Roadha Mihaaru
ކާށިދޫގައި ކޭބަލް ކާރެއް ނޭޅޭނެ: އަސްލަމް

ކޭބަލް ކާރު އެޅުމަކީ ކުރެވޭނެ ކަމެއް ނޫން، ކުރަން ހެޔޮވާވަރުގެ ކަމެއް ވެސް ނޫން: އަސްލަމް

26 އޮކްޓޯބަރ 2020

ކާށިދޫގެ އެއްވެސް ތަނަކަށް ކޭބަލް ކާރުގައި ދަތުރުކުރެވޭ ގޮތް ހެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކުރަން ހެޔޮވާވަަރުގެ ކަމެއް ވެސް ނޫން ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކާށިދޫގެ އެއްވެސް ތަނަކަށް ކޭބަލް ކާރުގައި ދަތުރުކުރެވޭ ގޮތް ހެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކުރަން ހެޔޮވާވަަރުގެ ކަމެއް ވެސް ނޫން ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކާށިދޫން ގާފަރަށް ކޭބަލް ކާރު އެޅުމަކީ ކުރެވޭނެ ކަމެއް ކަަމަށް ހަމަބުއްދީގައި ހުރެ ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫން ކަަމަށެވެ. ޖާބިރު ސުވާލު ކުރެއްވީ ކޭބަލް ކާރު އެޅުމަށް ޕްލޭންކޮށް، ސަަރުކާރަށް އޭނާ ހުށަހެޅުއްވުމުން ސަރުކާރުގެ ޕްލޭންގައި އެކަން ނުހިމަނުއްވަނީ ކީއްވެތޯ އެވެ. ކާށިދޫގައި އަޅާނެ އެއާޕޯޓެއް ވެސް އޭނާ ޕްލޭން ކުރައްވައި ހުށަހަޅުއްވާފައިވާނެ ކަމަށާއި އެކަމަށް ސަރުކާރުން އެއްބާރުލުން ނުދެނީ ކީއްވެތޯ ވެސް ޖާބިރު ސުވާލު ކުރެއްވި އެވެ.

"ހަމަ އެއްގޮތަކަށް ވެސް ހަމަބުއްދީގައި ހުރެގެން އަޅުގަނޑު ގަބޫލެއް ނުކުރަން ކާށިދޫން އެއްވެސްް ތާކަށް ކޭބަލް ކާރެއް އެޅުން އެއީ ފީސިބަލް ކަމެއްގެ ގޮތުގައި. ދިވެހި ރައްޔިތުންނަށް ސާފުކޮށްް އެނގެން ޖެހޭ މި ޒާތުގެ ވާހަކަ ކިތަންމެ ބާރަށް ދެއްކެވިޔަސް އެއީކީއެއް ވާނެ ކަމެއް ނޫން ކަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީ ވާނެ ކަމެއް ކަމަކަށް. އެއީ ކުރަން ހެޔޮވާނެ ކަމެއް ވެސް ނޫން،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ޕްލޭންގައި ކޭބަލް ކާރުގެ ކަންތައް ނުހިމަނަނީ އެއީ ފީސިބަލް ކަމަކަށް ނުވާތީ ކަމަށެވެ.

އަސްލަމްގެ ޖަވާބާ މެދު ހިތްހަމަޖެހިވަޑައިނުގެން ޖާބިރު ނިޒާމީ ނުކުތާ ނަންގަވައި ނުރުހުން ފާޅުކުރެއްވި އެވެ. އޭނާ ވިދާޅުވީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުން ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް ކޭބަލް ކާރުގައި މިހާރު ވެސް ދަތުރުކުރާ ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވީ އޮޅުވައިލައްވަން ކަމަށެވެ. އަސްލަމް ދެން ވެސް ވިދާޅުވީ އެއީ ވާނެ ކަމެއް ނޫން ކަމަށާއި ކާށިދުއަކީ ޕެރިސް ނޫން ކަމަށެެވެ.

ކާށިދޫން ގާފަރަށް ކޭބަލް ކާރުގައި ދަތުރުކުރެވޭނެ ގޮތް ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖާބިރު ވެވަޑައިގެންނެވި ވައުދެކެވެ. ކާށިދޫގައި އެއާޕޯޓެއް އަޅުއްވަން ވެސް އޭނާ ވައުދުވެވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އަސްލަމް ވަޑައިގަތީ ގއ. ކޮލަމާފުށީ ބަނދަރު ހެދުުމުގެ މަޝްރޫއާ ބެހޭ ގޮތުން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. އެ މަޝްރޫއުގެ މަސައްކަތް ފެށޭނީ ކިހާތާކުތޯ ސައުދު ސުވާލުކުރެއްވުމުން އަސްލަމް ވިދާޅުވީ އެ ބަނދަރުގެ މަސައްކަތް މިހާރު ވެސް ހިނގަމުން އަންނަ ކަމަށެވެ.