25 އޮކްޓޯބަރ 2020
ނާސާގެ އޮސިރިސް-ރެކްސް އުޅަނދު ގިނިހިލައަށް ޖެހިގަނެ އޭގެ ބިންގަނޑުން ހިލަ އާއި ވެލި ނެގުނީ މާ ގިނައިން ކަމަށާއި އޭގެ ބައެއް ޖައްވު ތެރެއަށް ފައިބައިގެން ދިޔަކަން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން އިއްޔެ ޔަގީންކޮށްދީފި އެވެ.
ނާސާގެ އޮސިރިސް-ރެކްސް އުޅަނދު ގިނިހިލައަށް ޖެހިގަނެ އޭގެ ބިންގަނޑުން ހިލަ އާއި ވެލި ނެގުނީ މާ ގިނައިން ކަމަށާއި އޭގެ ބައެއް ޖައްވު ތެރެއަށް ފައިބައިގެން ދިޔަކަން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން އިއްޔެ ޔަގީންކޮށްދީފި އެވެ.
ދުނިޔެއާ އެތައް ސަތޭކަ މިލިއަން ކިލޯމީޓަރެއް ދުރުން ދައުރުވަމުން ދާ ގާތްގަނޑަކަށް 500 މީޓަރުގެ ގިނިހިލަ، ބަންނޫގެ ބިމުން ހިލަ އާއި ވެލި ނަގައި، އެ ރައްކާކުރާ ބައިން ޖައްވު ތެރެއަށް އެއްޗެހިތަކެއް ލީކުވި މަންޒަރު، އުޅަނދުގައި ހަރުކޮށްފައި ހުރި ކެމެރާއިން ފެނެ އެވެ.
ޕްރޮޖެކްޓްގެ އިސް ސައިންސްވެރިން ބުނާ ގޮތުގައި ގިނިހިލައިގެ ބިމަށް ޖެހިގަތް ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި ހިލަކޮޅުތަކާއި ވެލި ނެގުމުގައި އުޅަނދުގެ އާލާތްތައް މަސައްކަތްކުރީ ހީކުރި ވަރަށް ވުރެ ވެސް ރަނގަޅަށެވެ.
"އަހަރެން އެންމެ ކަންބޮޑުވަނީ ލިބުނު ބޮޑު ކާމިޔާބު ހިތްދަތިކަމަކަށް ވެސް ބަދަލުވެދާނެތީ،" ފުދޭވަރެއްގެ ބައިތަކެއް ޖައްވުގެ ތެރެއަށް ފޭބިކަން ކަށަވަރުކޮށްދެއްވަމުން، ޕްރޮޖެކްޓްގެ އިސް ވެރިޔާ ޑަންޓޭ ލޮރޭޓާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮސިރިސް-ރެކްސް އިން ވަނީ ގިނިހިލައިގެ ބިމުން ގާތްގަނޑަކަށް 400 ގްރާމްގެ ބަރުދަން ހުރި ހިލަކޮޅުތަކާއި ވެލި ނަގައިފަ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި ގާތްގަނޑަކަށް 80 ގްރާމްގެ ބަރުދަނުގެ މިންވަރަކުން، މިޝަން ކާމިޔާބުވާނެ އެވެ.
ނާސާގެ އިސް ވެރިއެއް ކަމަށްވާ ތޯމަސް ޒާބުޗެން ވިދާޅުވި ގޮތުގައި އިތުރަށް އެއްޗެއް ބޭރުވިޔަނުދޭން ސައިންސްވެރިން ގެންދަނީ މަސައްކަތްކުރަމުންނެވެ. އެހެންކަމުން މި ވަގުތު އެންމެ އަގުބޮޑީ ލިބިފައި އޮތް ވަގުތުކޮޅު ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ކުރެވެން އޮތް ކަމަކީ ގިނިހިލައިގެ ބިމުން ސާމްޕަލް ނަގައި، ރައްކާކުރި ކޮންޓެއިނަރު، އުޅަނދުގެ ތެރޭގައި ފޮރުވުމެވެ. އެކަމަކު އޭރުން އޭގައި ހުރި އެއްޗެހީގެ ބަރުދަން ދެނެގަނެވޭނެ ގޮތެއް ނޯންނާނެ އެވެ. ހަމައެކަނި ދެން އިންތިޒާރުކުރަން ޖެހޭނީ އެ ކޮންޓޭނަރު، 2023 ގައި ދުނިޔެއަށް ގެނެވޭނެ ވަގުތަކަށެވެ.
ދުނިޔެއާ 320 މިލިއަން ކިލޯމީޓަރު ދުރުގައި އޮތް ގިނިހިލައިގެ ބިމުގައި އޮސިރިސް-ރެކްސް ޖެހިގަތީ މިދިއަ އަންގާރަދުވަހު އެވެ. އެ ޖެހުމުގައި ކުޑަ ހިލަގަނޑެއް ފުނޑުވި އެވެ. އަދި ސާމްޕަލް ނަގަން ހާއްސަކުރި އާލާތުގެ ތެރެއަށް އެ ހިލައިގެ ބައިތަކާއި ވެލި ދަަމައިގަތެވެ. ދެން އަނެއްކާ އުޅަނދު، ގިނިހިލައާ ދުރަށް އުދުހި ގަތީ އެވެ.
ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓްގެ ބޭނުމަކީ އިރުގެ ނިޒާމް އުފެދުނު އިރުގެ ހާލަތު ދެނެގަތުމެވެ. ގިނިހިލަތަކަކީ މީގެ 4.5 ބިލިއަން އަހަރު ކުރިން ދުނިޔެ އާއި އެެހެން ޕްލެނެޓްތައް އުފެދެމުން ދިޔަ އިރުގެ ބައިތަކެކެވެ. އެހެންކަމުން އޭގައި ސައިންސްގެ ވަރަށް ގިނަ ސިއްރުތައް އެކުލެވޭނެ ކަމަށް، ސައިންސްވެރިން ދެކެ އެވެ. އޮސިރިސް-ރެކްސް އިން ބިމަށް ގެނެސްދޭ ބައިތަކުން އެ މައުލޫމާތުތައް ދެނެގަނެވޭނެ ކަމަށް، ޕްރޮޖެކްޓްގެ އިލްމުވެރިން ގަބޫލުކުރެ އެވެ.
ދުނިޔެއާ ދިމާލަށް ގިނިހިލައެއް، ފޯރާނީ 2046 ގައި
ޖައްވީ ހިލަގަނޑުގެ މިސްރާބު ބަދަލުކޮށްލެވިއްޖެ: ނާސާ
ނާސާގެ އެސްޓްރޮނޯޓްގެ ތައުރީފު ދިވެހި ސްޕޭސް ޓީމަށް
ނާސާގެ މަޝްހޫރު އެސްޓްރޮނޯޓެއް ރާއްޖެ އަންނަނީ
މިއީ ކާއިނާތުން އަހަރެމެންނަށް ވެލިފުކެއްގެ ސައިޒު
އެންމެ ބޮޑު ދުންތަރީގައި 500 ޓްރިލިއަން ޓަނު!
ހަނދުން ގެނައި ހިރަފުސްތަކެއް ނީލަމުގައި ވިއްކާލަނީ
5،000 ދުނިޔެ ވާކަމަށް ނާސާ އިން ޔަގީންކޮށްފި
ނާސާގެ އެސްޓްރޮނޯޓާކާއި ރަޝިއާގެ ސްޕޭސް ޗީފް ތޮޅެނީ
މަތިން ދިޔަ ބޮޑު އަލިގަނޑެއް ފެނުނުތަ؟