Roadha Mihaaru
ވާވޭގެ "މޭޓް 40" ސީރީޒް ދައްކާލައިފި

ވާވޭގެ "މޭޓް 40" ސީރީޒް ދައްކާލައިފި

24 އޮކްޓޯބަރ 2020

ޗައިނާގެ ވާވޭގެ "މޭޓް 40" ސީރީޒްގެ ފޯނުތައް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ވާވޭގެ "މޭޓް 40" ސީރީޒްގެ ފޯނުތައް ދައްކާލައިފި އެވެ.

މިދިޔަ އަހަރު ނެރުނު "މޭޓް 30" އަށް ފަހު އަލަށް ނެރުނު ސީރީޒްގައި ހިމެނެނީ މޭޓް 40 އާއި މޭޓް 40 ޕްރޯ އާއި މޭޓް 40 ޕްރޯ ޕްލަސް އެވެ.

މޭޓް 40 ސީރީޒް ނެރެފައި ވަނީ 5 އެންއެމް ކިރިން ޗިޕާއި 9000 ޗިޕްސެޓް އެކުލެވޭ ގޮތަށް 6.76 އާއި 6.5 އިންޗީގެ އޯލެޑް ޑިސްޕެލޭ އާއި 50 ވޯޓް ވަޔަލެސް ޗާޖިންއާ ވެސް އެކީގަ އެވެ.

މޭޓް ސީރީޒްގެ ކުރީގެ ފޯނުތަކާ އެއްގޮތަށް މި ފަހަރުގެ ސީރީޒްގައި ވެސް ހިމެނޭ ފޯންތަކުގައި ވަރުގަދަ ކެމެރާ ހިމެނެ އެވެ. އެގޮތުން ޖުމްލަކޮށް މޭޓް 40 ޕްރޯ ޕްލަސްގެ ކެމެރާ 17 ގުނަ އޮޕްޓިކަލް ޒޫމްކޮށްލެވޭނެ އެވެ. މީގެ މައި ކެމެރާ އަކީ 50 މެގަޕިކްސަލްގެ އެއްޗެކެވެ. މޭޓް 40 ޕްރޯގައި ވެސް 50 ޕިކްސަލްގެ ކެމެރާ އެކުލެވޭ އިރު، އޭގެ އޮޕްޓިކަލް ޒޫމަކީ ހަތް ގުނަ އެވެ.

މި ފޯނުތަކުގެ އިތުރު ފީޗާތަކަށް ބަލާއިރު މޭޓް 40 ޕްރޯގެ ދެ ސައިޒެއް އެކުލެވެ އެވެ. އެއީ 8 ޖީބީގެ ރެމާ އެކު 128/256 ޖީބީގެ ސްޓޯރޭޖާ އެކީގަ އެވެ. އަދި މޭޓް 40 ޕްރޯގައި ހިމެނެނީ 8 ޖީބީގެ ރެމާ އެކު 256 ޖީބީގެ ސްޓޯރޭޖެވެ. މޭޓް 40 ޕްރޯ ޕްލަސްގައި ހިމެނެނީ 12 ޖީބީގެ ރެމާ އެކު 256 ޖީބީގެ ސްޓޯރޭޖެވެ. މީގެ އިތުރުން މޭޓް 40 ގެ ޕޯޝް ޑިޒައިން މޭޓް 40 އާރްއެސް އަކީ 12 ޖީބީގެ ރެމަކާ އެކު 512 ޖީބީގެ ސްޓޯރޭޖް އެކުލެވޭ ފޯނެކެވެ.

އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން މޭޓް 40 ޕްރޯ ޕްލަސް އާއި މޭޓް 40 ޕްރޯ އިނގިރޭސިވިލާތުގައި ވިއްކަން ފަށާނެ އެވެ. އެގޮތުން މޭޓް 40 ޕްރޯ ޕްލަސްގެ ރިޓެއިލް އަގަކީ 1.655 ޑޮލަރެވެ. އަދި މޭޓް 40 ޕްރޯގެ އަގަކީ 1،418 ޑޮލަރެވެ. މޭޓް 40 ގެ އަގަކީ 1،063 ޑޮލަރެވެ. މޭޓް އާރްއެސްގެ އަގަކީ 2،715 ޑޮލަރެވެ.

ފޯނުގެ ކުލަތަކަށޑް ބަލާ އިރު މޭޓް 40 އާއި 40 ޕްރޯގެ ކުލަތަކަކީ ބްލެކް، ވައިޓް، މިސްޓިކް ސިލްވާ، ޔެލޯ އަދި ގްރީން އެވެ. މޭޓް 40 ޕްރޯ ޕްލަސްގެ ކުލަތަކަކީ ސެރަމިކް ބްލެކާއި ސެރަމިޓް ވައިޓެވެ.

ވާވޭގެ އާ ފޯނުތައް ދައްކާލައި އަގުތައް ވެސް އިއުލާންކުރި ނަމަވެސް ޗައިނާ އިން ބޭރުގައި މި ފޯނުތަކަށް ބޭނުންކުރަން ތަންކޮޅެއް އުނދަގޫ ކަމަކަށް ވާނެ އެވެ. ސަބަބަކީ މި ސީރީޒްގައި ގޫގުލްގެ އެއްވެސް ހިދުމަތެއް ލިބެން ނެތުމެވެ. އެއީ އެމެރިކާ އިން ވާވޭ ބްލެކްލިސްޓްކުރުމާ ގުޅިގެން، ގޫގުލްގެ އޯއެސް އެންޑްރޮއިޑް ވާވޭ އަށް ވިއްކުން ހުއްޓާލާފައޮވާތީ އެވެ.