Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

16 ޖުލައި 2020

މި މަހުގެ 31 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ވިދިޔާ ބާލަންގެ ފިލްމު "ޝަކުންތަލާ ދޭވީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 31 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ ވިދިޔާ ބާލަންގެ ފިލްމު "ޝަކުންތަލާ ދޭވީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަނޫ މެނަން ޑައިރެކްޓްކޮށްފައިވާ މި ބައޮގްރަފިކަލް ޑްރާމާ އަކީ 2013 ގައި މަރުވެފައިވާ އިންޑިއާގެ ކުރީގެ ހިސާބު އިލްމުވެރިޔާ ޝަކުންތަލާ ދޭވީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ހިއުމަން ކޮމްޕިއުޓަރުގެ ނަމުން މަޝްހޫރުވި ޝަކުންތަލާގެ ރޯލް ފިލްމުގައި ކުޅުނީ ވިދިޔާ އެވެ.

މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖިއްޝޫ ސެންގުޕްތާ އާއި ސާނިއާ މަލްއުތުރާ އާއި އަމިތު ސާދު ހިމެނެ އެވެ.

"ޝަކުންތަލާ ދޭވީ" އަކީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "މިޝަން މަންގަލް" އަށް ފަހު، ބެލުންތެރިންނާ ހަމައަށް އަންނަ ވިދިޔާގެ ފުރަތަމަ ފީޗާ ފިލްމެވެ.

"ތޭންކް ގޯޑް" ގެ ޝޫޓިން ސެޕްޓެމްބަރުގައި

މިދިޔަ އަހަރު "ޓޯޓަލް ދަމާލް" ގެނެސްދިން ޑައިރެކްޓަރު އިންދަރު ކުމާރުގެ އާ ފިލްމު "ތޭންކް ގޯޑް" ގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހު ފަށާ ގޮތަށް ނިންމައިފި އެވެ.

މި ފިލްމުގެ ތަރިންނަކީ "ޓޯޓަލް ދަމާލް" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު އަޖޭ ދޭވްގަންގެ އިތުރުން ރަކުލް ޕްރީތު ސިންގް އާއި ސިދާތު މަލްއުތުރާ އެވެ. މުމްބާއީގެ އިތުރުން "ތޭންކް ގޯޑް" ގެ ގިނަ މަންޒަރުތަކެއް އިނގިރޭސިވިލާތުގައި ވެސް ނަގާނެ އެވެ.

މީޑިއާތަކުން ބުނިގޮތުގައި "ތޭންކް ގޯޑް" އަކީ 2009 ގައި ރިލީޒްކުރި ޑެންމާކްގެ ފިލްމު "ސޯޓޭ ކުގްލާ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

ސޯނޫގެ ތަޖުރިބާތައް ފޮތަކަށް

ކޮވިޑް-19 ފެތުރޭތީ އިންޑިއާގައި މާޗް މަހު އިއުލާންކުރި ލޮކްޑައުންއާ އެކު އިންޑިއާގެ އެކި ސްޓޭޓްތަކުގައި ތާށިވި މީހުން އެ މީހުންގެ އަމިއްލަ ވަޒަނަށް ފޮނުވައިދޭން އެކްޓަރު ސޯނޫ ސޫދު ފެށި މަސައްކަތާއި އެކަމުގައި އޭނާ ކުރި ތަޖުރިބާގެ ވާހަކަތައް ފޮތެއްގެ ސިފައިގައި ގެނެސްދޭން ނިންމައިފި އެވެ.

މިލީ އަޝްވާރިއާ ގުޅިގެން ސޯނޫ ލިޔުނު ފޮތް ނެރެނީ ޕެންގްއިން އިންޑިއާ އާއި އެބިއުރީ ޕަބްލިޝިންގެ އިތުރުން ވިންޓޭޖް ޕަބްލިޝިން ގުޅިގެންނެވެ.

ސޯނޫ ވަނީ އޭނާގެ އަމިއްލަ ހަރަދުގައި މިހާތަނަށް އެތައް ހާސް ބަޔަކު ބަހާއި ރޭލު ދަތުރުތައް އިންތިޒާމުކޮށް ދީގެން އެ މީހުންގެ އަމިއްލަ ވަޒަނަށް ފޮނުވައި ދީފަ އެވެ.

"ބެލް ބޮޓަމް" ގެ ޓީމަށް ޕްރައިވެޓް ޖެޓްތަކެއް

އަކްޝޭ ކުމާރުގެ ފިލްމު "ބެލް ބޮޓަމް" ގެ ޝޫޓިން އަންނަ މަހު ސްކޮޓްލެންޑްގައި ފަށާ އިރު، ކާސްޓާއި ކްރޫ އެ ގައުމަށް ދާނީ ޕްރައިވެޓް ޖެޓްތަކެއްގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ފިލްމަކީ ނިކިލް އަދުވާނީގެ އެއްމޭ އެންޓަޓައިންމަންޓާއި ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓުން ހަދާ ސްޕައި ތުރިލާއެކެވެ.

ރަންޖީތު ތިވާރީ ލިޔެ، ޑައިރެކްޓްކުރާ ފިލްމުގެ ތަރިންނަކީ އަކްޝޭ އާ އެކު ވާނީ ކަޕޫރާއި ލާރާ ދައްތާ އާއި ހުމާ ގްރޭޝީ އެވެ.

"ބެލް ބޮޓަމް" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އެޕްރީލް 2 ގަ އެވެ.