Roadha Mihaaru
ޝާހްރުކްގެ "ޕަތާން" ގައި ޑިމްޕަލް

ޝާހްރުކް ޚާންގެ "ޕަތާން" ގައި ޑިމްޕަލް ކަޕާޑިއާ

05 ޑިސެމްބަރ 2020

އެކްޓިންއާ ދުރުގައި ހުންނަތާ ދެ އަހަރެއްހާ ދުވަސް ފަހުން ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ކުޅެން ފެށި އާ ފިލްމު "ޕަތާން" ގެ ރޯލަކަށް ޑިމްޕަލް ކަޕާޑިއާ ވެސް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓިންއާ ދުރުގައި ހުންނަތާ ދެ އަހަރެއްހާ ދުވަސް ފަހުން ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން ކުޅެން ފެށި އާ ފިލްމު "ޕަތާން" ގެ ރޯލަކަށް ޑިމްޕަލް ކަޕާޑިއާ ވެސް ސޮއިކޮށްފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މިދިޔަ އަހަރު "ވޯ" ގެނެސްދިން ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމުގެ ކްރޫއާ މިދިޔަ އަންގާރަ ދުވަހު ޑިމްޕަލް ގުޅިފައިވެ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނީ އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ޕަތާން" ގައި ޑިމްޕަލް ފެންނާނީ ވަރަށް ވަރުގަދަ ބޮޑު ރޯލަކުން ކަމަށެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ ހުކުރު ދުވަހު އިންޑިއާގެ ސިނަމާތަކުގައި ދައްކަން ފެށި ހޮލީވުޑްގެ ފިލްމު "ޓެނެޓް" އެ އެވެ. މި ފިލްމަކީ ޑިމްޕަލްގެ ފުރަތަމަ ހޮލީވުޑް ޕްރޮޖެކްޓް ވެސް މެ އެވެ. އޭނާ އެންމެ ފަހުން ފެނިފައިވާ ހިންދީ ފިލްމަކީ މި އަހަރުގެ މާޗްގައި ރިލީޒްކުރި "އަނގްރޭޒީ މީޑިއަމް" އެވެ. ޑިމްޕަލް، 63، ގެ ކުރިއަށް ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރް ޕްރޮޑިއުސްކުރާ "ބުރައްމަސްތުރާ" ހިމެނެ އެވެ.

ޝާހްރުކްގެ "ޕަތާން" އިން ޑިމްޕަލް ފެނިގެންދާ އިރު މި ދެ ތަރިން ކުރިން ވެސް އެކީގައި ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ ޝާހްރުކްގެ ކެރިއަރުގެ އެންމެ ކުރީކޮޅު ކުޅުނު ފިލްމުތަކުގެ ތެރޭގައި ހިމެނޭ 1992 ގެ "ދިލް އާޝްނާ ހޭ" އެވެ.

ޝާހްރުކާއި ޑިމްޕަލް.

ޝާހްރުކާއި ޑިމްޕަލް.

ޝާހްރުކް ވަނީ ޑިމްޕަލްގެ ދަރިފުޅު ކުރީގެ ބަތަލާ ޓްވިންކަލް ކަންނާއާ އެކު ވެސް ފިލްމެއް ކުޅެފަ އެވެ. އެއީ 1999 ގެ "ބާދުޝާހް" އެވެ.

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން މުމްބާއީގައި ޝޫޓްކުރަމުން އަންނަ "ޕަތާން" ގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ.

ޖޯން، ޝާހްރުކް އަދި ދީޕިކާ.

ޖޯން، ޝާހްރުކް އަދި ދީޕިކާ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ ފިލްމުގެ ބޮޑު ބައެއް އިނގިރޭސިވިލާތުގެ އިތުރުން އަބޫ ދާބީގައި ވެސް ނަގާ ގޮތަށް ހަމަޖެހިފައިވާ އިރު ސިނަމާތަކަށް ފިލްމު އަންނާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މީގެ ޝޫޓިން އެއްކޮށް ނިންމައިލެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖުލައި ހިސާބުގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން "ޕަތާން" ގެ ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެންނާނެ އެވެ.