Roadha Mihaaru
ބީއެމްއެލް ހޯމް ލޯނުގެ އިންޓްރެސްޓް ރޭޓު ދަށްކޮށްފި

ބީއެމްއެލް ހޯމް ލޯނުގެ އިންޓްރެސްޓް ރޭޓު 9 ޕަސެންޓަށް ދަށްކޮށްފި

05 ޑިސެމްބަރ 2021

އެޕާޓްމަންޓާއި ރޯހައުސް ގަތުމަށް ބީއެމްއެލް އިން ދޫކުރާ، ހޯމް ލޯނުގެ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ދަށްކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެޕާޓްމަންޓާއި ރޯހައުސް ގަތުމަށް ބީއެމްއެލް އިން ދޫކުރާ، ހޯމް ލޯނުގެ އިންޓްރެސްޓް ރޭޓު ނުވަ ޕަސެންޓަށް ދަށްކޮށްފި އެވެ.

ބޭންކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން، މޫސާ ނިމާލް ވިދާޅުވީ މިއީ މިވަގުތު ރާއްޖޭގައި ހޯމް ލޯނު ދޫކުރާ އެންމެ ކުޑަ ރޭޓު ކަމަށެވެ. މިއާ އެކު ކަސްޓަމަރުންނަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ރައްކާ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ތިން މިލިއަން ރުފިޔާއަށް ލިބޭ އެޕާޓްމަންޓެއް ގަންނަން ބޭންކުން ނަގާ އަދަދުގެ އިންޓްރަސްޓަށް އަރާ އަދަދުގެ ފަސް ލައްކައެއްހާ ރުފިޔާ ސޭވް ކުރެވޭނެ،" މޫސާ ނިމާލް ވިދާޅުވި އެވެ.

ބީއެމްއެލް ހޯމް ލޯނު މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށަކުން ވެސް އެޕާޓްމަންޓާއި ރޯ ހައުސް ގަނެވޭނެ އެވެ. މި ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

އާމްދަނީ ލިބޭ، 18 އަހަރާއި 60 އަހަރާ ދެމެދު ކޮންމެ މީހަކަށް ވެސް މި ލޯނަށް ކުރިމަތިލެވޭނެ އެވެ. މި ލޯނަށް ވަކިން އަދި އެހެން މީހަކާ އެކު ވެސް ކުރިމަތިލެވޭނެ އެވެ.

ހޯމް ލޯނުގެ އިތުރުން މަތީ ތައުލީމް ހާސިލްކުރަން ދޫ ކުރާ، ކިޔަވާ ލޯނުގެ އިންޓްރެސްޓު ރޭޓު ވެސް މިހާރު ވަނީ ނުވަ ޕަސެންޓަށް ދަށްކޮށްފަ އެވެ. އަދި އެ ބޭންކުން ދޫ ކުރާ ލައިފްސްޓައިލް ލޯނުގެ ޝަރުތުތަކަށް ބަދަލު ގެނެސް، ކަސްޓަމަރަށް ލިބޭ ހުރިހާ އާމްދަނީއަކަށް ބަލައި އެ ލޯނު ދޫކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ބީއެމްއެލް އިސްލާމިކް އިން ޝަރީއާގެ ހަމަތަކުގެ މަތިން ދޫކުރާ ފައިނޭންސިން ޕްރޮޑަކްޓުތަކަށް ވެސް އެ ބޭންކުން ވަނީ މި ބަދަލުތައް ގެނެސްފަ އެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލޯނަށް އެދި ހުށަހަޅާފައިވާ މީހުންނަށް އާ ރޭޓުތަކުގައި ލޯނު ލިބޭނެ އެވެ.

ބޭންކުން ވަނީ ލޯނަށް އެދި ހުށަހެޅުން ކުރިއަށްވުރެ ފަސޭހަ ކުރުމަށް، ރަހުނަކާ ނުލައި ދޫކުރާ ހުރިހާ ލޯނަކަށް އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ހުށަހެޅޭގޮތް ހަދައިފަ އެވެ. މީގެ ތެރޭގައި ވެހިކަލް ލޯނާއި ލައިފްސްޓައިލް ލޯނާއި ގްރީން ލޯނު ހިމެނެ އެވެ.