Roadha Mihaaru
އަންހެނުންނަށް ގޮނޑި ޚާއްސަކުރުން:ކޯޓުގައި ހޫނު ބަހުސް

އަންހެނުންނަށް ގޮނޑި ޚާއްސަކުރި މައްސަލާގައި ކޯޓުގައި ހޫނު ބަހުސްތަކެއް

06 އޮކްޓޯބަރ 2020

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ޚާއްސަކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ހޫނު ބަހުސެއް ހައި ކޯޓުގައި މިއަދު ހިނގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ޚާއްސަކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ހޫނު ބަހުސެއް ހައި ކޯޓުގައި މިއަދު ހިނގައިފި އެވެ.

އަންހެނުންނަށް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑިތައް ޚާއްސަކުރަން އިދާރީ ދާއިރާތައް ލާ މަރުކަޒީ އުސޫލު ހިންގުމުގެ ގާނޫނުގައި އަލަށް ހިމެނި މާއްދާ ބާތިލްކުރަން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ. އޭނާ ހުށަހެޅި މައްސަލާގައިވަނީި އެގޮތަށް އަންހެނުންނަށް ގޮނޑި ޚާއްސަ ކުރުމަކީ ގާނޫނު އަސާސީން ލިބިދޭ އެ މީހަކު އިހްތިިޔާރުކުރާ ކެންޑިޑޭޓަކަށް ވޯޓު ދިނުމުގެ ހައްގާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ހައްގު ގެއްލިގެންދާ ކަމެއް ކަމަށްވާތީ ގާނޫނުގެ އެ މާއްދާ ބާތިލް ކުރުމަށެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެއްވެސް ބައެއްގެ މެދުގައި ތަފާތު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި އޮތަސް، ވަކި ޚާއްސަ ބަޔަކަށް އިނާޔަތެއް ނުވަތަ ރައްކާތެރިކަމެއް ފޯރުކޮށް ދިނުމަކީ ތަފާތު ކުރުމަކަށް ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ކަމަށެވެ. އަދި އަންހެނުންނަކީ ޚާއްސަ ރައްކާތެރިކަން ދޭންޖެހޭ ބައެއް ކަމަށް ބައިނަލްއަގްވާމީ މުއާހަދާތަކުން ބާރު އަޅާ ކަމަށާއި އެހެންވެ، އަންހެނުން ބާރުވެރިކުރަން ކުރާ ކަންކަމަކީ ތަފާތު ކުރުމަކަށް ނުވާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި ޔޫރަޕްގެ އިންސާނީ ހައްގުތަކާ ބެހޭގޮތުން ކޯޓުން އެގޮތަށް ނިންމާފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އިންތިޚާބީ ހައްގަށް ހުރަސް އެޅޭ ކަމަށް ބުނާ ބުނުމަށް ރައްދުދީ ދައުލަތުން ބުނީ ވަކި ގޮނޑިތަކެއް އަންހެނުންނަށް ޚާއްސަ ކުރިޔަސް، އިންތިޚާބުތަކުގައި އެހެން ދާއިރާއަކަށް ކުރިމަތިލުމުގެ ހައްގު ކޮންމެ މީހަކަށް އޮންނާތީ އެ ހައްގު ހަނި ކުރީ ނޫން ކަމަށެވެ. އަދި އެއީ ހައްގެއް ހަނި ކުރުން ކަމަށް ކޯޓަށް ގަބޫލު ކުރެވުނަސް، އެ ހައްގު ހަނި ކޮށްފައިވަނީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށް، މިނިވަން ޑިމޮކްރަޓިކް މުޖްތަމައުގައި ބަޔާންކުރާ މިންވަރަށް އަދި ގާނޫނަކުން ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި އަންހެނުންނަށް އިންތިޚާބީ މަގާމުތައް ޚާއްސަ ކުރުމަކީ ކުރިއަރާފައިވާ ގައުމުތަކުން މިހާރު ވެސް ކުރާ ކަމެކެވެ. އެގޮތުން އިންޑިއާ އާއި ޕާކިސްތާނާއި ނޭޕާލް ފަދަ ގައުމުތަކުގައި އެގޮތަށް އަމަލު ކުރާ ކަމަށާއި އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުގައި ވަކި ދާއިރާތަކެއްގެ ވަޒީފާގައި ވަކި ޖިންސެއް މަދުވާ ކަމަށް ފެންނަ ނަމަ، ޖިންސީ ހަމަހަމަ ކަން ގެނައުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅޭ ގޮތަށް ގާނޫނު ހަދާފައިވާ ކަމަށާއި ރާއްޖޭގައި އަންހެނުންނަށް ކައުންސިލްތަކުން ގޮނޑި ޚާއްސަކުރީ ކައުންސިލްތަކުގައި އަންހެނުންގެ ބަައިވެރިވުން މަދުވުމުން ރިޔާސީ ވައުދެއްގެ ގޮތުގައި އެކަން ހިމަނައިގެން ކަމަށް ދައުލަތުން ބުންޏެވެ.

އެކަންކަން ފާހަގަކޮށް، ދައުލަތުން އެދުނީ އަންހެނުންނަށް ކައުންސިލްތަކުން ގޮނޑި ޚާއްސަކުރާ މާއްދާއަކީ ގާނޫނު އަސާސީއާ ޚިލާފް މާއްދާއެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ރައްދުގައި މޫސާ އަންވަރު ވިދާޅުވީ ސަރުކާރަކުން ރައްޔިތުންނަށް ވައުދެއް ވެފައި އޮތުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ކަންކަން ކުރެވޭނެ ސަބަބެއް ނޫން ކަމަށާއި އެ ބަދަލު ގެނައީ ރައްޔިތުން އެދޭ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޚާއްސަ ހާލަތެއްގައި ތިބި ބަޔަކަށް ޚާއްސަ ރައްކާތެރިކަމެއް ދިނުމަކީ ތަފާތު ކުރުމަކަށް ގާނޫނީ ގޮތުން ނުވިޔަސް، އެއް ހަމައެއްގައި ތިބި ބައެއްގެ މެދުގައި ކުރެވޭ ތަފާތަކީ ތަފާތު ކުރުމަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންހެނުންގެ ބާރުވެރި ކުރުވުމުގެ ނަމުގައި ކަމަށް ބުނެ ޑިމޮކްރަސީގެ އަސާސްތަކާ ދައުލަތަށް ޚިލާފެއް ނުވެވޭނެ އެވެ. އަދި ގާނޫނު އަސާސީގައި ބުނާ އިންތިޚާބީ މަގާމުތަކެއް ގާނޫނެއް ބޭނުން ކޮށްގެން ވަކި ބަޔަކަށް ޚާއްސަ ކުރެވޭ ނަމަ، ވޯޓުލުމުގެ ހައްގު ވެެސް ވަކި ޖިންސަކަށް އެކަނި ލިބޭ ގޮތަށް ގާނޫނަކުން ހެދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެހެންވެ، ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި އަންހެނުންނަށް ގޮނޑި ޚާއްސަ ނުކުރެވޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އަންހެނުންނަށް ގޮނޑި ޚާއްސަ ކުރާ ގައުމުތަކުގެ މިސާލެއްގެ ގޮތުން އިނގިރޭސިވިލާތް ދައުލަތުން ފާހަގަ ކުރިޔަސް، އެ ގައުމަކީ ރާއްޖޭގައި އޮންނަ ފަދަ ގާނޫނު އަސާސީއެއް އޮންނަ ގައުމެއް ނޫން ކަމަށްވާތީ ރާއްޖެ އާއި އިނގިރޭސިވިލާތް އަޅާ ނުކިޔޭނެ ކަމަށެވެ. އަދި އިންޑިއާ އާއި ނޭޕާލްގައި ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ޚާއްސަ ކުރީ އެ ގައުމުގެ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގައި ވެސް އެ އުސޫލުން އަމަލު ކުރި ނަމަ، ރަނގަޅުވީސް ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް ކައުންސިިލްތަކުގައި އަންހެނުންނަށް ތިބިކަން ފާހަގަކޮށް، މޫސަ ވަނީ ގާނޫނުން އެ ބަދަލު ގެނައީ ކޮން ފުރުސަތެއް ނުލިބިގެންތޯ ސުވާލު ކުރައްވައިފަ އެވެ. އަދި އެއްވެސް ބާރެއް ނެތް ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ޚާއްސަ ކުރިއިރު، މަޖިލީހުގެ ވަކި ގޮނޑިތަކެއް އަންހެނުންނަށް ޚާއްސަ ނުކުރީ ކީއްވެގެންތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

މޫސަ ވިދާޅުވީ ދައުލަތުގެ އިހްލާސްތެރިކަމެއް އޮތް ނަމަ، އަންހެނުންނަށް ގޮނޑި ޚާއްސަ ކުރަންވީ މަޖިިލީހުން ކަމަށާއި އެކަން އެގޮތަށް ނުކުރުމުން އެ ބަދަލު ގެނައީ އެއްވެސް އިހްލާސްތެރި ކަމެއް ނެތި، ނަމެއްގައި ކަން ހާމަވާ ކަމަށް ވިދާޅުވި އެވެ. އޭނާ އެގޮތަށް ވިދާޅުވުމުން ފަނޑިޔާރުންގެ ބެެންޗުން ވަނީ އެ ވާހަކަތައް ހުއްޓުވައި، އެއީ މައްސަލައާ ގުޅުންހުރި ވާހަކައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ދޮޅު ގަޑިއެއްހާއިރަށް ދިގު ދެމިގެންދިޔަ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު އެވެ. އަދި ދެން އޮންނާނީ މައްސަލާގެ އެންމެ ފަހު އަޑުއެހުން ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޔާސަތު ބަލަހައްޓަވާ އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހުސައިިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީ އެވެ. ހައި ކޯޓުން ފަސް ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބަލާނީ ވަރަށް މަދުންނެވެ.