ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން ލިބެންޖެހޭ 65 ވެންޓިލޭޓަރު ރާއްޖެ އަށް ފޮނުވާނެ ދުވަހެއްގެ ޔަގީންކަން އެ ކުންފުނިން އަދިވެސް ނުދޭ ކަމަށް ހެލްތު މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
08 އޮކްޓޯބަރ 2020
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން ލިބެންޖެހޭ 65 ވެންޓިލޭޓަރު ރާއްޖެ އަށް ފޮނުވާނެ ދުވަހެއްގެ ޔަގީންކަން އެ ކުންފުނިން އަދިވެސް ނުދޭ ކަމަށް ހެލްތު މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި އެ ކުންފުންޏާ އެކު ވީ އެއްބަސްވުމުގެ ދަށުން، ކޮވިޑް-19ގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 10 ވެންޓިލޭޓަރެވެ. މިއީ ހެލްތު މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގައި ބުނާ ސްޕެސިފިކޭޝަނަށް ނުފެތޭ 10 ވެންޓިލޭޓަރު ފޮނުވުމަށް ފަހު އޭގެ ބަދަލުގައި ފޮނުވި އެއްޗިއްސެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން އިއްޔެ ވިދާޅުވީ ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން މިދިޔަ ހޮނިހިރުދުވަހު އެގްޒެކިއުޓާސްއާ ވާހަކަ ދެއްކެވި ކަމަށެވެ. ހެލްތުން އެދުނު ސްޕެސިފިކޭޝަނާ އެއްގޮތަށް އިތުރު ވެންޓިލޭޓަރުތަކެއް ފޮނުވަން ތައްުޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް ތާރީޚެއް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަސްލީމާ ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުތަކާ ބެހޭ ގޮތުން މަޝްވަރާތައް އަދިވެސް ކުރިއަށްދެ އެވެ.
"ކޮމިއުނިކޭޝަން އެބަ ހިނގާ، އެކަމަކު ވެންޓިލޭޓަރުތައް ލިބޭނެ ދުވަހެއްގެ ޔަގީންކަން އަދި ނުލިބޭ،" އޭނާ ވިދާޅުވި އެވެ.
މި މުއާމަލާތުތައް ހިނގާތީ، ވެންޓިލޭޓަރުތައް ނުލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން އަދިވެސް ނުނިންމަ އެވެ. އެއްބަސްވުމެއް ކުންފުންޏަކާ އެކު އޮތުމުން އެއަށް އިހްތިރާމްކުރިއަސް ވެންޓިލޭޓަރުތައް ލިބޭނެ ކަމަށް ބަލައިގެން ތިބެވޭނީ ވަކި މުއްދަތަކަށް ކަން ތަސްލީމާ ފާހަގަކުރެއްވި އެވެ.
އެ ހާލަތަކަށް ހިނގައްޖެ ނަމަ، މަޝްވަރާކޮށް ގޮތްތަކެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.
ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކުރީ ބޭންކް ގެރެންޓީއަކާ ނުލަ އެވެ. މިއީ، މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ އޮތް ކަމަކަށް ވާތީ ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވަނީ ލަފާ ދެއްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި، ބާކީ 10 ޕަސެންޓް ފައިސާ ދޫކޮށްދޭން އެ ކުންފުނިން ވަނީ އެދިފަ އެވެ. އެގޮތަށް އެދުނުކަން ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދެ އެވެ. އެކަމަކު ވެންޓިލޭޓަރުތައް ނުލިބެނީސް ފައިސާދޭކަށް މިނިސްޓްރީގެ ވިސްނުމުގައި ނެތް ކަން އެތަނުން ޔަގީންކޮށްދެ އެވެ.
ހެލްތު މިނިސްޓްރީއާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި ޕްރޮޖެކްޓުގެ 90 ޕަސެންޓަށް ވާ ފައިސާ އެޑްވާންސްކޮށް އެގްޒެކިއުޓާސް އަށް ދޫކުރީ އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދަން ވަގުތު ނަގާނެތީ އާއި ވެންޓިލޭޓަރުތައް ވަކި މުއްދަތެއްގެ ތެރޭގައި ރިޒާވްނުކޮށްފި ނަމަ އެ ނުލިބޭނެތީ އެވެ. ވެއާހައުސް ޗާޖުގެ ގޮތުގައި ކޮންމެ ދުވަހަކު 25،000 ޑޮލަރު އެގްޒެކިއުޓާސް އިން ދައްކަން ޖެހޭ ކަމަށް އެ ކުންފުނިން ބުނި ކަމަށް ވެސް އޮޑިޓުގައިވެ އެވެ.
ވެންޓިލޭޓަރު ފަދަ މެޝިންތަކަކީ އެގޮތަށް ގުދަންތަކުގައި ދިގު މުއްދަތަކަށް ސްޓޮކްކޮށްފައި ބަހައްޓާ ތަކެތި ނޫން ކަމަށް ވާތީ އެގްޒެކިއުޓާސް އިން އެހެން ބުންޏަސް އެންމެ ކުޑަމިނުން ގުދަނުގައި އެތަކެތި ހުރިތޯ ކަށަވަރުނުކޮށް ހެލްތުން ފައިސާ ދީފައިވާތީ އޮޑިޓުގައި ވަނީ ސުވާލު އުފައްދައިފަ އެވެ. މި ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ ލަފާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް ހެލްތު މިނިސްޓްރީން ބުނާ ވާހަކަ އޮޑިޓް އޮފީހުން ދޮގު ކުރެ އެވެ. ރަސްމީ އެފަދަ އެއްވެސް މުއާމަލާތެއް ޑަބްލިއުއެޗްއޯއާ އެކު ނުހިނގާ ކަމަށް އޮޑިޓް އޮފީހުން ބުންޏަސް ހެލްތު މިނިސްޓްރީން ބުނަނީ އެތަނުގެ ކަންޓްރީ ރެޕްރެޒެންޓޭޓިވްއާ އެކު ހިނގީ އެއީ ރަސްމީ މުއާމަލާތެއް ކަމަށެވެ.
ވެންޓިލޭޓަރު ހޯދުމުގައި ގޯސްތަކެއް ހިނގާފައިވާ ކަމަށް އޮޑިޓުގައި ތުހުމަތު ކުރުމުން އޭސީސީ އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ. މި ތަހުގީގު ހިނގަނިކޮށް، އަމިއްލަ އަށް މަސްއޫލިއްޔަތުން އެކަހަރިވެވަޑައިގެން ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން އެ ބޭފުޅުން ވިދާޅުވީ ގަވާއިދާއި ގާނޫނާ ޚިލާފަށް ނާޖާއިޒު އެއްވެސް މަންފާއެއް ހޯދައިދިނުމުގެ އަމަލެއް ހިންގާފައި ނޯންނާނެ ކަމަށެވެ. ތިން ކުންފުންޏާ އެކު އެއްބަސްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ހުއްދައާ އެއްގޮތަށް، ކޮވިޑް-19ގެ މަސައްކަތުގައި ހިމެނުނު ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެނގިގެން ކަމަށެވެ. އެކަމަކު އަމީރު ވިދާޅުވެފައި ވަނީ ގަވާއިދާ ޚިލާފަށް އަމަލުކުރަން ހުއްދައެއް ދެއްވާފައި ނޯންނާނެ ކަަމަށެވެ. އޭސީސީން މިދިޔަ ހަފުތާގައި ބުނެފައި ވަނީ ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގު ނިންމައި ދެ ހަފުތާ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށެވެ.
ވެންޓިލޭޓަރު މައްސަލަ: އޭސީސީ އާއި ޕޮލިސް މަޖިލީހަށް
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާކޮށްދޭން އެދިއްޖެ
ވެންޓިލޭޓަރު މައްސަލާގެ ތަހުގީގު ލަހެއް ނުވާނެ: އޭސީސީ
ހެލްތުގެ މައްސަލަ ފުލުހުންނާއި އޭސީސީން ތަހުގީގު ކުރަނީ
މާލިއްޔަތު ކޮމިޓީން ވެންޓިލޭޓަރު މައްސަލަ ޕޮލިހަށް
ވެންޓިލޭޓަރުތަކުގެ މައްސަލާގައި އަމީރު މަޖިލިހަށް!
ވެންޓިލޭޓަރުތަކުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިފި
ވެންޓިލޭޓަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާ
ވެންޓިލޭޓަރު މައްސަލާގައި އާބިޓްރޭޝަނަށް ދާން އެދިއްޖެ