Roadha Mihaaru
ޕިކްފޯޑްގެ ދިފާއުގައި އަންޗެލޮޓީ ވާހަކަދައްކައިފި

ޕިކްފޯޑްގެ ދިފާއުގައި އަންޗެލޮޓީ ވާހަކަދައްކައިފި

23 އޮކްޓޯބަރ 2020

ލިވަޕޫލް (އޮކްޓޫބަރު 23) - ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ޓެކުލްކޮށް އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް މަސައްކަތްކުރީ ބޯޅަ ހޯދަން ކަމަށް ބުނެ އޭނާގެ ދިފާއުގައި އެވަޓަންގެ ކޯޗު އިޓަލީގެ ކާލޯ އަންޗެލޮޓީ ވާހަަކަ ދައްކައިފި އެވެ.

ލިވަޕޫލް (އޮކްޓޫބަރު 23) - ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ޓެކުލްކޮށް އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް މަސައްކަތްކުރީ ބޯޅަ ހޯދަން ކަމަށް ބުނެ އޭނާގެ ދިފާއުގައި އެވަޓަންގެ ކޯޗު އިޓަލީގެ ކާލޯ އަންޗެލޮޓީ ވާހަަކަ ދައްކައިފި އެވެ.

ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ލިވަޕޫލާއި އެވަޓަން 2-2 އިން އެއްވަރުވި މެޗުގައި ވެން ޑައިކްގެ ކަކުލަށް އަނިޔާވީ ޕިކްފޯޑް ކުރި ޓެކުލަކުންނެވެ. އޮފްސައިޑްވެފައި އޮތް ބޯޅައެއްގައި ފިކްފޯޑް ކުރި ނުރައްކާތެރި ޓެކުލެއްގެ ސަބަބުން ވެން ޑައިކް ކަކުލަށް ސީރިއަސް އަނިޔާއެއްވެ އޭނާ އަށް ވަނީ ސީޒަން ނިމިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އަންނަ އަހަރުގެ ޔޫރޯ ވެސް ވެން ޑައިކަށް ގެއްލޭނެ އެވެ.

އިންގްލެންޑް ގައުމީ ޓީމުގެ ކީޕަރު ޕިކްފޯޑް ގަސްދުގައި ވެން ޑައިކަށް އަނިޔާއެއް ދޭން މަސައްކަތްކުރި ކަމަށް ދެކެވޭ ވާހަކަތައް އަންޗެލޮޓީ ވަނީ ދޮގުކޮށްފަ އެވެ.

"ވަރަށް ސާފުކޮށް ބުނާނަމަ ވެން ޑައިކަށް އެ ލިބުނު އަނިޔާގެ ސަބަބުން އެވަޓަން އިން ވެސް ވަރަށް ވަރަށް ކަންބޮޑުވޭ. އެވަޓަންގެ ކޮންމެ މީހެއް ވެސް އެދެނީ ވެން ޑައިކް ވީ އެންމެ އަވަހަށް އަނިޔާއިން ރަނގަޅުވެގެން އެނބުރި އައުން،" ކުރިން ރެއާލް މެޑްރިޑާއި އޭސީ މިލާން އަދި ޗެލްސީ އަށް ކޯޗުކޮށްދިން އަންޗެލޮޓީ ބުންޏެވެ.

"ވެން ޑައިކަށް އެ ވަރުގެ އަނިޔާއެއްވުމުން ޕިކްފޯޑް ވެސް ހުރީވަރަށް ދެރަވެފައި. އެއީ ޕިކްފޯޑް ގަސްދުގައި ވެން ޑައިކަށް ދިން އަނިޔާއެއް ކަމަށް ބުނުމަކީ އިންސާފުވެރިކޮށް ދެކެވޭ ވާހަކައަކަށް ނުވާނެ. އެއީ ޕިކްފޯޑް ގަސްދުގައި ކުރި ކަމެއް ނޫންކަން ވެން ޑައިކަށް ވެސް އެނގޭނެ. އެ ޓެކުލްކުރީ ބޯޅަ ހޯދަން."

އަންޗެލޮޓީ ބުނީ ޕިކްފޯޑް ޖެހި ޓެކުލްގެ މައްސަަލަ އަކީ ވެން ޑައިކްގައި ޖެހުނު ސްޕީޑް ބާރުވުން ކަމަށާއި ފުޓްބޯޅައިގައި އެ ކަހަލަ ގޮތަކަށް އަންނަ ބޯޅަތަކުގައި އެ ގޮތަށް ޓެކުލްތައް ދާނެ ކަމަށެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ފުޓްބޯޅައިގައި ޓެކުލްކުރުން ވެސް އޮންނަ ކަމަށާއި އެކަމަކު އެވަޓަން މެޗުގައި ފެނުނު ދެ ޓެކުލަކީ ނޯމަލް ވިސްނުމުގައި ބަލައިގަންނަން ވަރަށް އުނދަގޫ ކަންތައްތަކެއް ކަމަށެވެ.

ޕިކްފޯޑްގެ އެ ޓެކުލާ ގުޅޭ މައްސަލައިގައި ލިވަޕޫލުން ވަނީ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އެކަން ރަނގަޅަށް ނުބެލީ ކީއްވެތޯ އޮޅުންފިލުވަން ޕްރިމިއާ ލީގަށް ލިޔުމުން ހުށަހަޅައިފަ އެވެ. ފަހުން ޕްރިމިއާ ލީގުގެ ޑިސިޕްލިނަރީ ބޯޑުން އެ މައްސަލައިގައި ޕިކްފޯޑަށް އިތުރު އަދަބެއް ދޭން ޖެހޭ ކަމަށް ނުފެންނަ ކަމަށް ނިންމި ނަމަވެސް އެ މެޗުގައި ވީއޭއާރް ރެފްރީ އަކަށް ހުރި ޑޭވިޑް ކޫޓޭ ވަނީ މި ހަފްތާގެ މެޗުތަކުން ބާކީކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ އެނަލިސްޓުން ވަނީ ވީއޭއާރް ރެފްރީ އަށް ފިޔަވަޅު އަޅާފައި ޓެކުލްކުރި ކުޅުންތެރިޔާއާ މެދު އެއްވެސް އަދަބެއް ނާންނާތީ ސުވާލު އުފައްދައިފަ އެވެ. އަދި އޮފްސައިޑްވެފައި އޮތުމަކީ ނުރައްކާތެރި ޓެކުލެއްކޮށް ސަލާމަތްވާން އޮންނަ ދޮރެއް ގޮތަށް އޮތުމަކީ މުސްތަގުބަލުުގައި އެފަދަ ކަންތައްތައް ކުރަން ކުޅުންތެރިންނަށް ލިބޭ ހިތްވަރަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އެނަލިސްޓުން ބުނެފައިވެ އެވެ.