Roadha Mihaaru
ޝާހްރުކް އެނބުރި އައުން އަންނަ އަހަރުގެ ދިވާލީގައި

ޝާހްރުކް ޚާން އެނބުރި އަންނަ ފިލްމު "ޕަތާން" އަންނަ އަހަރުގެ ދިވާލީގައި

31 އޮކްޓޯބަރ 2020

އެކްޓިންއާ ދުރުގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން ޝާހްރުކް ޚާން ކުޅޭ ފުރަތަމަ ފިލްމު "ޕަތާން" ރިލީޒްކުރާނީ އަންނަ އަހަރުގެ ދިވާލީގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓިންއާ ދުރުގައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުން ޝާހްރުކް ޚާން ކުޅޭ ފުރަތަމަ ފިލްމު "ޕަތާން" ރިލީޒްކުރާނީ އަންނަ އަހަރުގެ ދިވާލީގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދިވާލީ އަކީ އިންޑިއާގައި ނޮވެމްބަރު މަހުގެ މެދުތެރޭގައި ފާހަގަކުރާ ފެސްޓިވަލެކެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ވަރުގަދަ އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭން އަމާޒު ހިފާފައިވާ "ޕަތާން" އަކީ މިދިޔަ އަހަރު އެ ސްޓޫޑިއޯގެ "ވޯ" ގެނެސްދިން ސިދާތު އާނަންދު ޑައިރެކްޓްކުރާ ފިލްމެކެވެ.

ޝާހްރުކާ އެކު މި ފިލްމުގެ ކާސްޓުން ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ފެންނާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ. ނަމަވެސް "ޕަތާން" ގެ އެއްވެސް ވާހަކައެއް މިހާތަނަށް ވައިއާރްއެފުން އަދި ރަސްމީކޮށް ހިއްސާއެއްނުކުރެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ފިލްމުގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި މުމްބާއީގައި ފެށުމަށް ފަހު، ކާސްޓާއި ކްރޫ މިސްރާބު ޖަހާނީ އިނގިރޭސިވިލާތަށެވެ. އެގޮތުން އެ ތަނުގައި "ޕަތާން" ގެ ބޮޑު ބައެއް ޝޫޓްކުރާނެ އެވެ. މި ފިލްމަށް ޝާހްރުކް އިސްތަށިގަނޑު ވެސް ދިގުކޮށްފައިވާ އިރު، އޭނާ ފެންނާނެ ކަމަށް ބުނަނީ މީގެ ކުރިން ފިލްމަކުން ނުފެންނަހާ ވަރުގަދަ ތަފާތު ރޯލަކުންނެވެ.

ޝާހްރުކް އެންމެ ފަހުން ކުޅުނު ފިލްމަކީ އިސްކޮޅުން ޑްވާފެއްގެ ރޯލް ކުޅުނު 2018 ގެ "ޒީރޯ" އެވެ. ބަތަލާއިންގެ ރޯލް އަނުޝްކާ ޝަރުމާ އާއި ކެޓްރީނާ ކައިފް ކުޅެ، ބޮޑު ބަޖެޓަކުން ވަރަށް އުންމީދީ ފިލްމެއްގެ ގޮތުގައި ޑައިރެކްޓަރު އާނަންދު އެލް ރާއީ ގެނެސްދިން ފިލްމުވެގެން ދިޔައީ ބެލުންތެރިންނަށް ވަރަށް ކަމުނުދިޔަ ފިލްމަކަށެވެ. ޝާހްރުކް އެކްޓިން އިން ބްރޭކެއް ވެސް ނެގީ "ޒީރޯ" އަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެންނެވެ.

"ޕަތާން" އިން އޭނާ އެކްޓިން އަށް އަލުން ނުކުންނަ އިރު ފެންނާނެ ކަމަށް ބުނާ އިތުރު ފިލްމުތަކުގެ ތެރޭގައި ރާޖްކުމާރު ހިރާނީގެ ސޯޝަލް ކޮމެޑީއަކާއި ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދާ ކްރައިމް ޑްރާމާއެއް ހިމެނެ އެވެ.