Roadha Mihaaru
"ސްޓާލިންކް" އަށް އިތުރު ސެޓެލައިޓްތަކެއް ފޮނުވާލައިފި

"ސްޓާލިންކް" ޕްރޮޖެކްޓަށް އިތުރު ސެޓެލައިޓްތަކެއް ފޮނުވާލައިފި

20 އޮކްޓޯބަރ 2020

ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ފަށާފައިވާ "ސްޓާލިންކް" އިންޓަނެޓް ޕްރޮޖެކްޓްގެ ދަށުން އަނެއްކާ ވެސް އިތުރު ސެޓެލައިޓްތަކެއް ދުނިޔޭގެ އޯބިޓްގެ ތެރެއަށް ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް ފަށާފައިވާ "ސްޓާލިންކް" އިންޓަނެޓް ޕްރޮޖެކްޓްގެ ދަށުން އަނެއްކާ ވެސް އިތުރު ސެޓެލައިޓްތަކެއް ދުނިޔޭގެ އޯބިޓްގެ ތެރެއަށް ދޫކޮށްލައިފި އެވެ.

އާދީއްތަ ދުވަހު އެމެރިކާގެ ފްލޮރިޑާގެ ކޭޕް ކެނަވީރަލްގައި ބޭއްވި އިވެންޓަކަށް ފަހު ދޫކޮށްލި ސެޓެލައިޓްތަކާ އެކު މިހާރު "ސްޓާލިންކް" ޕްރޮޖެކްޓްގައި ހިއްސާވާ ސެޓްލައިޓްތަކުގެ އަދަދު ވަނީ 835 އަށް ވަނީ އަރައިފަ އެވެ. މިދިޔަ މަހުގެ ފަހުކޮޅު "ސްޓާލިންކް" ޕްރޮޖެކްޓް ހަގީތަކަށްވެ، ފުރަތަމަ ފަހަރަށް އިންޓަނެޓް ލިބެން ފެށި ވާހަކަ އިއުލާންކުރި އިރު، "ސްޓާލިންކް" ފައުޖުގައި ހިމެނުނީ 775 ސެޓެލައިޓެވެ.

އީލޮންގެ ސްޕޭސް އެކްސް އިން އިންޓަނެޓްގެ ސްޕީޑަށް އިންގިބާލެއް ގެންނަން ފަށާފައިވާ "ސްޓާލިންކް" ޕްރޮޖެކްޓްގެ ދަށުން 1،440 ކުދި ސެޓެލައިޓް އޯބިޓަށް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. އެ އަދަދު 2022 ނިމުމުގެ ކުރިން ހަމަކުރާނެ އެވެ. އެގޮތުން ކޮންމެ އހަރަކު ލޯންޗްކުރަނީ ފަހަރަކު 60 ސެޓެލައިޓެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ސްޕޭސް އެކްސް އިން 2015 ގައި ފަށައި ސެޓެލައިޓްގެ ފުރަތަމަ ފައުޖު 60 ސެޓެލައިޓާ އެކު ސްޕޭސް އެކްސްގެ ފެލްކަން 9 ރޮކެޓްގެ އެހީގައި ރަސްމީކޮށް ލޯންޗްކުރީ މެއި 23، 2019 ގަ އެވެ.

އީލޮން ވިދާޅުވި ގޮތުގައި "ސްޓާލިންކް" ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ ދުނިޔޭގައި މީހުން އާބާދުވެފައިވާ 99 ޕަސެންޓް ސަރަހައްދަށް މިހާރަށް ވުރެ ހަލުވި އިންޓަނެޓްގެ ހިދުމަތް ދެވޭނެ ގޮތް ހެދުމެވެ.

"މި ޕްރޮޖެކްޓްގެ ތެރެއިން އަހަރެމެން ކަށަވަރުކުރަން ބޭނުންވާ ކަމަކީ ޓްރެޑިޝަނަލް ސެޓެލައިޓް އިންޓަނެޓް އިންފްރާސްޓްރަކްޗާ އަށް ވުރެ ވަރުގަދަ ވިއުގައަކުން ހައި-ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް ދުނިޔެ އަށް ފޯރުކޮށް ދިނުން،" އޭނާ ވިދާޅުވި އެވެ.

މީގެ ދަށުން ފުރަތަމަ ހިދުމަތް ލިބެން ފެށި ސަރަހައްދަކީ އެމެރިކާގެ ކެލިފޯނިއާ އެވެ. އަދި ހިދުމަތް ލިބެން ފެށުމާ އެކު، އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ "ސްޓާލިންކް" ގެ ވައިފައި ހިދުމަތް ދޭން ވެސް ފަށައިފަ އެވެ. މިއާ އެކު އިންޓަނެޓްގެ ސްޕީޑަށް އައި ކުރިއެރުން ފާހަގަކޮށް، ހިދުމަތް ލިބޭ މީހުން ވަނީ އީލޮންގެ ޓީމަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

"ސްޓާލިންކް" ހަގީތަކަށްވުމާ އެކު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އީލޮން ވަނީ މި ޕްރޮޖެކްޓް ފުޅާކުރުމަށް ވަރަށް އަވަހަށް ޕަބްލިކް ބީޓާއަކަށް ހުޅުވާލައި، ވީހާ ވެސް ބޮޑު ސަރަހައްދަކަށް ހިދުމަތް ލިބޭނެ ގޮތް ހަދަން މަސައްކަތްކުރާނެ ކަމަށް ބުނެފަ އެވެ.