Roadha Mihaaru
ބިދޭސީންގެ ކެއުންބުއިމަށް ހުރަސްއެޅީ ސީލްއިން: ރިޒް

ބިދޭސީންގެ ކެއުންބުއިމާއި ފެނާއި ކަރަންޓަށް ހުރަސް އެޅީ ސީލްއިން: ރިޒް

31 ޖުލައި 2020

ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ ކެއުންބުއިމާއި ކަރަންޓާއި ފެނުގެ ޚިދުމަތަށް ހުރަސް އެޅީ ސީލް މޯލްޑިވްސް އިން ކަމަށް އެ ރަށުގެ މަސައްކަތުގެ ކޮންޓްރެކްޓަރު ރިޒް ކުންފުނިން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބ. ބޮޑުފިނޮޅުގައި ތިބި ބިދޭސީންގެ ކެއުންބުއިމާއި ކަރަންޓާއި ފެނުގެ ޚިދުމަތަށް ހުރަސް އެޅީ ސީލް މޯލްޑިވްސް އިން ކަމަށް އެ ރަށުގެ މަސައްކަތުގެ ކޮންޓްރެކްޓަރު ރިޒް ކުންފުނިން މިރޭ ބުނެފި އެވެ.

ސީލް އިން ބޮޑުފިނޮޅުގައި ރިސޯޓެއް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏާ ހަވާލު ކޮށްގެން ކުރަމުންދިޔަ މަސައްކަތްތަކާ ގުޅިގެން އެ ރަށުގައި ތިބި 179 ބިދޭސީންނަށް މުސާރަ ނުލިބިގެން ހިންގި ހަމަނުޖެހުންތަކަށް ފަހު ފުލުހުން މިއަދު ވަނީ އެ މީހުން އެ ރަށުން ބާލައިފަ އެވެ. އޭގެ ކުރިން ރިޒް ކުންފުނިން ވަނީ އެއީ އެ ކުންފުނީގެ ބިދޭސީން ނޫން ކަމަށް ބުނެ އެ މީހުންނާ ހަވާލުވާން ދެކޮޅު ހަދައިފަ އެވެ.

ބޮޑުފިނޮޅުން ބިދޭސީން ބޭލީ އެ ރަށުން ފެނާއި ކަރަންޓްގެ ޚިދުމަތް ކެނޑުމާއި އެ މީހުންނަށް ކެއުންބުއިމުގެ އިންތިޒާމު ހަމަނުޖެހި ތިބުމުންނެވެ.

އެކަމާ ގުޅިގެން ރިޒް ކުންފުނިން ނެރުނު ބަޔާނެއްގައި ވަނީ ބިދޭސީންނާ ހަވާލުވުމާއި އެ މީހުންގެ މުސާރައިގެ މައްސަލަތައް ޝަރުއީ މަރުހަލާގެ ތެރެއިން ހިނގަމުން ދިޔަޔަސް، އެ މީހުންގެ ކެއުންބުއިމުގެ ކަންކަމަށް ހުރަސް އެޅުނަ ނުދިނުމަށްޓަކައި އެކަންކަން ބަލަހައްޓަމުން ދިޔައީ އެ ކުންފުނިން ކަމަށެވެ. އެކަމަކު ކާބޯތަކެތި އެ ރަށަށް ފޮނުވަން ހުރަސް އެޅީ ސީލް ކުންފުނިން ކަމަށެވެ.

ކާބޯތަކެތި ބަލައި ބ. ތުޅާދު އަށް ދިޔަ ބިދޭސީން ބޮޑުފިނޮޅަށް އަލުން ނޭރޭނެ ކަމަށް ބުނެ އެކި ފަހަރު މަތިން ސީލް އިން ހުރަސް އެޅި ކަމަށް އެ ބަޔާނުގައިވެ އެވެ.

"އެއްބަސްވުމާ ގުޅޭގޮތުން ދެބަސްވުންތަކެއް އުފެދުނު ކަމުގައި ވިޔަސް، އިންސާނީ ކަރާމާތަށް ގެއްލުންވާ ގޮތަށް އަމަލު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަން ފާހަގަ ކުރަމެވެ. އެހެން ނަމަވެސް ވަކި ހިސާބަކުން އަޅުގަނޑުމެންގެ މުވައްކިލުގެ ފަރާތުން ބޮޑުފިނޮޅަށް ކާބޯތަކެތި ގެންދިއުމަށް ހުރަސް އެޅުމާއި ކާބޯތަކެތި ބަލާ ތުޅާދޫ އަށް ދާ ބިދޭސީން އަނބުރާ ބޮޑުފިނޮޅަށް އެރިޔަ ނުދީ ލާއިންސާނީ އެތައް އަމަލުތަކެއް ސީލް މޯލްޑިވްސްގެ ފަރާތުން ހިންގާފައިވާ ކަން ފާހަގަކުރަމެވެ." ރިޒްގެ ގާނޫނީ ކަންކަމާ ހަވާލުވެފައިވާ ލޯ ކްރާފްޓުން ނެރުނު ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ ބޮޑުފިނޮޅުން ފެނާއި ކަރަންޓްގެ ޚިދުމަތް ކަނޑާލަން ސީލް އިން މަސައްކަތް ކުރިކަން އެ ކުންފުނިން ދުރާލައި މީޑިއާތައް މެދުވެރިކޮށް ބުނެފައިވާ ކަމަށެވެ. އެކަން އެނގުމާ އެކު، ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ރިޒް ކުންފުނިން އެކަން އަންގާފައިވާނެ ކަމަށާއި އެކަމަކު ފުލުހުން އެކަމަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރިޒް ކުންފުނީގެ ބަޔާނުގައިވާ ގޮތުން ކާބޯތަކެތި ގެންދިއުމަށް އެކި ފަހަރު މަތިން ސީލް އިން ހުރަސް އެޅުމުން ވެސް، ސީލްގެ ހުއްދަ ނެތި އެ ރަށަށް ކާބޯތަކެތި ނޭރުވޭނެ ކަމަށް ރިޒް ކުންފުންޏަށް ފުލުހުން ޖަވާބު ދިނެވެ. އެކަމަށް ހައްލެއް ލިބުނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ސަމާލު ކަމަށް އެކަން ގެނައުމުން ކަމަށް ބަޔާނުގައިވެ އެވެ.

ބިދޭސީންނާ ހަވާލުވާން ރިޒްގެ މައްޗަށް ތުޅާދޫ ކޯޓުން އަމުރެއް ނެރުނަސް، އެކަމާ ދެކޮޅަށް އެ ކުންފުނިން ވަނީ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފަ އެވެ. އެ ބިދޭސީންނަށް މުސާރަ ހޯދުމުގެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.