Roadha Mihaaru
ރޭ އެކްސިޑެންޓުވި އަންހެން މީހާ އައިސީޔޫގައި

ރޭ އެކްސިޑެންޓުވި އަންހެން މީހާ އައިސީޔޫގައި

15 އޮކްޓޯބަރ 2020

ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ އަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ އަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ރޭ އިރު އޮއްްސުނު އިރު ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗް ސަރަހައްްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި، ފަހަތުން ދިޔަ ވޭނަކުން ޖެހި ހިނގި އެކްސިޑެންޓްގައި ބޮޑަށް އަނިޔާވީ ވެސް 42 އަހަރުގެ އެ އަންހެން މީހާ އަށެވެ. އޭނާ އިނީ ސައިކަލްގެ ފަހަތުގަ އެވެ.

ސައިކަލުގައި ތިބި ދެ މީހުން ވެސް އައިޖީއެމްއެޗަށް ފަރުވާ އަށް ގެންގޮސްފައިވާއިރު އައިޖީއެމްއެޗުން ބުނީ މި ވަގުތު ފަރުވާދެމުން އަންނަނީ ވެސް އޭނާ އަށް އެކަނި ކަމަށެވެ. މިއަދު ހެނދުނު އޭނާ އައިސީޔޫ އަށްް ބަދަލުކޮށްފައިވާ ކަމަށާއި އޭނާ އޮތީ އޮކްސިޖަން ވެސް ގުޅާފައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި ވޭން ވަނީ، ސައިކަލުގައި އިން އަންހެން މީހާ ވެއްޓިފައި އޮއްވާ އޭނާގެ ގައިމަތިން ގޮސްފަ އެވެ.

ފުލުހުން ބުނީ ރޭ މި މައްސަލައިގެ ރިޕޯޓު ލިބުނީ އިރުއޮއްސި ހައެއްޖަހާކަން ހާއިރު ކަމަށެވެ. މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި ދެ އުޅަނދު ވެސް ދުއްވަން ތިބީ ލައިސަންސް އޮތް ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.