Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

19 އޮކްޓޯބަރ 2020

ހެންސަލް މެހެތާ ޑައިރެކްޓްކޮށްފައިވާ ސޯޝަލް ކޮމެޑީ "ޝަލާންގް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހެންސަލް މެހެތާ ޑައިރެކްޓްކޮށްފައިވާ ސޯޝަލް ކޮމެޑީ "ޝަލާންގް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންނަ މަހުގެ 13 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ކުދިންނަށް ކްރިކެޓް ކުޅެން ދަސްކޮށްދޭ ދެ މީހެއްގެ ތެރޭގައި ހިނގާ ކުރިމަތިލުންތަކެއް ދައްކުވައިދޭނެ ފިލްމެކެވެ. އެގޮތުން "ޝަލާންގް" ގެ ކްރިކެޓް ކޯޗުންގެ ރޯލުން ފެނިގެންދާނީ ރާޖްކުމާރު ރާއޯ އާއި މުހައްމަދު ޒީޝާން އައްޔޫބެވެ. މި ފިލްމުގެ ބަތަލާ އަކީ ރާޖާ އެކު 2010 ގައި "ލަވް ސެ*ސް އޯރް ދޯކާ" ކުޅުނު ނުޝްރަތު ބަރޫޗާ އެވެ.

"ޝަލާންގް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ސަތިޝް ކޯޝިކް، އިލާ އަރޫން އަދި ސޯރަބް ޝުކްލާ ހިމެނެ އެވެ.

މި ފިލްމަކީ ބުޝަން ކުމާރުގެ ޓީ ސީރީޒާއި އަޖޭ ދޭވްގަންގެ އޭޑީ ފިލްމްސް އާއި ލަވް ރަންޖަންގެ ލަވް ފިލްމްސް އިން ގެނެސްދޭ ފިލްމެކެވެ.

ބޮލީވުޑްގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ހެންސަލްއާ އެކު ރާޖް ވަނީ ކުރިން ވެސް ކްރިޓިކުންގެ ތައުރީފު ލިބުނު ފިލްމުތަކެއް ކުޅެފަ އެވެ.

އޭގެ ތެރޭގައި "ޝާހިދު" އާއި "އޮމެތުރާ" އާއި "ސިޓީ ލައިޓްސް" އަދި "އަލީގަޅް" ހިމެނެ އެވެ.

"އާޝްރަމް 2" އަންނަ މަހުގެ 11 ގައި

އެކްޓަރު ބޮބީ ޑިއޯލާ އެކު، ޑައިރެކްޓަރު ޕްރަކާޗް ޖާ މިދިޔަ އޮގަސްޓް މަހު އެމްއެކްސް ޕްލެޔާ އިން ގެނެސްދިން ވެބް ސީރީޒް "އާޝްރަމް" ގެ ދެވަނަ ސީޒަން "އާޝްރަމް: ޗެޕްޓާ 2-ދަ ޑާކް ސައިޑް" އަންނަ މަހުގެ 11 ގައި ގެނެސްދޭން ނިންމައިފި އެވެ.

މި ސީރީޒްގައި ބޮބީ ކުޅެފައި ވަނީ ފާދިރީއެއްގެ ރޯލެވެ. ފުރަތަމަ ސީޒަނުގައި ނުވަ އެޕިސޯޑް ގެނެސްދީފައިވާ އިރު އޭގެ ކާސްޓުން ޗަންދަން ރޯއި ސަނިއާލް އާއި އާދިތީ ޕޮހާންކަރާއި ތުޝާރު ޕާންޑޭ އާއި ދަރުޝަން ކުމާރާއި އަނޫޕްރިޔާ ގޮއެންކާ ފަދަ ފަންނާނުން ފެނިފައިވެ އެވެ.

"އާޝްރަމް" ގެ އިތުރުން މި އަހަރު ފެނިގެން ދިޔަ ބޮބީގެ އަނެއް މަސައްކަތަކީ ނެޓްފްލިކްސް އިން އޮގަސްޓް މަހު ސްޓްރީމްކުރި ފިލްމު "ކްލާސް އޮފް 83" އެވެ.

ސުޝްމިތާގެ "އާރިއާ" ދެވަނަ ސީޒަނަށް ތައްޔާރު

ދިހަ ވަރަކަށް އަހަރު ފަހުން ބަތަލާ ސުޝްމިތާ ސެން މި އަހަރު އެނބުރި އެކްޓިން އައި ވެބް ސީރީޒް "އާރިއާ" ގެ ދެވަނަ ސީޒަންގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ރާމް މަދަވާނީ ޑައިރެކްޓްކޮށް ޖޫން މަހު ހޮޓްސްޓާ އިން ގެނެސްދިން ނުވަ އެޕިސޯޑްގެ ސީރީޒްގެ ދެވަނަ ސީޒަންގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގައި ދުބާއީގަ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި "އާރިއާ 2" ގެ މަސައްކަތް ދުބާއީގައި ދެ މަހެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެ އެވެ. އެގޮތުން ދުބާއީގެ ފުރަތަމަ ޝެޑިއުލް 20 ދުވަހަށް ކުރިއަށް ގެންދިއުމަށް ފަހު ބާކީ ހުރި މަންޒަރުތައް ޝޫޓްކުރަން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

"އާރިއާ" ގައި ސުޝްމިތާއާ އެކި ފެނިގެން ދިޔަ ކާސްޓްގެ ތެރޭގައި ޗަންދުރަޗޫރް ސިންގް އާއި ސިކަންދަރު ކޭރާއި އަންކޫރް ބާޓިއާ އަދި ނަމިތު ދާސް ފަދަ ތަރިން ހިމެނެ އެވެ.

ނޭހާގެ ހިތް ފުރަތަމަ ނަޒަރުން ރޯހަންޕްރީތަށް

ޕަންޖާބީ ފަންނާނު ރޯހަންޕްރީތު ދެކެ ލޯބިވެވުނީ ފުރަތަމަ ނަޒަރުން ކަމަށް ބުނެ ލަވަކިޔުންތެރިޔާ ނޭހާ ކައްކަރް ދެ މީހުން އެކީގައި ނަގާފައިވާ ފޮޓޯއެއް އަނެއްކާ ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފި އެވެ.

އެ ފޮޓޯގައި ފެންނަނީ ދެ މީހުން ބައްދާލައިގެން އެކަކު އަނެކަކުގެ މޫނަށް ބަލަން ތިއްބަ އެވެ. ނޭހާ އާއި ރޯހަންޕްރީތު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން މިދިޔަ ހަފުތާގައި ކަށަވަރުކޮށް ދީފައިވާ އިރު، ވަރަށް އަވަހަށް އެ ދެ މީހުން ކައިވެނިކުރާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ނޭހާ އާއި ރޯހަން ޕްރީތު އެކީގައި ފެނިގެންދާ ވީޑިއޯ ލަވަ "ނޭހޫ ދާ ވިއާ" މި މަހުގެ 21 ގައި އާންމުކުރާނެ އެވެ. އެ ލަވައިގެ މިއުޒިކާއި ޅެން ހަދައި، ލަވަ ކިޔާފައި ވަނީ ވެސް ނޭހާ އެވެ.