Roadha Mihaaru
ގޫގުލް އަށް ވިންޑޯޒް އިން ބަގެއް ފެނިއްޖެ

ގޫގުލް އަށް ވިންޑޯޒް އިން ބަގެއް ފެނިއްޖެ، މައިކްރޮސޮފްޓް ހިތްހަމައެއް ނުޖެހުނު

02 ނޮވެމްބަރ 2016

ގޫގުލްގެ އުފެއްދުންތަކުގައި މައްސަލައެއް އުޅޭތޯ އަބަދު ވެސް ބަލަ އެވެ. ސެކިޔުރިޓީ މާހިރުންނަށް ބޮޑު އަގު ދީގެން ވެސް އެއީ އެ ކުންފުނިން ކުރާ ކަމެކެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގޫގުލްގެ އުފެއްދުންތަކުގައި މައްސަލައެއް އުޅޭތޯ އަބަދު ވެސް ބަލަ އެވެ. ސެކިޔުރިޓީ މާހިރުންނަށް ބޮޑު އަގު ދީގެން ވެސް އެއީ އެ ކުންފުނިން ކުރާ ކަމެކެވެ.

ގޫގުލް އަކީ މައިކްރޮސޮފްޓް ވިންޑޯޒް އަށް އެޕްލިކޭޝަން އުފައްދާ ކުންފުންޏެކެވެ. ވިންޑޯޒް ގައި އެންމެ އާންމުކޮށް ބޭނުންކުރެވޭ ގޫގުލް އެޕްލިކޭޝަން އަކީ ކްރޯމް އިންޓަނެޓް ބްރައުޒާ އެވެ. ވިންޑޯޒްއާ ގުޅިގެން މަސައްކަތްކުރުމުގައި ކްރޯމް އަށް ފަސޭހަވާނެހާ ގޮތެއް ގޫގުލުން ހަދަ އެވެ.

މައިކްރޮސޮފްޓް ވިންޑޯޒް އަކީ ގޫގުލުން ބަރޯސާވާން ޖެހޭ އޮޕަރޭޓިން ސިސްޓަމަކަށް ވާތީ، ވިންޑޯޒް ހަރުދަނާކުރުމަށް ވެސް ގޫގުލުން އެހީތެރިވެ އެވެ. އެ ގޮތުގައި ވިންޑޯޒްގައި ދޯހަޅިކަމެއް ހުރި ނަމަ އެކަމެއް މައިކްރޮސޮފްޓަށް އަންގަ އެވެ.

ގޫގުލް "ތްރެޓް އެނަލިސިސް ގްރޫޕް" އަށް ދާދި މިދާކަށް ދުވަހު ވިންޑޯޒުން ބަގެއް ވަނީ ފެނިފަ އެވެ. އެކަމާ ގުޅޭ ގޮތުން ގޫގުލްގެ "ސެކިޔުރިޓީ ބްލޮގް" ގައި މަޝްވަރާކުރެވުނު ނަމަވެސް ވިންޑޯޒް އަށް ގެއްލުމެއް ލިބޭ ފަދަ ގޮތަކަށް އަމަލެއް ނުކުރެ އެވެ.

ވިންޑޯޒްގައި ހުރި ދޯހަޅިކަމާ ގުޅޭ ގޮތުން މައިކްރޮސޮފްޓަށް އެންގުމަށް ފަހު ގޫގުލުން ވަނީ ކްރޯމް ބްރައުޒާ ރައްކާތެރިކޮށްފަ އެވެ. އެ ދޯހަޅިކަމުގެ ސަބަބުން ކްރޯމް ބްރައުޒާ އަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް ވަނީ ޕެޗްއަޅާފަ އެވެ. ނަމަވެސް މައިކްރޮސޮފްޓުން އަދި ވިންޑޯޒް ގައި ޕެޗެއް ނާޅަ އެވެ.

މައިކްރޮސޮފްޓަށް 10 ދުވަސް ދިނުމަށް ފަހު ގޫގުލުން ވަނީ ވިންޑޯޒްގައި ހުރި ދޯހަޅިކަމާ ގުޅޭ ގޮތުން އާންމުކޮށް ވާހަކަދައްކާފަ އެވެ. ގޫގުލުން ބުނި ގޮތުގައި އެއީ އާންމުން ރައްކާތެރިވުމަށް ދިން ނަސޭހަތެކެވެ.

ގޫގުލް ކަންކުރި ގޮތުން މައިކްރޮސޮފްޓް ވަނީ ރުޅިއައިސްފަ އެވެ. އޮފިޝަލަކު ބުނި ގޮތުގައި، 10 ދުވަހަކީ ޕެޗެއް ލިޔުމަށް އެކަށީގެންވާ މުއްދަތެއް ނޫނެވެ. ގޫގުލް އުޅެނީ ބޭނުންކުރާ މީހުން ބިރުގަންނަވަން ކަމަށް ވެސް އޮފިޝަލު ބުނި ކަމަށްވެ އެވެ.

ވިންޑޯޒްގައި ހުރި ކަމަށް ގޫގުލުން ބުނާ ދޯހަޅިކަން، އިންޓަނެޓް ބްރައުޒާތަކާ ގުޅުން ހުރި ކަމަށްވެ އެވެ. ގޫގުލުން ކްރޯމް ބްރައުޒާ ހަރުދަނާކުރީ އެހެންވެ ކަމަށް ބެލެވެ އެވެ. މައިކްރޮސޮފްޓުން ބުނީ ވިންޑޯޒްއާ އެކު މައިކްރޮސޮފްޓް އެޖް ބްރައުޒާ ބޭނުންކުރާ ނަމަ އެ ކޮމްޕިއުޓަރެއް ހުންނާނީ ރައްކާތެރިކުރެވިފައި ކަމަށެވެ.