Roadha Mihaaru
ލުތުފަރުގެ މަރަށް ދެމީހަކު އިންކާރު؛ ޝަރީއަތް ކުރިއަށް

ލުތުފަރުގެ މަރުގެ ދައުވާއަށް ދެ މީހަކު އިންކާރު؛ ޝަރީއަތް ކުރިއަށް

25 އޮކްޓޯބަރ 2020

ބަންގްލާދޭޝް މީހެއް ކަމަށްވާ ލުތުފަރު، ށ. ޅައިމަގު ބޯޓެއްގެ ތެރޭގައި މަރާލުމަށް ފަހު ކަނޑުފެއްތި ކަމަށް ބުނާ މައްސަލާގައި ދައުވާލިބޭ ދެ މީހަކު ދައުވާއަށް އިންކާރުކޮށް، އަދި އެ ދެ މީހުންގެ ބައި ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބަންގްލާދޭޝް މީހެއް ކަމަށްވާ ލުތުފަރު، ށ. ޅައިމަގު ބޯޓެއްގެ ތެރޭގައި މަރާލުމަށް ފަހު ކަނޑުފެއްތި ކަމަށް ބުނާ މައްސަލާގައި ދައުވާލިބޭ ދެ މީހަކު ދައުވާއަށް އިންކާރުކޮށް، އަދި އެ ދެ މީހުންގެ ބައި ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިިންމައިފި އެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ގެއްލިގެން ހޯދަމުން ދަނިކޮށް ލުތުފަރުގެ ހަށިގަނޑު ފެނުނީ ޅައިމަގު ކަނޑު ބޭރަށް ފައްތާފައި ވަނިކޮށެވެ. ފެނުނުއިރު ކަށިތައް ފިޔަވައި އިތުރު އެއްޗެއް ނެތެވެ. އެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ބަންގްލަދޭޝްގެ ތިން މީހުން ކަމަށްވާ އަލަމިން އާއި ނޫރުލް އިސްލާމް އާއި އެމްޑީ އަހްތަރުގެ މައްޗަށެވެ. އިއުތިރާފް އެއްބަސްވުމެއްގެ ދަށުން އެ ތިން މީހުން އެކަމަށް ކުރިން އެއްބަސްވުމަށް ފަހު ކޯޓުގައި ދައުވާއަށް އިންކާރު ކުރުމުން ދައުލަތުގެ އެދުމުގެ މަތިން ތަހުގީގު ފުރިހަމަކޮށް، އަލުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.

ތަހުގީގު ނިންމުމަށް ފަހު އަލުން ތިން މީހުންނަށް ދައުވާ ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އިއްވި ދައުވާގައިވަނީ ލުތުފަރު މަސައްކަތްކުރި ޅައިމަގު ބޯޓުގެ ތެރޭގައި އަލަމިން އާއި ލުތުފަރާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި ބޯޓު ތެރެއަށް ލުތުފަރު ވައްޓާލުމަށް ފަހު އަލަމިން އާއި ނޫރުލް އިސްލާމާއި އެމްޑީ އަހްތަރު ބައިވެރިވެގެން ލުތުފަރުގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްގެން އޭނާ މަރާލި ކަމަށެވެ. އަދި އެއަށް ފަހު ޅައިމަގުގެ ކަނޑު ބޭރުން 200 ފޫޓު ދުރަށް ލުތުފަރުގެ ހަށިގަނޑު ކަނޑުފެއްތި ކަމަށާއި އެކަމަށް އެ ތިން މީހުން ވެސް އިއުތިރާފް ވެފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ދައުވާ އިއްވުމުން އަލަމިން އާއި ނޫރުލް އިސްލާމްގެ ފަރާތުން ވަނީ ދައުވާއަށް އިންކާރު ކޮށްފަ އެވެ. އެހެންވެ، އެ މީހުންނާ ދެކޮޅަށް ދައުލަތުން 14 މީހަކާއި ކިތާބީ ހަތް ހެއްކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި ޅައިމަގު މީހުންނާއި ފުލުހުން ވެސް ހިމެނެ އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ނިންމެވީ ހުށަހެޅި ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ ދެ މީހުންގެ ބައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް އަދި ދިފާއީ ހެކިން ހުށަހަޅަން ދެ ދުވަހުގެ މުއްދަތެއް ގާޒީ ދެއްވި އެވެ.

އެމްޑީ އަހްތަރުގެ ވަކީލަކު ނެތުމުން އޭނާގެ ބައި މިއަދު ކުރިއަކަށް ނުގެންދެ އެވެ. އޭނާއަށް ވަކީލަކު ހަމަޖައްސަން ފަސް ދުވަހުގެ މުއްދަތެއް ގާޒީ ވަނީ ދެއްވައިފަ އެވެ.

ދައުވާލިބޭ ތިން މީހުން ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އެ މީހުންގެ އާއިލާއަށް ގިނަ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމަށް ދިފާއީ ވަކީލުން ބުންޏެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ދޭން ވަކީލުން އެދުނެވެ.

ގާޒީ ވިދާޅުވީ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފެށުމުން އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ދެއްވާނެ ކަމަށެވެ.