Roadha Mihaaru
ޑިބްރޭނާ ކުޅުމާ ދުރަށްދިޔައިރު އަގުއޭރޯ ފިޓްވުމާ ގާތަށް

ޑިބްރޭނާ ކުޅުމާ ދުރަށްދިޔައިރު، އަގުއޭރޯ ފިޓްވުމާ ގާތަށް

17 އޮކްޓޯބަރ 2020

މެންޗެސްޓާ (އޮކްޓޫބަރު 17) - މެންޗެސްޓާ ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުނުއިރު، އެ ޓީމުގެ ފޯވާޑް ސާޖިއޯ އަގުއޭރޯގެ ފިޓްނަސް ރަނގަޅުވަމުން އަންނަ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މެންޗެސްޓާ (އޮކްޓޫބަރު 17) - މެންޗެސްޓާ ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުނުއިރު، އެ ޓީމުގެ ފޯވާޑް ސާޖިއޯ އަގުއޭރޯގެ ފިޓްނަސް ރަނގަޅުވަމުން އަންނަ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިިދިޔަ އާދިއްތަ ދުވަހު ޔުއެފާ ނޭޝަންސް ލީގުގައި އިންގްލެންޑް އަތުން ބެލްޖިއަމް 2-1 އިން ބަލިވި މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ މެންޗެސްޓާ ސިޓީގެ ޑިބްރޭނާ އެވެ. އެ މެޗުގެ 73 ވަނަ މިނިޓްގައި ޑިބްރޭނާ ވަނީ އަނިޔާގެ ސަބަބުން ބާލައިފަ އެވެ. އަނިޔާއާ ހެދި ބުދަ ދުވަހު އައިސްލެންޑާ ދެކޮޅަށް ބެލްޖިއަމް އިން ކުޅުނު މެޗުގައި ނުކުޅެ ޑިބްރޭނާ އެނބުރި އައީ ސިޓީ އަށެވެ. ޑިބްރޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ސިޓީ ދެން ކުޅޭ ތިން މެޗު ގެއްލޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"އެއީ އެހާ ސީރިއަސް އަނިޔާއެއް ވެސް ނޫން. އެކަމަކު އޭނާ އަށް މެޗުތަކެއް ގެއްލޭނެ. ދުވަހެއް ދުވަހަކަށް ކުރިއެރުން ބަލަން ޖެހޭނީ. އެގޮތަށް ދިމާވާ އަނިޔާތައް ރަނގަޅަށް ފަރުވާ ހޯދަން ޖެހޭ. އެހެން ނޫނީ އެ އަނިޔާގެ މައްސަލަތައް ތަކުރާރުވެދާނެ. ޔަގީނުން ވެސް ކުރިއަށް ހުރި ބައެއް މެޗުތަކުގައި ޑިބްރޭނާ ނުފެންނާނެ،" ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.

އަނިޔާގެ މައްސަލަތައް ސިޓީގައި ގިނަވަމުން އަންނައިރު ގާޑިއޯލާ އަށް މި ވަގުތަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަގުއޭރޯގެ ފިޓްނަސް ރަނގަޅުވަމުން އައުމެވެ. މިދިޔަ ޖޫން މަހު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އަގުއޭރޯ އަދިވެސް ހުރީ ކުޅުމާ ދުރުގަ އެވެ. ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ އިތުރުން މި ސީޒަނުގައި ސިޓީން މިހާތަނަށް ކުޅުނު ތިން މެޗު އަގުއޭރޯ އަށް ވަނީ ގެއްލިފަ އެވެ.

"އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިފައި ވަރަށް ގިނަ ދުވަސްފަހުން އަގުއޭރޯ އަށް އެނބުރި އާދެވޭތީ. އޭނާގެ ފިޓްނަސް އަންނަނީ ރަނގަޅުވަމުން. މި މެޗު ތަންކޮޅެއް އަވަސްވެދާނެ އޭނާ ކުޅެން ނެރެން. ވަރަށް ކައިރިން މޮނިޓާކުރަމުން މިދަނީ އަގުއޭރީގެ ހާލަތު،" ގާޑިއޯލާ ބުންޏެވެ.

މިދިޔަ ޑިސެމްބަރު މަހު ގާޑިއޯލާގެ އެސިސްޓަންޓް ކޯޗުގެ މަގާމު ދޫކޮށްލައި އާސެނަލްގެ ކޯޗުކަމާ ހަވާލުވެ މިކޭލް އާޓެޓާ އަންނަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އާޓެޓާގެ އާސެލުން މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކާމިޔާބުކުރީ ސެމީގައި ސިޓީ ބަލިކޮށްފައި ގޮހެވެ. ގާޑިއޯލާ ވަނީ އާޓެޓާގެ ކޯޗުކަމުގައި އާސެނަލުން ހޯދަމުން އަންނަ ކުރިއެރުމަށް ތައުރީފުކޮށްފަ އެވެ.

ސިޓީ ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:30 ގަ އެވެ.