Roadha Mihaaru
ހިމާޔަތްކޮށްފައިވާ ދޫންޏަށް ގޯނާކުރާތީ އިންޒާރު ދީފި

ހިމާޔަތްކޮށްފައިވާ ދޫންޏަށް ގޯނާކުރުން އިތުރުވާތީ އިންޒާރު ދީފި

22 އޮކްޓޯބަރ 2020

ރާއްޖެ އަށް ހިޖުރަކުރާ ދޫނި ހިފައި އެއަށް ގެއްލުން ދިނުން އިތުރުވެފައިވާ ކަމަށާއި މިފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އިންޒާރުދީފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެ އަށް ހިޖުރަކުރާ ދޫނި ހިފައި އެއަށް ގެއްލުން ދިނުން އިތުރުވެފައިވާ ކަމަށާއި މިފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު އިންޒާރުދީފި އެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އަހަރުގެ މި ދުވަސްވަރަކީ ދޫނި ހިޖުރަކުރާ ދުވަސްވަރު ކަމަށާއި ރާއްޖެ އަށް ވެސް އެކި ކަހަލަ ދޫނި ހިޖުރަކުރާ ކަމަށެވެ. އޭގެ ތެރޭގައި، ހިމާޔަތްކޮށްފައިވާ އިރުވާހުދާއި ފްލެމިންގޯ ފަދަ ދޫނި ހިމެނޭ ކަމަށް އީޕީއޭ އިން ބުންޏެވެ.

ނަމަވެސް އެފަދަ ދޫނިތަކަށް ގެެއްލުންދީ ގޯނާކުރާ ކަމުގެ ޝަކުވާތައް އިތުރުވަމުން އަންނަ ކަމަށް އީޕީއޭ އިން ބުންޏެވެ. ހާމަ އަށް ހުންނަ ބިންތަކުގަ އާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރަ އާއި އެކި އާލާތްތައް ބޭނުންކޮށްގެން ދޫނިތައް ހިފާކަމުގެ ޝަކުވާ ލިބޭތީ އީޕީއޭ އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ރާއްޖެއަށް ހިޖުރާކުރާ ދޫނި ހިފުމާއި، އެއަށް އެއްވެސް ގޯނާއެއް ދިނުމަކީ މަނާކަމެކެވެ. އެފަދަ އެއްވެސް ކަމެއް ކޮށްފި މީހަކު ބޮޑު އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އީޕީއޭ އަށް އޮވެ އެވެ.

ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ހިފައިގެން އީޕީއޭ އިން އެންމެ ފުރަތަމަ މީހަކު ޖޫރިމަނާ ކުރީ 2016 ވަނަ އަހަރު އެވެ. އެފަހަރު އެ މީހާ 100،000ރ. އިން ޖޫރިމަނާކުރި އިރު އޭގެ ފަހުން 2017 ވަނަ އަހަރު ވެސް ދޮޅު ލައްކަ ރުފިޔާއިން މީހަކު ޖޫރިމަނާކޮށްފައިވެ އެވެ.

ހިޖުރަކުރާ ދޫނި ރާއްޖެ އަންނަނީ ވަރަށް ދުރު ރާސްތާއެއް ކަޑައްތުކޮށްފަ އެވެ. އެކި މޫސުންތަކުގައި އެކި ބާވަތްތަކުގެ ދޫނި ރާއްޖެ އަންނައިރު، މޫސުން ބަދަލުވުމާ އެކު އެ ދޫނިތައް އެނބުރި ދެ އެވެ.