Roadha Mihaaru
ރީޓެއިލާސް ލޯނުގެ ޝަރުތުތައް ފަސޭހަކޮށްދީފި

ރީޓެއިލާސް ލޯނުގެ ޝަރުތުތައް ފަސޭހަކޮށްދީފި

08 ނޮވެމްބަރ 2020

ގިނަ ވިޔަފާރިތަކަކަށް "ރީޓެއިލާސް" ލޯނަށް އެދެވޭގޮތަށް ބީއެމްއެލުން މިއަދު ބަދަލު ގެނެސްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ގިނަ ވިޔަފާރިތަކަކަށް "ރީޓެއިލާސް" ލޯނަށް އެދެވޭގޮތަށް ބީއެމްއެލުން މިއަދު ބަދަލު ގެނެސްފި އެވެ.

ބޭންކުން ގެނައި މި ބަދަލާއެކު ލޯނަށް އެދި ހުށަހަޅާ ވިޔަފާރިތަކުން "ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް)" މެދުވެރިކޮށް ހޯދަން ޖެހޭ އާމްދަނީ ވަނީ 30،000 އަށް ދަށްކޮށްފަ އެވެ. ކުރިން މި ލޯނަށް އެދި ހުށަހަޅާ ނަމަ ޕީއޯއެސް އިން ހޯދާ އާމްދަނީ 50،000ގައި ހުންނަން ޖެހެ އެވެ.

ރީޓެއިލާސް ލޯނަކީ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ފައިސާ އާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރާ ލޯނެކެވެ. ވިޔަފާރިތަކުން ޕީއޯއެސް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގެ ޖުމްލަ ވިޔަފާރީގެ ތިން ގުނައާ ހަމަޔަށް ބީއެމްއެލުން މި ލޯނު ދޫކުރެ އެވެ. ލޯނު އަދި އޯވާޑްރާފްޓުގެ ގޮތުގައި ވެސް ރީޓެއިލާސް ލޯނު ދޫކުރެ އެވެ.

މި ލޯނުގެ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރިތަކުން ވޭތުވެދިޔަ 12 މަސްދުވަހު މެދުކެނޑުމެއް ނެތި ޕީއޯއެސް އިން ވިޔަފާރީގެ މުއާމަލާތް ހިންގާފައި ހުންނަންޖެހެ އެވެ. ނަމަވެސް މި ގެނެވުނު ބަދަލާއެކު ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން މިއަހަރުގެ ތެރޭގައި އެންމެ ބޮޑަށް ގެއްލުންވި މަސްތަކުގެ ވިޔަފާރި ނުހިމަނާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބޭންކުން ބުނިގޮތުގައި މިއަހަރު ކޮވިޑް-19ގެ ސަބަބުން ވިޔަފާރިތަކަށް އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން އެ މަސްތައް ނުހިމަނާނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ގެއްލުންވަމުން ދާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ބޭންކުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން، ރީޓެއިލާސް ލޯނާއި ބީއެމްއެލް އިސްލާމިކް ރީޓެއިލާސް ފައިނޭންސިން އަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށާއި މި ވަގުތު ބޭންކުގެ އަމާޒަކީ ހަރުދަނާ ގޮތެއްގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.