Roadha Mihaaru
ޓްރަމްޕް ދެވަނަ ދައުރެއް ހޯއްދަވަނީ އަމިއްލަ ފައިދާއަށް

ޓްރަމްޕް ދެ ވަނަ ދައުރެއް ހޯއްދަވަނީ އަމިއްލަ ފައިދާއަށް: އޮބާމާ

25 އޮކްޓޯބަރ 2020

ވޮޝިންޓަން (އޮކްޓޯބަރު 25) - ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރެއް ހޯއްދަވަން އުޅުއްވަނީ އެމެރިކާގެ ރައްޔިތުންނަށްޓަކައި ނޫން ކަމަށާއި ޓްރަމްޕުގެ އަމިއްލަ ފައިދާ އާއި ރަހުމަތްތެރިންގެ ވިޔަފާރިތަކަށް އެހީވުމަށް ކަމަށް ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮކްޓޯބަރު 25) - ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރެއް ހޯއްދަވަން އުޅުއްވަނީ އެމެރިކާގެ ރައްޔިތުންނަށްޓަކައި ނޫން ކަމަށާއި ޓްރަމްޕުގެ އަމިއްލަ ފައިދާ އާއި ރަހުމަތްތެރިންގެ ވިޔަފާރިތަކަށް އެހީވުމަށް ކަމަށް ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އަށް ކެމްޕޭން ކޮށްދެއްވުމަށް ބޭއްވި ރެލީއެއްގައި އޮބާމާ ވަނީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގެ ޕްލޭނެއް ނެތް ބޭފުޅަކަށް ދެ ވަނަ ދައުރެއް ނުދިނުމަށް އެމެރިކާގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެމެރިކާގެ އެންމެ އާދައިގެ ރައްޔިތުންގެ އިހްސާސްތައް ނޭނގޭ ބޭފުޅަކު ވެރިކަމުގެ އިތުރު ދައުރެއް ހޯއްދަވަނީ އަމިއްލަ ފައިދާ އަށް ކަމަށް ވިދާޅުވި އެވެ.

"ޖޯ ބައިޑަން އާއި ކަމަލާ ހެރިސް އެ އުޅުއްވަނީ އެއްގޮތަކަށް ވެސް އެބޭފުޅުންގެ ފައިދާއަކަށް ނޫން. އެކަމަކު އެމެރިކާގެ ރައްޔިތުންނަށްޓަކައި،" ފްލޮރިޑާގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވި އެވެ.

އޮބާމާ ވިދާޅުވީ ކޮރޯނާވައިރަސް ފެތުރޭތާ އަށް މަސް ދުވަސްވީއިރު އަދިވެސް ފެންނަނީ ކޮންމެ ދުވަހަކު ވެސް ރެކޯޑް އަދަދުތަކުން މީހުން ޕޮޒިޓިވްވާ މިންވަރު ކަމަށެވެ. އަދި އެއިން ދައްކައިދެނީ ބަލި ކޮންޓްރޯލް ކުރުމަށް ޓްރަމްޕުގެ އެއްވެސް ސިޔާސަތެއް، ޕްލޭނެއް ނެތްކަން ކަމަށެވެ.

އޮބާމާ އަށް ރައްދު ދެއްވައި ޓްރަމްޕް ވިދާޅުވީ ކުރީގެ ރައީސް ދައްކަވާ ވާހަކަ އަޑުއަހާނެ މީހަކު ނެތް ކަމަށާއި އޮބާމާ ބޭއްވެވި ރެލީ އަށް ހާޒިރުވީ ވެސް މަދު ބަޔަކު ކަމަށެވެ.

"އެކަމަކު ޖޯ ބައިޑަން އަށް ވުރެ އޮބާމާ ވެސް ރަނގަޅު،" ޓްރަމްޕް ވިދާޅުވި އެވެ.