Roadha Mihaaru
ޕެރިހާ އެކު ފްރާންސްގެ ނުވަ ސިޓީއެއްގައި ކާފިއު

ބަލި ފެތުރޭތީ ޕެރިހާ އެކު ފްރާންސްގެ ނުވަ ސިޓީއެއްގައި ކާފިއު

15 އޮކްޓޯބަރ 2020

ޕެރިސް (އޮކްޓޯބަރު 15) - ފްރާންސްގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާތީ ބަލި ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ވެރިރަށް ޕެރިހާއި އިތުރު އަށް ސިޓީއެއްގައި ރޭގަނޑު 9 އިން ހެނދުނު 6 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (އޮކްޓޯބަރު 15) - ފްރާންސްގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވާތީ ބަލި ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ވެރިރަށް ޕެރިހާއި އިތުރު އަށް ސިޓީއެއްގައި ރޭގަނޑު 9 އިން ހެނދުނު 6 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފި އެވެ.

ގައުމީ ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބް ކުރައްވައި ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އަޅާ އާ ފިޔަވަޅުތައް މަދުވެގެން ހަތަރު ހަފުތާ އަށް ދެމިގެންދާނެ ކަމަށެވެ. ފްރާންސްގައި ވަނީ ސިއްހީ ކުއްލި ހާލަތު ވެސް އިއުލާންކޮށްފަ އެވެ.

ފްރާންސް އިން އިއްޔެ އެކަނި ވެސް ވަނީ 22،951 މީހުން ޕޮޒިޓިވްވެފަ އެވެ. ފްރާންސްގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް ވަނީ 9،100 އަށް އަރައިފަ އެވެ. މިއީ ޖޫން މަހުގެ ފަހުން އެ އަދަދު އެހާ މަތިވި ފުރަތަމަ ފަހަރެވެ. ކޮވިޑް-19 ގައި ފްރާންސް އިން ވަނީ 33،000 މީހުން މަރުވެފަ އެވެ.

މީހުން ބޭރަށް ނުކުމެ އުޅުން މަނާ ގަޑީގައި ވެސް ޒަރޫރީ ކަންކަމަށް ހުއްދަ ދިނުމަށް ވަނީ ނިންމައިފަ އެވެ. ކާފިއު ގަޑީގައި، ހުއްދަ ނެތި ބޭރުގައި އުޅޭ މީހުން 135 ޔޫރޯ އިން ޖޫރިމަނާ ކުރާނެ އެވެ.

ކޮރޯނާވައިރަހުގެ ދެ ވަނަ ރާޅެއް ކުރިމަތިވުމާ ގުޅިގެން ޔޫރަޕުގެ ވަރަށް ގިނަ ގައުމުތަކުން ދަނީ ފިޔަވަޅުތައް ހަރުކަށި ކުރަމުންނެވެ. ނެދަލޭންޑްސްގައި ވަނީ ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކޮށް ރޭގަނޑު 10 ގެ ފަހުން މީހުން ބޭރުގައި އުޅުން މަނާކޮށްފަ އެވެ. ސްޕޭނުގައި އެންމެ ބޮޑަށް ބަލި ފެތުރޭ ކެޓަލޯނިއާގައި ބުރާސްފަތި ދުވަހުން ފެށިގެން 15 ދުވަހަށް ރެސްޓޯރެންޓްތަކާއި ބާތައް ބަންދު ކުރަން ވަނީ ނިންމައިފަ އެވެ. ޗެކް ރިޕަބްލިކުގެ ސްކޫލްތަކާއި ބާތައް ބަންދުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.