Roadha Mihaaru
އެކްސިޑެންޓުގައި ޒަހަމްވި ޒުވާނަކު ވެންޓިލޭޓަރުގައި

ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކު ވެންޓިލޭޓަރުގައި

05 ސެޕްޓެމްބަރ 2024

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ގޯސްވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ގޯސްވެ ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓު ލިބުނީ ރޭ 12:53 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 21 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ފަރުވާ ދޭން ގެންދިޔައީ އައިޖީއެމްއެޗަށެވެ.

އައިޖީއެމްއެޗުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޒުވާނާއަށް މިވަގުތު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ އެކްސިޑެންޓުގެ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ޓެކްސީއެއް ކޮއިމަލާ ހިނގުމަށް ލަނބާލި ވަގުތު ބޮޑުތަކުރުފާނު މަގުން އައި ސައިކަލެއްގައި ޖެހިގެންނެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ކާރުގައި ޖެހި އެ ސައިކަލުގެ ކުރީކޮޅު އޮތީ ވަރަށް ބޮޑަށް ފުނޑުފުނޑު ވެފަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.