Roadha Mihaaru
އަދީބު ގެއަށް ބަދަލުކުރީ މެޝިނެއް ބޭނުންކުރާތީ:އިމްރާން

އަދީބު ގެއަށް ބަދަލުކުރީ މެޝިނެއްގެ އެހީގައި ނިދާތީ: އިމްރާން

24 އޮކްޓޯބަރ 2020

ކޮރަޕްޝަނުގެ އެކި މައްސަލަތަކުގައި 20 އަހަރުގެ ޖަލު ހުކުމެއް އޮތް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކުރީ އޭނާ ނިދުމަށް މެޝިނެއް ބޭނުންކުރައްވާތީ ކަމަށް ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮރަޕްޝަނުގެ އެކި މައްސަލަތަކުގައި 20 އަހަރުގެ ޖަލު ހުކުމެއް އޮތް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކުރީ އޭނާ ނިދުމަށް މެޝިނެއް ބޭނުންކުރައްވާތީ ކަމަށް ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްގެ އަޑުގެ ޕްރޮގްރާމެއްގައި އެހުންތެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ އަދީބު ނިދުމަށް މެޝިނެއް ބޭނުންކުރަން ޖެހޭ ކަމުގެ ލިއުމެއް ޑޮކްޓަރުން ދެއްވާފައިވާ ކަމަށާއި އެ ގޮތަށް ލިއުން ދެއްވީ ޖަލުގައި ހުންވަނކޮށް އޭނާ ވެއްްޓި ވަޑައިގަތް ފަހުން ކަމަށެވެ. އަދީބު ބޭނުންކުރައްވަން ޖެހިވަޑައިގަންނަވާ މެޝިނަކީ ޖަލުގައި ބޭނުންކުރެވޭ މެޝިނެއް ނޫން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެެ. އެކަަމަކު ޖަލުގައި އެ މެޝިން ބޭނުން ނުކުރެވެނީ ކޮން ސަބަަކާ ހެދި ކަމެއް އިމްރާން ވިދާޅެއް ނުވެ އެވެ.

"ޑޮކްޓަރު ދެއްވާފައިވޭ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދުމަށް. ދެން އެ މިޝަނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭ ގޮތަށް ހުރި މެޝިނެއް ނޫން ކަމަށް ވަނީ. އެހެންވެ ގޭގައި އެ މެޝިން ގާއިމްކުރެވިފައި ހުރިކަމަށް ވަނީ،" އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އަދީބާ ގުޅޭ ގޮތުން ކުރި ސުވާލުގެ ކުރިން އެހުންތެރިއަކު ކުރި އެހެން ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަލު ހުކުމެއް އޮންނަ މީހުން، އެކި ސަބަބުތަކާ ހެދި ގޭގައި ބޭތިއްބޭ އުސޫލެއް އޮވެ އެވެ. ޖަލު ނޫން ތަނެއްގައި އެފަދަ މީހުން ބައިތިއްބަން އިޖުރާއަތްތަކެއް ހުންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދީބު ގެއަށް ބަދަލުކޮށްފައި ވާއިރު އެއަށްވުރެ ކުރު މުއްދަތެއްގެ ޖަލުހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށްް ބަދަލުކޮށް ނުދެއްވަނީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ޔާމީނަށް ޑޮކްޓަރުން ދެއްވި ލިއުމުގައިވާ އިރުޝާދަށް އެމަނިކުފާނު އަމަލުނުކުރެއްވީ ކަމަށެވެ. އެގޮތުން ރާއްޖޭން ހެދެން ނެތް ޓެސްޓްތަކެއް ހައްދަވަން ބޭރަށް ވަޑައިގަންނަވަން ދެންނެވުމުން ޔާމީން އެކަން ގަބޫލުނުކުރެއްވި ކަމަށް ވެސް އިމްރާން ވިދާޅުވި އެެވެ. ޔާމީން ހުންނެވީ ފެންވަރު ރަނގަޅު ތަނެއްގައި ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް އަޅުގަނޑު ދެންނެވިން، ޑޮކްޓަރު އެބަ ވިދާޅުވެޔޭ މަނިކުފާނު ރާއްޖޭން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް. އެހެންވީމާ އެ ޓެސްޓްތައް ހެއްދެވުމަށް ޓަކައި ވަޑައިގަންނަވަން ބޭނުންފުޅު ވަނީ ކޮން ގައުމަކަށްތޯ މި ރީޖަންގެ ތެރެއިން،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑޮކްޓަރުން ޔާމީނަށް ދެއްވި ލިއުމުގައި އޮތް ފުރަތަމަ ލަފަޔަކީ ރާއްޖޭން ބޭރަށް ވަޑައިގެން އެ ޓެސްޓް ހެއްދެވުމެވެ. އެ ޓެސްޓް ހައްދަވަން އެމަނިކުފާނު ދެކޮޅު ހެއްދެވި ކަމަށާއި ޑޮކްޓަރުންގެ ލަފާގެ ދެވަނަ ބަޔަށް ވަޑައި ނުގެންނެވުނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޑޮކްޓަރުންގެ ލަފާގެ ދެވަނަ ބަޔަކީ "ސްޓްރެސްފްރީ މާހައުލެއް"ގައި ޔާމީން ބެހެއްޓުމެވެ.

އިމްރާން ވިދާޅުވީ ޔާމީން ބޭރަށް ވަޑައިގެން ޓެސްޓްތައް ހައްދަވާފައި އޭގެ ފަހުން ގޭގައި ހުންނަވަން ޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދެއްވައިފި ނަމަ ޔާމީން ވެސް ގެއަށް ބަދަލުކުރާނެ ކަމަށެވެ. އެކަން އެމަނިކުފާނުގެ ޕާޓީގެ އިސް ބޭފުޅުންނަށް ވެސް ވާނީ އަންގަވާފައި ކަމަށް އިމްރާން ވިދާޅުވި އެވެ.

އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އައީ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން، ކުރި ހަތް ދައުވާއާ ގުޅިގެންނެވެ. މި ދައުވާތައް އުފުލީ، އަދީބާއި ދައުލަތާ ދެމެދު ހެދި ޕްލީ ބާގެއިން [ކުށަށް އިއުތިރާފު ވުމުގެ އެއްބަސްވުމު]ގެ ދަށުން، އަދަބު ލުއިވާ ގޮތަށެވެ. އެއްބަސްވުމުގައިވާ ގޮތުން، އަދީބު ދައްކަވަން ޖެހުނީ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ އެކެވެ.

މި އެއްބަސްވުން ދައުލަތުން އަދީބާ އެކު ހެދިއިރު، ކުށް ސާބިތުކުރަން އޭނާގެ އިއުތިރާފު މުހިއްމު ނޫން ކަމަށް ވެސް ބުނެފައިވެ އެވެ. ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި އަދީބަށް 150 ދައުވާއަކުން 800 އަހަރުގެ ޖަލު ހުކުމް ކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ އެބަ ހުއްޓެވެ.