Roadha Mihaaru
ބޮޑުފިނޮޅު މައްސަލަ ޓްރައިބިއުނަލުން މިއަދުވެސް ކެންސަލް

ބޮޑުފިނޮޅު ބިދޭސީންގެ މައްސަލަ ޓްރައިބިއުނަލްގައި ހުއްޓިފައި، މިއަދުވެސް ކެންސަލް

22 އޮކްޓޯބަރ 2020

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ބޮޑުފިނޮޅުގައި މަސައްކަތްކުރުވައި މުސާރަ ނުދީ ހާލުގައިޖެއްސި ބިދޭސީންގެ ހައްގުތައް ހޯދަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިތާ ތިން މަސް ވެފައި ވާއިރު މިއަދު ވެސް ރިޒް ކުންފުނިން ޓްރައިބިއުނަލަށް ހާޒިރުނުވުމުން އަޑުއެހުން ކެންސަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ބޮޑުފިނޮޅުގައި މަސައްކަތްކުރުވައި މުސާރަ ނުދީ ހާލުގައިޖެއްސި ބިދޭސީންގެ ހައްގުތައް ހޯދަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިތާ ތިން މަސް ވެފައި ވާއިރު މިއަދު ވެސް ރިޒް ކުންފުނިން ޓްރައިބިއުނަލަށް ހާޒިރުނުވުމުން އަޑުއެހުން ކެންސަލްކޮށްފި އެވެ.

ހާލުގައި ޖެހުނު ބިދޭސީންނަށް ނުދީ ހުރި މުސާރަ، އެކީ އެއްފަހަރާ ދިނުމުގެ އަމުރެއް ނެރެދިނުމަށާއި މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވެފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި ގައުމަށް ދާން ބޭނުންވާ މީހުންނަށް އެކަން ކޮށްދިނުމުގެ އަމުރަކަށް ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ބިދޭސީންގެ ފަރާތުން ހުށަހެޅި މައްސަލާގައި އެދިފައިވެ އެވެ. އަދި މައްސަލާގައި ގޮތެއް ނިންމަންދެން، ބޯހިޔާވަހިކަމާއި ބޭސްފަރުވާ ފަދަ ޒަރޫރީ ކަންކަން ރިޒް ކުންފުނިން އެ ބިދޭސީންނަށް ހަމަޖައްސައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ. އެކަމަކު އަދިވެސް މި އަމުރާ މެދު ވެސް ޓްރައިބިއުނަލުން ގޮތެއް ނުނިންމަ އެވެ.

އެނގިފައިވާ ގޮތުގައި ރިޒް ކުންފުނީގެ ފަރާތުން މިއަދު ޓްރައިބިއުނަލް އަށް ހާޒިރު ނުވެ، މިއަދު އޮތީ ސިޓީއެއް ފޮނުވައިފަ އެވެ. އޭގައި، މައްސަލަ ހުށަހެޅި ފަރާތުން މައްސަލައާ ބެހޭ ގޮތުން މީޑިއާގައި ވާހަކަ ދައްކާ ކަމަށް ބުނެ އެކަމާ ޝަކުވާ ކޮށްފައިވާ ކަމަށްވެ އެވެ. އެންމެ ފަހުން އޮތް އަޑުއެހުމުގައި ވެސް ރިޒްގެ ވަކީލުން މި ޝަކުވާ ކުރުމުން ޕީއައިއެލްސީން ވަނީ މީޑިއާގައި ދައްކަނީ މައްސަލަ ގޮސް އޮތް ހިސާބެއް ސާފުކޮށްދިނުމުގެ ވާހަކަ ކަމަށާއި މިއީ އާންމު މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށް ވާތީ އެ ވާހަކަ ދައްކަންޖެހޭ ކަމަށް ބުނެފަ އެވެ.

ފުލުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ރިޒް ކުންފުނީގެ މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ. ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރިޒް ކުންފުންޏަށް ފުލުހުން ތުހުމަތުކުރެ އެވެ. ރިސޯޓް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ރިޒް ކުންފުނިން މި ތުހުމަތުތަކަށް އިންކާރު ކުރެ އެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނާ ރިޒް ކުންފުނިން ހަވާލުވާން ދެކޮޅުހަދައި އެ ރަށަށް ދޫކޮށްލުމުން ފުލުހުންގެ ބެލުމުގެ ދަށުން އެ މީހުން މާލެ ގެނެސް ބައިތިއްބާފައި މިހާރު ތިބީ ހުޅުމާލެ ފެސިލިޓީއެއްގަ އެވެ. އެމްއާރުޑީސީގެ އެ ފެސިލިޓީގައި އެ މީހުން ބޭތިއްބިޔަސް ހުރިހާ ޚަރަދެއް ދައްކާނީ ރިޒް ކުންފުނިން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް އެތާ ތިބި މީހުން ވަނީ ގައުމުގައި ތިބި އާއިލާގެ މީހުންނަށް ފައިސާ ނުފޮނުވި އެ މީހުން ވަރަށް ހާލުގައި އުޅެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.