05 ނޮވެމްބަރ 2020
މަރުގެ އަދަބާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ބައިނަލްއަގުވާމީ މުޖުތަމައަށް ސާފުކޮށްދެއްވަން އިއްޔެ ބޭނުންވީ، މަރުގެ އަދަބު ކަނޑައެޅުން ދިވެހިރާއްޖޭގައި ހުއްޓާލެވެން ނޯންނާނެ ކަމުގެ މެސެޖު ދެއްވަން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
މަރުގެ އަދަބާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ބައިނަލްއަގުވާމީ މުޖުތަމައަށް ސާފުކޮށްދެއްވަން އިއްޔެ ބޭނުންވީ، މަރުގެ އަދަބު ކަނޑައެޅުން ދިވެހިރާއްޖޭގައި ހުއްޓާލެވެން ނޯންނާނެ ކަމުގެ މެސެޖު ދެއްވަން ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
އިސްލާމް ދީނުގެ ހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ މަރުގެ އަދަބާ ގުޅޭ ގޮތުން ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރު)ގައި ރިފްއަތު ދެއްކެވި ވާހަކައަށް ދީނީ ބައެއް އިލްމުވެރިން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ރާއްޖޭގެ ގާނޫނުލް އުގޫބާތުން މަރުގެ އަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާއްމުންގެ ހިޔާލާ އެކުގައި ކަމަށް ރިފްއަތު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އިސްލާމްދީނުގައި ކަނޑައަޅާފައިވާ ހައްދަކާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދަން ނުޖެހޭނެ ކަމަށް ބުނެ އިލްމުވެެރިން ގެންދަވަނީ ޓުވީޓް ވެސް ކުރައްވަމުންނެވެ.
ޔޫޕީއާރުގައި އެޓާނީ ޖެނެރަލް ދެއްކެވި ވާހަކަ ސާފުކޮށްދެއްވަން އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މަރުގެ އަދަބު ވާހަކަ ދައްކަވަން އޭޖީ އަށް ޖެހިވަޑައިގަތީ، ގައުމުތަކުގެ ސުވާލުގެ ކުރިން ރާއްޖޭގެ ސިޔާސަތު ހާމަކޮށްދޭން ކަމަށެވެ. އަދި ބޭނުންފުޅުވީ، މަރުގެ އަދަބު އުވާލުމަކީ ނުވާނެ ކަމެއްކަން ބުނެދިނުން ކަމަށް ވެސް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ގާނޫނުތަކުގައި މަރުގެ އަދަބު ދެވޭގޮތަށް އޮންނަނީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ގާނޫނެއް އެކުލަވައި ނުލެވޭނެކަމަށް ބަޔާންކޮށްފައިވާތީ އެވެ. ވުމާ އެކު، އެޓާނީ ޖެނެރަލްގެ އެ ވާހަކަފުޅަކީ ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުން، އެއީ މުސްތަހީލު ކަމެއްކަން ބައިނަލްއަގުވާމީ މުޖުތަމައަށް ސާފާކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅެކެވެ،" އޭޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.
ޖެނީވާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ރާއްޖެ އިން ހުށަހަޅަން ޖެހުނީ، 2015 ގައި ބޭއްވި ޔޫޕީއާރުގެ ދެ ވަނަ ސައިކަލްގައި ގައުމުތަކުން ހުށަހެޅި ހުށަހެޅުން ތަންފީޒުކޮށްފައިވާ މިންވަރާއި ހޯދާފައިވާ ކުރިއެރުންތަކެވެ. އެންމެ ފަހުން ބޭއްވި ޔޫޕީއާރު ބައްދަލުވުމުގައި، މަރުގެ އަދަބު ދިނުން ހުއްޓާލައި ރާއްޖޭގެ ގާނޫނުތަކުން މަރުގެ އަދަބު އުވާލުމަށް 25 ގައުމަކުން ހުށަހެޅި ކަން އޭޖީ އޮފީހުން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އޭޖީ އޮފީހުން ބުނީ އިއްޔެގެ ބައްދަލުވުމުގެ ކުރިން ވެސް ގައުމުތަކުން މަރުގެ އަދަބާ ގުޅޭ ގޮތުން ރާއްޖެ އަށް ސުވާލުތަކެއް ކުރިމަތިކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސެޝަން ހިނގަމުން ދިޔަ އިރު ވެސް އިތުރު ގައުމުތަކުން އެ ހުށަހެޅުންތައް ލިބޭނެ ކަމަށް ޔަގީންކުރި ކަމަށާއި އޭގެ ކުރިން ރާއްޖެ އިން ބޭނުންވީ މަރުގެ އަދަބާ ގުޅޭ ގޮތުން ދެކޭ ގޮތް ހާމަކޮށްދޭން ކަމަށް ބަޔާނުގައިވެ އެވެ.
އޭޖީ އޮފީހުގެ ބަޔާނުގައި ބުނި ގޮތުގައި ރާއްޖެ އަކީ އިސްލާމީ ގައުމަކަށް ވެފައި ދީނުގެ އަސްލަކާ ޚިލާފު ކަންކަމަށް ރާއްޖޭގައި ޖާގަ ދެވިގެން ދިއުމަކީ ރައްޔިތުން ބޭނުންވާނެ ކަމަކަށް ނުވާތީ، ދިވެހި ސަރުކާރުގެ މަރުގެ އަދަބާގުޅޭ ސިޔާސަތަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބިންވަޅު ނެގިފައިވާ ގޮތެވެ.
"އެހެން ނަމަވެސް، ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ފެށުމަށް ވުރެ ކުރިން ދިވެހިރާއްޖެއިން ފުރަތަމަ އިސްކަންދޭނީ، ވަކި ފަރާތަކަށް ނުޖެހޭ މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ އަދުލު އިންސާފުގެ ނިޒާމެއް ގާއިމްކުރާށެވެ،" އޭޖީ އޮފީހުން ބުންޏެވެ.
އޭޖީ އިއްޔެ ދެއްކެވި ވާހަކައަކީ އަދި އެ ސިޔާސަތަކީ މަރުގެ އަދަބާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ބައިނަލްއަގުވާމީ މުޖުތަމައަށް ސަރުކާރުން ސާފުކޮށްދީފައިވާ ސިޔާސަތެއް ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ޑިސެމްބަރު، 2018 ގައި، މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓުވުމާ ގުޅޭ ގަރާރަށް ވޯޓު ދިނުމަށް ފަހު އަދި 2019 ގައި ވެސް އެ ސިޔާސަތު ހާމަކޮށްފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
"އިއްޔެ ކުރިއަށްދިޔަ ޔޫޕީއާރުގެ ދިވެހިރާއްޖޭގެ ސެޝަންގައި ވެސް މަރުގެ އަދަބު އުވާލުމަށް ގާތްގަނޑަކަށް 29 ގައުމަކުން ގޮވާލާފައިވެ އެވެ. އެ ހުށަހެޅުންތަކާ މެދު ދިވެހިރާއްޖެ އިން ޕޮޒިޝަނެއް ނަގަންޖެހެނީ 14 ޑިސެމްބަރު 2020 ގެ ކުރިންނެވެ. ނަމަވެސް ސެޝަން ފެށުމުގެ ކުރިން ވެސް މި ސަރުކާރުން އިއުލާންކޮށްފައިވާ ފަދައިން، މި ސެޝަންގައި ދިވެހިރާއްޖެއަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފު އެއްވެސް ހުށަހެޅުމެއް ދިވެހިރާއްޖެ އިން ބަލައެއް ނުގަންނާނެ އެވެ،" ބަޔާނުގައިވެ އެވެ.
ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބައެއް ކުށްތަަކަށް މަރުގެ އަދަބު ކަނޑައަޅާފައި އޮތް ނަމަވެސް އެ އަދަބު ނުދޭތާ ޒަމާންތަކެއް ވެއްޖެ އެވެ. މަރުގެ އަދަބު ދޭން އަލުން ފަށާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ބުނެފައި ވިޔަސް އެ ސަރުކާރުގެ ފަސް އަހަރު ދުވަސް ނިމުނު އިރު އެއްވެސް މީހަކަށް އެ އަދަބެއް ނުދެ އެވެ. ނަމަވެސް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދިނުމަށްޓަކައި މާފުށީ ޖަލުުގައި އެކްޒެކިއުޝަން ޗެމްބަރެއް އޭރުގައި ހެދި އެވެ.
މަރުގެ އަދަބު އުވައިލެވޭނީ ޚިޔާލު ހޯދައިގެން: ސަރުކާރު
ޖޭއެސްސީއަށް ހުށަހެޅީ މިވަގުތަށް އެންމެ ރަނގަޅު ބަދަލު
އޭޖީގެ ލަފައަކީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ދިއުން
ސަރުކާރުން ނަޝީދަށް ރައްދު ދީފި
ދައުލަތުން އެދެނީ ބަދަލު ނަގައިދޭވަރު ލިމިޓްކުރަން
ގާނޫނު އަސާސީ ބަދަލުކުރަން އީދު ބަންދުގައި ޖަލްސާތަކެއް
ގާނޫނުއަސާސީގައި އަތްނުލައި މިކަން ކުރާނީ ކިހިނެއް؟
އިންތިހާބު ލަސްކުރަން ސަންސެޓް ބިލެއް ފޮނުވައިފި
އޭޖީ އޮފީހުން 1،000 އަށް ވުރެ ގާނޫނީ ލަފާ ދިން
9 އެއްބަސްވުމަކުން ބަދަލު ދިން ގޮތް އެބަބަލަން:އޭސީސީ