީ/ހައިޕަލޫޕް ވަންގެ ނަމުގައި ވުޖޫދަށް އައީ ޖޫން 1، 2014 ގަ އެވެ. އޭގެ ބާނީންނަކީ ބްރޯގަން ބޭމްބްރޯގަން އާއި ޖޯޝް އެވެ. "ވާޖިން ހައިޕަލޫޕް" ގެ މިހާރުގެ ޗެއާމަނަކީ އެ ކުންފުންޏަށް އިންވެސްޓްކޮށްފައިވާ ދުބާއީ ޕޯޓްސް (ޑީޕީ) ވޯލްޑްގެ ސީއީއޯ ސުލްތާން އަހުމަދު ބިން ސުލޭމާނެވެ.

"ވާޖިން ހައިޕަލޫޕް" ގެ ދަތުރުތައް ރަސްމީކޮށް ފެށިގެން އަންނަ އިރު، މިކަމަށް ބޭނުންކުރާނެ ޕޮޑްތައް ފަރުމާކޮށްފައި ހުންނަނީ 30 ވަރަކަށް މީހުންގެ ޖާގަ އެކުލެވޭ ގޮތަށެވެ. މި ޕްރޮޖެކްޓް ހަގީތަކަށް ހެދުމަށް ބޭނުންވާ ފަންޑް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ އިރު، ހައިޕަލޫޕް ސިސްޓަމަށް ރަސްމީކޮށް ސެޓްފިކެޓް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 2025 ނުވަތަ 2026 ގަ އެވެ. "ވާޖިން ހައިޕަލޫޕް" ބޭނުން ވަނީ ކުރިއަށް އޮތް 10 އަހަރު ނިމުމުގެ ކުރިން މިކަން ހަގީގަތަކަށް ހަދާށެވެ.