Roadha Mihaaru
މެސީގެ ޕެނަލްޓީން އާޖެންޓީނާ މޮޅުވެއްޖެ

މެސީގެ ޕެނަލްޓީން އާޖެންޓީނާ މޮޅުވެއްޖެ

09 އޮކްޓޯބަރ 2020

ބީނޯސް އޭރީޒް، އާޖެންޓީނާ (އޮކްޓޫބަރު 9) - ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ ކާމިޔާބުކުރި ޕެނަލްޓީން 1-0 އިން އެކުއެޑޯ އަތުން މޮޅުވެއްޖެ އެވެ.

ބީނޯސް އޭރީޒް، އާޖެންޓީނާ (އޮކްޓޫބަރު 9) - ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ތަރި ލިއޮނަލް މެސީ ކާމިޔާބުކުރި ޕެނަލްޓީން 1-0 އިން އެކުއެޑޯ އަތުން މޮޅުވެއްޖެ އެވެ.

މިއީ މިދިޔަ އަހަރުގެ ކޮޕަ އެމެރިކާގެ ތިން ވަނަ ހޮވާ މެޗުގައި ރަތް ކާޑު ދެއްކި ފަހުން އާޖެންޓީނާގެ ރަސްމީ މެޗެއްގައި މެސީ ކުޅުނު ފުރަތަމަ ފަހަރެވެ. އެ ރަތް ކާޑާ ގުޅިގެން މެސީ އަށް ދިން ސަސްޕެންޝަންގެ މުއްދަތު ހަމަވެފައިވާތީ އޭނާ އެ ސަސްޕެންޝަން އޮތީ އުވިފަ އެވެ. އެހެންވެ މެސީ އަށް ކުޅުމުގެ ފުރުސަތު ދޭން ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ ކޮންމެބޯލުން ނިންމީ އެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ ޕެނަލްޓީ އަކުން މެސީ އެވެ. މިއީ މެޗުގެ 11 ވަނަ މިނިޓްގައި އޭރިއާ ތެރެއިން އާޖެންޓީނާގެ ލޫކަސް އޮކަމްޕޯސް އަށް އެކުއެޑޯގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ދެ ވަނަ ހާފްގައި ގޯލު ޖަހަން ދެ ޓީމަށް ވެސް ފުރުސަތުތަކެއް ލިބިގެންދިޔައިރު، އެއްވެސް ޓީމަކަށް ބޭނުމެއް ނުހިފުނެވެ. އާޖެންޓީނާގެ އޮކަމްޕޯސް އާއި ލަޓާރޯ މާޓިނޭޒް ފޮނުވާލި ހަމަލާތައް ގޯލަކަށް ހަދާލެވޭގޮތެއްނުވި އެވެ.

މެޗަށް ފަހު އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ ގިނަ ދުވަސްތަކަކަށް ފަހު ފުރަތަމަ މެޗު ކުޅެން ޖެހުމުން އުނދަގޫތަކެއް ހުރި ކަމަށާއި އެކަމަކު މެސީގެ ފަރާތުން ފެނުނު ރަނގަޅު ކުޅުމުގެ ސަބަބުން މި މެޗުން މޮޅުވާން އެ ޓީމަށް ފުރުސަތުތައް ފަހިވެގެންދިޔަ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން 2022 ގައި ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވެއްޖެނަމަ އެ މުބާރާތް ވެގެންދާނީ މެސީ ގައުމީ ޓީމަށް ކުޅޭ ފަހު މުބާރާތަށެވެ. އޭގެ ކުރިން އަންނަ އަހަރު އާޖެންޓީނާ އާއި ކޮލަމްބިއާގައި ބާއްވާ ކޮޕަ އެމެރިކާގައި ވެސް މެސީ ކުޅޭނެ އެވެ. މި ދެ މުބާރާތަކީ މެސީ ގައުމީ ޓީމާ އެކު ތަށްޓެއް ހޯދަން ކުރަން މަސައްކަތުގައި ލިބޭނެ ފަހު ފުރުސަތެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ޕެރަގުއޭގައި ޕެރޫއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޕެރަގުއޭގެ ދެ ގޯލު އެންޖެލް ރޮމޭރޯ ޖެހިއިރު ޕެެރޫގެ ދެ ގޯލު ކާމިޔާބުކުރީ އަންދްރޭ ކަރީއޯ އެވެ. އުރުގުއޭ އިން ވަނީ ލުއިސް ސުއަރޭޒާއި މެކްސިމިލިއާނޯ ގޯމޭޒްގެ ގޯލުތަކުން 2-1 އިން ޗިލީ ބަލިކޮށްފަ އެވެ. ޗިލީގެ ގޯލު ޖެހީ އަލެކްސިސް ސަންޗޭޒް އެވެ.